މިމަހުން ފެށިގެން އަސާސީ ޕެންޝަން 20 ޕަސަންޓް އިތުރުކޮށްދިނުމަށް ތަސްމީން އެދިވަޑައިގެންފި

އަސާސީ ޕެންޝަންގެ ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ 2000ރ. އަށް މި މަހުން ފެށިގެން މަދުވެގެން 20 ޕަސެންޓް އިތުރުކޮށްދިނުމަށް ޑީއާރްޕީގެ ލީޑާ އަހްމަދު ތަސްމީން އަލީ އެދިވަޑައިގެންފި އެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ސީއީއޯ މުހައްމަދު ހުސެއިން އަށް ތަސްމީން މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، 2009 ވަނަ އަހަރު އަސާސީ ޕެންޝަން ދޭން ފެށި ފަހުން ކާބޯތަކެއްޗާއި ތެލާއި ކަރަންޓް އަދި ސިއްހީ ހިދުމަތުގެ އަގާއި ޑޮލަރުގެ އަގަށް އައި ބަދަލުގެ ސަބަބުން ދިރިއުޅުމުގެ ހަރަދު 20 ޕަސެންޓަށް ވުރެ މަތިވެފައިވާ ކަމަށެވެ.
"ވުމާއެކު، ދިވެހިރާއްޖޭގެ ޕެންޝަނާބޭހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ކ) ގައިވާފަދައިން ދިރިއުޅުމުގެ ހަރަދުތައް މިހާރު މައްޗަށް ގޮސްފައިވާ އަދަދަށް ރިޔާއަތްކޮށް އަސާސީ ޕެންޝަންގެ ގޮތުގައި މިހާރު ދެމުންގެންދާ 2000 ރުފިޔާއަށް މަދުވެގެން 20 ޕަސަންޓް އިތުރު ކުރަންޖެހޭކަމަށް މި ޕާޓީން ދެކެމެވެ،" ތަސްމީން ވިދާޅުވެފައިވެ އެވެ.
އަދި ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވުމާއެކު، ކުރިއަށް އޮތް މަހުގެ ފައިސާ ދޫކުރާއިރު ދިރިއުޅުމުގެ އަރަދުތައް މައްޗަށްދިޔަ މިންވަރު މުތާލިއާކޮށް، މިހާރު ދޭފައިސާގެ އަދަދު އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް ތަސްމީން ވިދާޅުވެފައިވެ އެވެ.
ތަސްމީންގެ ސިޓީގެ ކޮޕީ ރައީސް އޮފީހާއި ހެލްތު މިނިސްޓްރީއާއި ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއަށް ފޮނުވާފައިވާ ކަމަށް އެޕާޓީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ