މަސްތުވާތަކެތި ވިޔަފާރިން ފައިދާ ނަގާ ސިޔާސީ މީހުންނާމެދު ރައްޔިތުން ސަމާލުވާން ޖެހޭ: އިމްރާން

ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލައިގެ ނާޖާއިޒު ފައިދާ ނަގާ ސިޔާސީ މީހުން އުޅޭ ކަމަށާއި އެ މީހުންނާ މެދު ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. މަސްތުވާތަކެތި ނައްތާލުމަށް ޓަކައި ފުލުހުން މިއަދު ކ. ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު ދައްޗަކީ މަސްތުވާތަކެތީގެ ވިޔަފާރީން ނަފާ ހޯދާ މީހުން އުޅުން ކަމަށެވެ. އެގޮތުން ބައެއް ނެޓްވޯކްތަކުގެ އިތުރުން ސިޔާސީ މީހުން ވެސް އޭގެ ފައިދާ ހޯދަމުން އަންނަ ކަން އިމްރާން ފާހަގަކުރެއްވިއެވެ. "މިކަމުގެ ސަބަބުން ނާޖާއިޒް ފައިދާ ނަގާ ވިޔަފާރި ނެޓްވޯކްތައް އެބަހުރި، މިކަމުގެ ސަބަބުން ފައިދާ ހޯދާ ވަކިވަކި ފާހަގަކުރެވޭ ސިޔާސީ ފަރާތްތައް އެބަ ތިބި،" އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ މި ބޮޑު މައްސަލައިގެ ފައިދާ ނަގާ، މުޅި ދައުލަތާއި ރައްޔިތުންނަށް ބޮޑު ގެއްލުމެއް ދެނީ ކޮން ބައެއް ރައްޔިތުން ދެނެގަނެ، އެ މީހުންނާ މެދު ސަމާލުވާން ޖެހޭ ކަމަށެވެ. "އެބައިތަކުގައި ހިމެނޭ ފަރާތްތަކާ މެދު ރައްޔިތުންގެ ސަމާލުކަން އޮންނަންޖެހޭ، ރައްޔިތުން މިއާ ދޭތެރޭ ވިސްނަންޖެހޭ، އޭރުން އެ ފަރާތްތަކުން މިކަންކަމާ ދުރުވެ، އެ ފަރާތްތަކުގެ ވިޔަފާރިއާއި ސިޔާސީ މަސައްކަތުގަ މިފަދަ ނުބައި ކަންކަން ހިމަނައިގެން ކުރިއަށް ނުގެންދެވޭނެ،" އިމްރާން ވިދާޅުވިއެވެ. އެފަދަ މީހުންނާއި އެ މީހުންގެ ވިޔަފާރިތަކުން ދުރުވެގެން މެނުވީ މަސްތުވާތަކެތީގެ މައްސަލައިން ދިވެހިން ސަލާމަތް ވާނެ އިތުރު ގޮތެއް ނެތް ކަމަށް އިމްރާން ވިދާޅުވިއެވެ. "ސަރުކާރުން ދޭންވީ އެންމެ އިސްކަން ދީގެން އެބަ މަސައްކަތް ކުރަން، މިއަދު ބޭނުންވަނީ ހުރިހާ މުވައްސަސާތަކާއި ހުރިހާ ރައްޔިތުން އެކުގަ މަސައްކަތްކުރުން، އޭރުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މީގެ އަރައިގަތުމާ ހަމައަށް ދަތުރުކުރެވިދާނެ،" އިމްރާން ވިދާޅުވިއެވެ. މީގެ އިތުރުން މި ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުވެ އޮތީ މީގެ ކުރިން ސަރުކާރުން ގެންގުޅެފައި ހުރި ސިޔާސަތުތަކުގެ ސަބަބުން ކަމަށާއި މި ސަރުކާރުން މިހާރު ކުރަމުން މި އަންނަނީ ފާއިތުވީ 50 އަހަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ބޮޅެއް ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ