ދެ އަހަރު ކުރިން ގެއްލުނު ޕާކިސްތާނުގެ ނޫސްވެރިޔާ ފެނިއްޖެ

ލާހޯރު (އޮކްޓޯބަރު 21) - މީގެ ދެ އަހަރު ކުރިން ވަގަށް ނެގި ކަމަށް ބެލެވޭ ޕާކިސްތާނުގެ ނޫސްވެރިޔާ މިދިޔަ ބުރާސްފަތި ދުވަހު ހޯދައިފި އެވެ.
އުމުރުން 26 އަހަރުގެ ޒީނާތު ޝެހްޒާދީ ވަގަށް ނަގާފައި ވަނީ ޖާސޫސް ކުރިކަމުގެ ތުހުމަތުގައި ޕިޝާވަރުގެ ޖަލެއްގައި ހުރި އިންޑިއާގެ އިންޖިނޭރު ހާމިދު އަންސާރީއާ ބެހޭ މައުލޫމާތު ހޯދަން އުޅެނިކޮށެވެ. ޑެއީ ނައި ޚަބަރު އަދި މެޓްރޯ ނިއުސް ޓީވީ ޗެނަލްގައި މަސައްކަތް ކުރި ޝެހްޒާދީ ވަގަށް ނެގީ ލޯހާރުގައި ހުންނަ އޭނާގެ ގެއިން އޮޓޯރިކްޝާއެއްގައި އޮފީހަށް ދަނިކޮށް އޮގަސްޓް 19، 2015 ގަ އެވެ.
ޕާކިސްތާނުގެ ކޮމިޝަން އޮފް އިންކްވަޔަރީ އޮން އެންފޯސްޑް ޑިސަޕިއަރެންސް (ސީއައިއީޑީ) ގެ ވެރިޔާ ޖާވިދު އިގްބާލް ވިދާޅުވީ ޝެހްޒާދީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސަލާމަތް ކުރީ އަފްޣާނިސްތާނާއި ޕާކިސްތާން ގުޅުނު ބޯޑަރު ކައިރިން ކަމަށެވެ. އަދި ޝެހްޒާދީ ސަލާމަތް ކުރުމުގައި ބަލޮޗިސްތާނާއި ޚައިބަރު-ޕަޚްތުންކުވާ ޕްރޮވިންސްގެ މީހުންގެ އެއްބާރުލުން ލިބިފައިވާ ކަމަށް އިގްބާލް ވިދާޅުވި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ބީނާ ސަރްވާރު ބުނީ ޝެހްޒާދީ މިހާރު ވަނީ ލޯހާރުގައި ދިރިއުޅޭ އޭނާގެ އާއިލާގެ ކައިރީގައި ކަމަށެވެ.
ޝެހްޒާދީ ވަގަށް ނެގުމުން ލިބުނު ހިތާމައިގައި އޭނާގެ ބޭބެ ސައްދާމް ހުސައިން ވަނީ މިދިޔަ މާޗު މަހު ދަންޖެހިގެން މަރުވެފަ އެވެ. ސައްދާމުގެ މަރާ ގުޅިގެން ޝެހްޒާދީ އަށް ވަނީ އިތުރު ސަމާލުކަން ލިބިފަ އެވެ.
"އިންޑިއާގެ ގައިދީއަކަށް އެހީވާން އުޅުމުން މި އާއިލާ އަށް މި ވަނީ ވަރަށް ބޮޑު ގެއްލުމެއް ލިބިފައި. ކޮއްކޮ ގެއްލި އަނެއް ކޮއްކޮ ވަނީ އެ ހިތާމައިގައި މަރުވެފައި،" ޝެހްޒާދީގެ އެހެން ބޭބެއެއް ކަމަށްވާ ސަލްމާން ލަތީފް ޕީޓީއައި އަށް ބުންޏެވެ. "އިންޑިއާ މީހަކަށް އެހީވަން އުޅެގެން އަހަރެންގެ ކޮއްކޮ އެއްވެސް ކުށެއް ނުކުރޭ."
ހާމިދު އަންސާރީގެ މަންމަ ފައުޒިއްޔާ އަންސާރީގެ ފަރާތުން ޝެހްޒާދީ މީގެ ދެ އަހަރު ކުރިން ވަނީ ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ހިއުމަން ރައިޓްސް ސެލް އަށް މައްސަލަ ހުށަހަޅައިފަ އެވެ. ޝެހްޒާދީ ބުނެފައި ވަނީ ނޮވެމްބަރު 2012 ގެ ފަހުން ހާމިދު އަންސާރީ ޕާކިސްތާނުގައި ގެއްލިފައިވާ ކަމަށެވެ. މި މައްސަލާގައި ޝެހްޒާދީ ކުރި މަސައްކަތުން އެންމެ ފަހުން ޕާކިސްތާނުގެ ސަލާމަތީ ފަރާތްތަކުން ވަނީ ހާމިދު އަންސާރީ ބަންދުގައި ހުރި ކަމަށް ބުނެފަ އެވެ.
މުމްބާއީގެ ރައްޔިތެއް ކަމަށްވާ ހާމިދު އަންސާރީ 2012 ވަނަ އަހަރު ހައްޔަރުކުރީ އަފްޣާނިސްތާނުން އޭނާ ޕާކިސްތާނަށް އެތެރެވުމުންނެވެ. ބުނެވޭ ގޮތުގައި ހާމިދު އަންސާރީ ޕާކިސްތާނަށް އެތެރެވީ އޮންލައިންކޮށް އޭނާ ރައްޓެހިވި ޕާކިސްތާނުގެ އަންހެން ކުއްޖަކާ ބައްދަލު ކުރުމަށެވެ. އެކަމަކު ގަވާއިދާޚިލާފަށް ޕާކިސްތާނަށް ވަދެ ޖާސޫސްކުރަން އުޅުނު ކަމަށް ބަލާ ހާމިދު އަންސާރީގެ މައްޗަށް އަސްކަރީ ކޯޓަކުން ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ހާމިދު އަންސާރީގެ މައްސަލާގައި އުޅެން ފެށުމުން ޝެހްޒާދީ އަށް ވަނީ މަރުގެ އިންޒާރުތައް ވެސް ލިބެން ފަށައިފަ އެވެ. އެކަމަކު ޝެހްޒާދީ ބުނެފައި ވަނީ ހާމިދު އަންސާރީ އަށް އޭނާ އެހީވާން ނިންމީ އިންސީނިއްޔަތުކަމުގެ ގޮތުން ކަމަށެވެ.
ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ އައިއޭ ރަހްމާން ވިދާޅުވީ ހާމިދު އަންސާރީގެ ހުކުމް ތަންފީޒުކޮށް މިހާރު ނިމިފައިވާތީ އޭނާ ދޫކޮށްލަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ