ޖީހާންގެ ރައްދު އިދިކޮޅަށް: މި ސަރުކާރުން ލޯނު ނަގައިގެން ރައްޔިތުން ބަނޑަށް ޖެހުމުން ސަލާމަތް ކޮށްދިީފި

މި ސަރުކާރުން ލޯނު ނަގައިގެން ކުރި ކަންކަން ފެންނަން ނެތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ދެއްކެވި ވާހަކަތަކަށް، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީ މެންބަރު ޖީހާން މަހްމޫދު މިއަދު ރައްދުދެއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓަށް ބަހުސް ކުރައްވަމުން އިދިކޮޅުގެ ގިނަ މެންބަރުން ވަނީ މި ސަރުކާރުން ގިނަ އަދަދަކަށް ލޯނު ނަގައިފައިވާއިރު، ތަރައްގީއެއް ގެނެވިފައި ނުވާ ކަމަށް ބުނެ، ފާޑުކިޔައިފައެވެ. އެ ވާހަކަތަކާ ގުޅިގެން ޖީހާން ވިދާޅުވީ ތަރައްގީއަކީ ހަމައެކަނި އަތް ލެވޭ ތަރައްގީ ނޫން ކަމަށެވެ. ހަމައެހެންމެ ޖީހާން ވަނީ ދަރަނި ފެންނަން އޮތް ނަމަވެސް ބަޖެޓަށް ވޯޓަށް ދެއްވާނޭ ކަމަށާއި އެއީ ދަރަނި ސާފުކޮށް ފެންނަން އޮތުމުން ކަމަށް ވިދާޅުވެފައެވެ. "ފިސްކަލް ރިސްކު ރިޕޯޓާއި ފިސްކަލް ސްޓެރެޓެޖީ ސްޓޭޓްމަންޓު އަލަށް ދިވެހިރާއްޖޭގެ ބަޖެޓު ފޮތެއްގައި މި އަހަރު މިއޮތީ ހިމަނައި ރައްޔިތުންގެ މަޖިލީހަށް، ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ހިމަނައިފަ،" ޖީހާން ވިދާޅުވިއެވެ. ޖީހާން ވިދާޅުވީ މީގެ ކުރިން ދައުލަތަށް ލިބޭ އާމްދަނީއާއި ނަގާ ދަރަނީގެ އިތުރުން އެ ހަރަދު ކޮށްފައި ވަނީ ވެސް އޮޅުވާލައިގެން ކަމަށެވެ. ދަރަނި ނަގައިގެން ކޮށްފައިވާ ކަންކަން ފެންނަން އޮތް ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ. އެގޮތުން ކޮވިޑް ހާލަތުގައި ހުރިހާ ހަރަދެއްހެން ކޮށްފައިވަނީ ލޯނުގެ ގޮތުގައި ލިބުނު ފައިސާއިން ކަން އޭނާ ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެން ދަރަނި ނަގައިގެން، ރައްޔިތުން ބަނޑަށް ޖެހުނަ ނުދީ، ހޮސްޕިޓަލުތަކުގެ އެނދުތައް ފުރުނަ ނުދީ، އަވަހަށް ބޯޑަރު ހުޅުވުމަށް މަސައްކަތް ފަށައި، ޓުރިޒަމްގެ ސިނާއަތް އަނެއްކާ އަނބުރާ ވުޖޫދުކޮށް، މަސް ބޭރުކުރުން އަވަހަށް ފެށޭނެ މަގުތައް ހުޅުވާލަދީ، ސުކޫލުތަކަށް ކުޑަކުދިންނަށް އަނބުރާ ދެވޭނެ ގޮތް މި ހަދާ ދެނީ،" ޖީހާން ވިދާޅުވިއެވެ. ދައުލަތުން ދަރަނި ނަގައިގެން ކޮށްފައި އޮތް ކަންކަން ސާފުކޮށް ފެންނަން އޮތުމުން، ދަރަނި ދައްކަން ހަދައިފައިވާ ޕްލޭނަށް ވެސް އިތުބާރު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ