ފެނަކައިގެ "ފުނަރު" ޕްރޮގްރާމް 50 ދަރިވަރުންނާއެކު ފަށަނީ

އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމުގެ ދާއިރާއިން މީހުން ބިނާކުރުމަށް "ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގް އެންޑް ރިސަރޗް"އިން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް، 50 ދަރިވަރުންނާއެކު 10ސެންޓަރެއްގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. "ފުނަރު ޕްރޮގްރާމް"އަކީ، ހަކަތައިގެ ދާއިރާގައި މަސައްކަތްކުރުމަށް، ތަމްރީން ލިބިފައިވާ މީހުން އުފެއްދުމަށް ފަށާ ޕްރޮގްރާމެކެވެ.
ފެނަކަ ކުންފުނިން ދަނީ ރާއްޖޭގެ 153ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ނަމަވެސް މިދާއިރާއަށް ބޭނުންވާ މެކޭނިކަލް މަސައްކަތްކުރާ ފަންނީ ޤާބިލު މަސައްކަތްތެރިން ހޯދުމުގައި ފެނަކައަށްވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައެވެ. އަދި އެކަށީގެންވާ ތަމްރީން ލިބިފައިވާ ފަންނީ މުޢައްޒަފުން ނެތުމުގެ ސަބަބުން، ރަށްރަށުގެ ކަރަންޓަށް ދިމާވާ ކުދިކުދި މައްސަލަތައް ޙައްލުކުރުމަށްވެސް ގިނަ ވަގުތު ނަގާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ރައްޔިތުންނަށް ފޯރުކޮށްދޭން ޖޭހޭ ކަރަންޓުގެ އަސާސީ ޚިދުމަތަކީ އަވަސް، ދެމެހެއްޓެނިވި ޚިދުމަތަކަށް ހެދުމަށް ފެނަކައިންވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ މީހުން ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ފެނަކައިންވަނީ "ފުނަރު ޕްރޮގްރާމް"ގެ ނަމުގެ ޚާއްސަ ޕްރޮގްރާމެއް ފެށުމަށް ނިންމާފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހަމަވެފައިވާއިރު 139މީހުން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށައަޅާފައިވާ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ. ނަމަވެސް މި ބުރުގައި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ހޮވާލާފައިވަނީ 50 ދަރިވަރުންނެވެ. ފެނަކައިން ވިދާޅުވީ ފުރަތަމަ ދެ ހަފްތާގައި ކުރިއަށްދާނީ އޮންލައިން ތިއަރީ ކްލާސްތަކެއްކަމަށެވެ. އަދި ފަހު 10ހަފްތާގައި އޮންނާނީ ޢަމަލީ ގޮތުން ތަމްރީން ދިނުންކަމަށެވެ. ޢަމަލީ ބައިތައް އޮންނާނީ، 10ރަށެއްގެ އިންޖީނުގެތަކުގައެވެ. މިއީ 3 މަސްދުވަހުގެ ޕްރޮގްރާމެކެވެ.
ފެނަކައިން ވިދާޅުވީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ފިރިހެނ ކުދިންނާއި އަންހެން ކުދިންނަށްވެސް ދީފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ