އިންތިހާބުގެ ނަތީޖާ އަކީ މާލޭ ރައްޔިތުން ދިން މެސެޖެއް: ރައީސް

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ފެނިގެން ދިޔަ ނަތީޖާ އަކީކަންތައް ރަނގަޅު ކުރުމަށް މާލޭ ރައްޔިތުން ދިން މެސެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުރެވުނީ ކޮން ކަމެއްތޯ ބަލަން އެބަޖެހޭ ކަމަށާޢި މަޖިލީހުގެ ބޮޑު މެޖޯރިޓީ އާއި ސަރުކާރާ އެކު އައި ބަދަލު ބައްލަވާނެ ކަމަށެވެ. "އަޅުގަނޑުމެންނަށް އެބަ ފާހަގަ ކުރެވޭ މާލޭ ސިޓީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަ ހުރިކަން. އިހުސާސްތަކެއް އެބޭފުޅުން ފާޅުކުރައްވައިފި. އަޅުގަނޑު އިރާދަކުރެއްވިއްޔާ މިއަދު ވެސް ޔަގީންކޮށް މި އަރުވަނީ މާލޭ ސިޓީ އާއި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިހުސާސްތައް ދެނެގަނެ އެކަންތައްތައް ހާސިލްކޮށްދިނުމުގައި މި ސަރުކާރު އިރާދަ ކުރެއްވިއްޔާ ދެމިއޮންނާނެ ވާހަކަ،" ރައީސް ވިދާޅުވި އެވެ. މިހާތަނަށް ގުނުނު ނަތީޖާ އިން އެމްޑީޕީ އަށް 43 ޕަސެންޓު ގޮނޑި ކާމިޔާބު ކުރެވިފައިވާ ކަމަށާއި މިހާތަނަށް 92 ޕަސެންޓު ވޯޓު ގުނުނު އިރު، އޭގެ 49 ޕަސެންޓު ކާމިޔާބު ކުރީ އެމްޑީޕީ އިން ކަމަށް ރައީސް ވިދާޅުވި އެވެ. މާލޭ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު އެމްޑީޕީ އަށް ގެއްލިފައިވާއިރު ރައީސް ވިދާޅުވީ ސަރުކާރެއްގައި ތިއްބާ އިންތިހާބެއްގައި ނުކުންނަ ނަތީޖާ އަކީ، އެއީ ކާމިޔާބު ވިޔަސް ނާކާމިޔާބު ވިޔަސް އެއީ ސަރުކާރާ ގުޅުން އޮތް އެއްޗެއް ކަމަށެވެ. "މާލޭ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ. މީގެ ތަފްސީލު އަޅުގަނޑުމެންނަށް އެނގޭނީ މީގެ ދިރާސާތަކެއް ހެދުމަށް ފަހު، އެހެންނަމަވެސް ފާހަގަވާ ބައެއް ކަންތައްތަކުގެ ތެރޭގައި މާލޭގެ ބޯހިޔާވަހި ކަމުގެ މައްސަލަ އެބަ ފާހަގަވޭ. އެއީ ހައްލު ހޯދައިދޭން ޖެހޭ ކަމެއްގެ ގޮތުގައި އެބަ ފާހަގަ ކުރެވޭ،" ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް އޭގެ އަސަރު ކުރި ކަމަށާއި ރައްޔިތުންގެ ދިރިއުޅުމަށް އޭގެ އަސަރު ކުރި ކަަމަށް ރައީސް ވިދާޅުވި އެވެ. "މިފަހަރު މާލޭ ސިޓީ އިން މި ލިބުނު ނާކާމިޔާބުގައި އޮންނާނެ ސަރުކާރުން ބަދަލު ކުރަން ޖެހޭ ކަންތައްތަކެެއް ވެސް. މާލޭ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ނުކުރެވި ހުރި ކަމަށް ވެދާނެ. ބޭނޫން ނޫން ގޮތަކަށް ބައެއް ކަންތައް ކުރެވިފައި ހުރީ ކަމަށް ވެސް ވެދާނެ،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މައްސަލަތަކަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށާއި ސަރުކާރު ތެރޭ ހުރި މައްސަލަތަކާއި ބަދަލު ކުރަންޖެހޭ ކަންތައް ބަލަން ޖެހޭ ކަމަށެވެ. އަދި މަޖިލިސް ތެރޭ މައްސަލަތަކެއް ހުރިނަމައެކަން ވެސް ބަލާނެ ކަމަށް ރައީސް ވިދާޅުވި އެވެ. "...މި ދެންނެވި ކަންބޮޑުވުންތަކާ އެކީގައި ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކަންތައްތައް ކުރުމަށް އަޅުގަނޑުމެން ކުރަން ޖެހޭ ކަންތައްތައް ކުރާނެ ވާހަކަ މި ފުރުސަތުގައި ދަންނަވަން." ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ