ރުފިޔާ އެކައުންޓުން ބިދޭސީންނަށް ބޭރު ފައިސާ ނުނެގޭ ގޮތަށް ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ރުފިޔާ އެކައުންޓުތަކުން ބިދޭސީންނަށް ބޭރު ފައިސާ ނުނެގޭ ގޮތަށް ހަމަޖައްސައި އަދި ދިވެހިންނަށް ބޭރުގެ ޕީއޯއެސްތަކުން ދުވާލަކު މުއާމަލާތުކުރެވޭ އަދަދު 400 ޑޮލަރަށް ( 5،140ރ.) އަންނަ ނޮވެމްބަރު 1 އިން ފެށިގެން ހަމަޖެއްސުމަށް ނިންމައިފި އެވެ.
ބީއެމްއެލް ކާޑު ސެންޓަރުގެ ހެޑް މުހައްމަދު ޝަރީފު ވިދާޅުވީ އެއް މަސް ދުވަހުގެ ނޯޓިސް ދިނުމަށް ފަހު ރުފިޔާ އެކައުންޓުތަކާ ލިންކުކޮށްފައިވާ ބިދޭސީންގެ ޑެބިޓް ކާޑުތަކަށް ބޭރުގެ އޭޓީއެމްތަކާއި އަދި ޕީއޯއެސްތަކުން ބޭނުންނުކުރެވޭ ގޮތަށް ހަމަޖައްސަން ނިންމީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރު ގައުމުތަކުގެ ބައެއް މީހުން ގަވާއިދާ ހިލާފަށް ކާޑު ބޭނުންކޮށްގެން ރުފިޔާ އެކައުންޓުތަކުން ބޭރު ފައިސާ ނަގަމުން ގެންދާތީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ނޮވެމްބަރުން ފެށިގެން ބީއެމްއެލް އިން ބިދޭސީންނަށް ޑެބިޓް ކާޑު ދޫކުރާނީ ވެސް ހަމައެކަނި ޑޮލަރު އެކައުންޓުތަކަށެވެ.
"ބައެއް ބިދޭސީން މި ހަދާ ގޮތަކީ ކާޑު ހައްދާފައި ރަށަށް އެ މީހުންގެ އާއިލާ އަށް ފޮނުވާލަނީ. މާލޭން ފައިސާ ޖަމާކުރީމަ ރަށުގައި ހުންނަ މީހާ ކާޑުން ފައިސާ މި ނަގަނީ. އެފަދަ މައްސަލަތައް ކޮންޓްރޯލްކުރުމަށް އެގޮތަށް މި ހަމަޖެއްސީ،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑެބިޓް ކާޑުން ބޭރު ގައުމުތަކުގައި ހިދުމަތް ހޯދުމަށް ނޮވެމްބަރު މަހުން ފެށިގެން އަންނާނެ އަނެއް ބަދަލަކީ މިދިޔަ އަހަރުގެ އޮގަސްޓު 20 ގެ ކުރިން ދޫކޮށްފައިވާ ކާޑުތަކާއި އަދި އެ ތާރީހުގެ ފަހުން ދޫކޮށްފައިވާ ކާޑުތަކުން ވެސް އެއް އުސޫލަކުން މުއާމަލާތް ކުރެވޭ ގޮތަށް ހެދުމެވެ. އެގޮތަށް ހަމަޖެއްސުމުން ފަހުން ދޫކޮށްފައިވާ ކާޑުތަކަށް ވެސް ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ދުވާލަކު 400 ޑޮލަރުގެ ވިޔަފާރި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިން ދޫކޮށްފައިވާ ގިނަ ކާޑުތަކަށް ބޭރުގެ ފީއޯއެސް ޓާމިނަލްތަކުން މިހާރު ވެސް ދުވާލަކު 400 ޑޮލަރުގެ ވިޔަފާރި ކުރެވެ އެވެ. ބޭރުގެ އޭޓީއެމްތަކުން ޑެބިޓް ކާޑުން ނެގެނީ ދުވާލަކު 200 ޑޮލަރެވެ.
"މި ބަދަލާ އެކު ޑެބިޓް ކާޑު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް އެއް އުސޫލަކުން ހިދުމަތް ދެވޭނެ. މިހާރު ޕީއޯއެސްތަކުން 200 ޑޮލަރު ނެގޭ ފަރާތަކަށް އެ އަދަދު 400 ޑޮލަރަށް އިތުރުވާނެ،" ޝަރީފު ވިދާޅުވި އެވެ.
ބޭންކުން މި ގެނައި ބަދަލާ ގުޅިގެން ނޮވެމްބަރުން ފެށިގެން ޑެބިޓް ކާޑު ބޭނުންކުރާ ކޮންމެ ދިވެއްސަކަށް ވެސް ބޭރު ގައުމުތަކުގައި ދުވާލަކު ޖުމްލަ 600 ޑޮލަރު ( 7،710ރ.) ގެ މުއާމަލާތް ބޭރު ފައިސާ އިން ކުރެވޭނެ އެވެ. އޭގެ އިތުރަށް ޑޮލަރު އެކައުންޓާ ކާޑު ލިންކް ކޮށްފައި ހުރެއްޖެ ނަމަ އެކައުންޓުގައި ހުންނަ އަދަދަށް ބޭރު ފައިސާ ނެގޭނެ އެވެ.
"ކާޑު ބޭނުންކުރެވޭތީ ބޭރަށް ދާ ދިވެހިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް އެބަ ލިބޭ. އަޅުގަނޑުމެން ބަލަނީ އެ ފަސޭހަ ވީހާ ގިނަ ބަޔަކަށް ހޯދައިދިނުމަށް،" އޭނާ ވިދާޅުވި އެވެ.
ކާޑު ސެންޓަރުން ބުނި ގޮތުގައި ބޭރު ގައުމުތަކުގައި ދުވާލަކު ކާޑުން ކުރެވޭ މުއާމަލާތްތަކުގެ އަދަދު ލިމިޓެކުރަން ޖެހެނީ، އެ ގޮތަށް އަމަލު ނުކޮށްފި ނަމަ ބޭރު ފައިސާ ހާލަތު ހުރި ގޮތުން ދެމެހެއްޓެނިވި ހިދުމަތެއް ޑެބިޓް ކާޑަށް ފޯރުކޮށްދިނުމަށް ބޭންކަށް ދަތިވާނެތީ އެވެ. ބޭރު ގައުމުތަކުގައި ކާޑުން ކުރާ މުއާމަލާތްތަކަށް ބޭންކުން، ފައިސާ ދައްކަން ޖެހެނީ ޑޮލަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ