ކޯވިޑް ވެކްސިން ރަށްރަށަށް ފޮނުވުމުގެ މަސައްކަތްދަނީ ކުރަމުން - އެޗްއީއޯސީ

ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް، އަތޮޅުތަކުގައި ރަށްރަށަށް ބޭނުންވާ، ވެކްސިން ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެޗްޕީއޭގެ ސީނިއަރ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ ފާޠިމަތު އަނާ ވިދާޅުވީ ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހަމުންދާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މެދުކެނޑުމަކަށްފަހު މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މާލޭގައި ވެކްސިން ދިނުން ކުރިއަށްދާކަމަށެވެ. އަދި ވެކްސިންގެ 2ވަނަ ޑޯޒް ރަށްރަށުގައި ދޭން ފެށުމަށްޓަކައި ވަމުންދާ ތައްޔާރީގެ ތެރެއިން ރަށްރަށަށް ވެކްސިން ފޮނުވުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ.
އަނާ ވިދާޅުވީ ވެކްސިން ސެންޓަރުތައް ކައިރީގައި، ވެކްސިން ޖަހަން ދާމީހުން ތޮއްޖެހުން ކުޑަކުރުމަށްޓަކައި ވީހާވެސް އަވަހަށް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ވެކްސިން ޖެހުމަށް، އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދޭނެ މަގު މިހާރު ފަހިކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެޕޮއިންޓްމަންޓް ހެއްދުމުގައި ގިނަބަޔަކަށް ރިޖެކްޝަން މެސެޖު އަންނަކަން ފާހަގަވެފައިވާކަމަށާ މިމައްސަލަ ޢާއްމުކޮށް ދިމާވެފައިވަނީ އެޕޮއިންޓްމަންޓް ހެދުމުގައި އައިޑީކާޑު ނަންބަރު ނުބައިކޮށް ޖެހުމާއި އައިޑީކާޑުގައި އޮންނަ ގޮތް ނޫންގޮތަކަށް ނަން ޖެހުންފަދަ ކަންކަމުގެ ސަބަބުންކަމަށް އަނާ ވިދާޅުވިއެވެ. މިވަގުތު ވެކްސިން ޖެހުމަށް ހުޅުވާލާފައިވަނީ ފެބްރުއަރީ މަހާއި މާޗްމަހުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށެވެ. އެޕްރީލް މަހުގެ ތެރޭގައި ވެކްސިންޖެހި މީހުން ދެވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހަދިނަމަވެސް އެއެޕޮއިންޓްމަންޓް ރިޖެކްޓްވާނެކަމަށް އަނާ ވިދާޅުވިއެވެ.
އަދި ޢާއްމުކޮށް ވެކްސިންޖެހުމަށް އެޕޮއިންޓްމަންޓް އުސޫލުން ހުޅުވަލާފައިވާއިރު ބިދޭސީން ވެކްސިންއަށް ރަޖިސްޓަރކުރުމުގެ މަސައްކަތް މާލޭގެ އެކި ސަރަޙައްދުގައި މޯލްޑިވްސް ރެޑް ކްރެސެންޓްގެ ފަރާތުން ކުރިއަށްގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޯވިޑްގެ ވެކްސިން ޕްރޮގްރާމް ރާއްޖޭގައި ފަށާފައިވަނީ ފެބްރުއަރީ މަހުގައެވެ. މިހާތަނަށް ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޢަދަދުވަނީ %55.87 ގައެވެ. އަދި ވެކްސިން ފުރިހަމަ ކުރި މީހުންގެ ޢަދަދުވަނީ %35.15 އަށް އަރާފައެވެ. ވެކްސިންގެ ފުރިހަމަ ކުރި އިންސައްތަ އަށްބަލާއިރު މާލޭގައި މިއިންސައްތަ ހުރީ %37.8 ގައެވެ. އަދި އަތޮޅުތަކުގައި %47.5 މީހުންވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. ދުނިޔޭގެ ގިނަ ޤައުމުތަކަށް ވެކްސިން ލިބުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައިވެސް ސަރުކާރާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ރާއްޖެއަށް ވެކްސިން ހޯދުމުގެ މަސައްކަތް އަންނަނީކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ