އޭސީސީއާއި އެމްއެންޔޫ އާ ދެމެދު ފަހުމްނާމާއެއްގައި ސޮއިކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާއަކީ އެމްއެންޔޫގެ ބިޒްނަސް ސްކޫލާ ގުޅިގެން “ސެޓްފިކެޓް 3 އިން ޕަބްލިކް ޕްރޮކިއުމަންޓް އެންޑް ފައިނޭންޝިއަލް ރެގިއުލޭޝަން” ގެ ނަމުގައި ކޯހެއް ހިންގުމަށްޓަކައި ދެފަރާތުން މަސައްކަތްކުރުމަށް ޤާއިމްކުރި ފަހުމްނާމާއެކެވެ.
ފަހުމްނާމާގައި ސޮއިކުރުމަށް އެމްއެންޔޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އޭސީސީގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ބިޒްނަސް ސްކޫލްގެ ޑީން އަލްފާޟިލް ޝާތިފް ޢަލީއެވެ.
ދައުލަތުގެ މުދަލާ ފައިސާ ބެލެހެއްޓުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށާއި މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގުމަށް މި ކޯހުގައި ކިޔަވައިދިނުމުގެ އެންމެހާ ކަންތައް ކުރައްވާނީ ޤައުމީ ޔުނިވަރސިޓީއިންނެވެ. އަދި މޮޑިއުލްތައް އުފެއްދުމުގައި ފަންނީ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް ހަމަޖެހިފައިވަނީ އޭސީސީއިންނެވެ.
އެސީސީގެ ރައީސް ވިދާޅުވި ގޮތުގައި އެންމެގިނައިން ހުށަހެޅެނީ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތައް ކަމަށްވާތީ، މިކޯހުގެ ސަބަބުން އޭސީސީއަށް ހުށަހެޅޭ ޕްރޮކިއުމަންޓާގުޅޭ މައްސަލަތަކުގެ އަދަދު ދަށްކުރުމުގެ އެހީއަކަށް ވެގެންދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ