މެޑްރިޑްގެ ކުރިމަތިލުން ރެއާލް ކާމިޔާބު ކޮށްފި

އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން މޮޅުވެ، ވާދަވެރި ރެއާލް މެޑްރިޑުން އެއް ވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ރެއާލްގެ އަމިއްލަ ދަނޑު ސްންތިއާގޯ ބާނެބެއު ގައި، އެތުލެޓިކޯގެ މައްޗަށް ހޯދި މި މޮޅަކީ ހަތް އަހަރު ފަހުން އަމިއްލަ ދަނޑުގައި އެތުލެޓިކޯގެ މައްޗަށް ހޯދި ފުރަތަމަ މޮޅުވެ. މީގެކުރިން އަމިއްލަ ދަނޑުގައި، ރެއާލްއަށް އެތުލެޓިކޯ އަތުން މޮޅުވެވިފައި ވަނީ 2012/2013 ސީޒަންގަ އެވެ.
މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓްކޮށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތުތައް ތަނަވަސް ކުރީ އެތުލެޓިކޯއިންނެވެ. އެ ޓީމުގެ އެންހަލް ކޮރެއާ އާއި ވިޓޯލާ އަށް ވަނީ ތަނަވަސް ފުރުސަތުތަކެއް ލިބިފަ އެވެ. ކޮރެއާއަށް ލިބުނު ބޯޅަ ގޯލްގެ ކަނަށް ވައްދާލަންވެގެން ފޮނުވާލުމުން އަމާޒުވީ ގޯލް ދަނޑިއަށެވެ. އޭގެ ކުރިން އަލްވާރޯ މޮރާޓާ އާއި ވިޓޯލާގެ ކޮމްބިނޭޝަން ބޭނުންކޮށްގެން ވިޓޯލާ ތަނަވަސް ކުރި ފުރުސަތުގައި ރެއާލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ދިފާއު ކުރީ ރެއާލްގެ ކީޕަރު ޓިބޯ ކޯޓްއާ އެވެ.
ފުރަތަމަ ހާފުގައި، ރެއާލްއަށް ބޮޑަށް ޖެހުނީ ޑިފެންސް ކޮށްގެން ތިބޭށެވެ. އެ ޓީމަށް އުފެއްދުނީވެސް ހާފު ޗާންސެވެ. އެ ދެ ފުރުސަތުވެސް ލިބުނީ ކެޕްޓަން ސާޖިއޯ ރާމޯސް އަށެވެ. ދެ ވަަނަ ހާފު ރެއާލުން ނުކުތީ ދެ ބަދަލާ އެކު އެވެ. ޓޯނީ ކްރޫޒްގެ ބަދަލުގައި ވިނީޝިއަސް ޖޫނިއާ އެވެ. އިސްކޯ އަލާކޯންގެ ބަދަލުގައި ލޫކަސް ވަޒްކުއޭޒް އެވެ. ގެނައި ބަދަލުތަކުން ރެއާލުގެ ކުޅުން ރަނގަޅު ކުރި އެވެ.
އެ ޓީމުގެ ލަނޑު މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކަރީމް ބެންޒެމާ އެވެ. ފާލޮންޑް މެންޑީ ނަގައިދިން ބޯޅަ ބެންޒެމާ ގޯލަށް ވައްދާލީ އޭނާއަށް ހުރަސް އަޅަންތިބި އެތުލެޓިކޯގެ ދެ ޑިފެންޑަރުންނަށްވެސް ފުރުސަތެއް ނުދީ އެވެ. އެފުރުސަތު ބެންޒެމާއަށް ތަނަވަސް ކޮށްދިނުމުގައި މެންޑީއާއި ވީނީސިއުސްގެ ކޮމްބިނޭޝަން ފާހަގަ ކުރެވިގެން ދިޔަ އެވެ. މިއީ އަމިއްލަ ދަނޑުގައި، ބެންޒެމާ އެތުލެޓިކޯ ކޮޅަށް ޖެހި ފުރަތަމަ ލަނޑެވެ.
މި ވަގުތު ހަ ޕޮއިންޓްގެ ލީޑަކާއެކު ރެއާލް ކުރީގައި އޮތް ނަމަވެސް ބާސެލޯނާ، ލެވަންޓޭއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ފަރަގު ތިން ޕޮއިންޓަށް އަލުން ކުޑަވެގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ