ލ. ފޮނަދޫ ކައުންސިލްގެ އާ ރާއީސް ޑީއާރްޕީން ވަކިކުރަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

ލ ފޮނަދޫ ކައުންސިލްގެ ރައީސް އަބްދުއް ސަމަދު ޢަލީގެ އިތުބާރު ނެތް ކަމަށް ވޯޓެއް ނަގައި އޭނާ ކައުންސިލުގެ ރައީސް ކަމުން ދުރުކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެން އެ ކައުންސިލްގެ އާ ރައީސް އަބްދުލް ހަސީބް އިބްރާހިމް އެ މަގާމުން ދުރު ކުރުމަށް މަގުފަހިވާފަދަ ޕެޓިޝަނެއްގައި ޑީއާރްޕީގެ ފޮނަދޫ އެކްޓިވިސްޓުން ސޮއިކުރަން ފަށައިފި އެވެ.
އެ ޕެޓިޝަނުގައި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީއަށް ގޮވާލާފައިވަނީ ރައްޔިތުންގެ ރުހުމާއި ތާއީދާއެކު ޑީއާރްޕީގެ ފުރިހަމަ އަގުލަބިއްޔަތެއް އޮތް ފޮނަދޫ ކައުންސިލް ރައީސްގެ މަގާމުގައި ހުންނެވި ސަމަދު ކުއްލި ގޮތަކަށް އެ މަގާމުން ދުރުކޮށް ހަސީބް އެ މަގާމަށް އިންތިހާބު ކުރުމުން އޭނާއާ މެދު އަވަހަށް، ހަރުކަށި ފިޔަވަޅު އެޅުމަށާއި އަދި ޑީއާރްޕީގެ މެންބަރުކަމުން އޭނާ ވަކިކޮށް ދިނުމަށެވެ.
"އަޅުގަނޑުމެން ވަރަށް މަސައްކަތުން ޑީއާރްޕީ މެންބަރުން މި ކައުންސިލަށް ހޮވީ. އެކަމަކު އަޅުގަނޑުމެން ކައިރިން އަހާލުމެއް ނެތި ސަމަދު މަގާމުން ދުރުކޮށް ހަސީބު މަގާމަށް ވަޑައިގަތީ. އެގޮތަށް މަގާމަށް އިންތިހާބުވި ބޭފުޅަކާ މެދު ޑީއާރްޕީން ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ. އެގޮތުން އަޅުގަނޑުމެން ޕެޓިޝަނެއް މި ތައްޔާރުކުރީ އޭނާ ވަގުތުން ޕާޓީން ވަކި ކުރަން،" ޕެޓިޝަން ހެދުމުގައި އިސްކޮށް އުޅޭ ޑީއާރްޕީގެ އެކްޓިވިސްޓެއް ކަމަށްވާ އިބްރާހިމް މުހަންމަދު ބުންޏެވެ.
ހަސީބު ޕާޓީން ވަކިކުރަން ޑީއާރްޕީގެ ލީޑާޝިޕަށް ގޮވާލާފައިވާ އެ ޕެޓިޝަންގައި ޑީއާރްޕީގެ މެންބަރުންގެ އިތުރުން ޑީއާރްޕީއަށް ހެޔޮއެދޭ 500 އެއްހާ މީހުން ސޮޔެ ކޮށްފައިވާކަމަށް ވެސް އޭނާ ބުންޏެވެ. އަދި ބުނީ މިހާރު އެ ޕެޓިޝަން ހިފައިގެން މާލެ ދިޔުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"މިހާރު ޓިކެޓް އޯކޭ ނުވެގެން މިތިބީ މާލޭ ދާން. އޯކޭ ވީމަ ފުރަން ވީ،" އިބްރާހިމް ބުންޏެވެ.
ފޮނަދޫ ކައުންސިލުގެ ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި ސަމަދުގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމުގެ މައްސަލަ ހުށަހެޅީ އެ ކައުންސިލްގެ ނައިބު ރައީސް އަލީ އައްސަދެވެ. އެ ހުށަހެޅުމަށް ތާއީދުކޮށް ވޯޓުދެއްވި މެންބަރުންގެ ތެރޭގައި ތެރޭގައި މިހާރުގެ ރައީސް ހަސީބު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ނަމަވެސް ހަސީބު މިއަދު ވިދާޅުވީ ސަމަދު ވަކި ކުރުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށެވެ. ކައުންސިލްގެ އަޣުލަބިއްޔަތުން ރައީސްކަމުގެ މަގާމަށް އިންތިހާބުވުމަކީ ޑީއާރްޕީގެ މެންބަރު ކަމުން ވަކި ކުރެވޭނެ ސަބަބެއް ނޫންކަމަށް ވެސް ހަސީބު ވިދާޅުވި އެވެ.
"އަޅުގަނޑު އެ ދުވަހު ވޯޓުދިނީ ކައުންސިލްގެ އަގުލަބިއްޔަތު އޮތް ގޮތަށް. ދެން އަޅުގަނޑު ނޯންނާނެ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުވެފައެއް. އަޅުގަނޑު ރައީސްކަމަށް ކައުންސިލުން އައްޔަން ކުރީމާ އެކަމާ ހެދި އަޅުގަނޑު ޕާޓީން ވަތްކެއް ނުކުރެވޭނެ. އެކަމުގައި އުސޫލުތަކެއް އޮންނާނެ. ޕެޓިޝަން ހެދުމަކީ އެ ބޭފުޅުންގެ ހައްގެއް. އެކަމުގައި އެއްވެސް މައްސަލައެއް ނެތް. ކައުންސިލްގެ އެއްވެސް މެންބަރަކާއި މެދުވެސް އަޅުގަނޑުގެ ބަރުހިތެއް ނެތް،" ފޮނަދޫގެ ޑީއާރްޕީ ގިނަ މެންބަރުންތަކެއް ސޮއި ކޮށްފައިވާކަމަށް ބުނާ ޕެޓިޝަނާ ގުޅޭގޮތުން ހަސީބު ވިދާޅުވި އެވެ.
ރައްޔިތުން ބާރުވެރި ކުރުވުމަށް ކައުންސިލްތައް އިންތިހާބުކުރި ފަހުން އެންމެ ފުރަތަމަ ކައުންސިލެއްގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކޮށްފައިވަނީ ފޮނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ސަމަދު އެވެ. ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތުން އޭނާ މަގާމުން ދުރުކުރީ ރަށުގެ ގުރުއާން މުބާރާތަށް އެއްބާރުލުން ނުދޭކަމަށް ބުނެ އެވެ. ފޮނަދޫގައި އޮންނަނީ ޑީއާރްޕީގެ ކައުންސިލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ