ޤާނޫނީ ކޮލަމް: ތިމާވެއްޓަށް ލިބޭ ގެއްލުމަށް ބަދަލު ހޯދިދާނެ!

ރަށުގެ ބަނދަރު ހެދިގޮތެއްގެ ސަބަބުން ނުވަތަ ރަށުގެ ހޭޅިފަށުން ގަސްކެނޑުމުގެ ސަބަބުން، ރަށްގިރުމުގެ މައްސަލައާއި ކުރިމަތިވެފައި ވޭތޯއެވެ؟ ހެދިފޯދިފައިހުރި ގިނަ އަދަދެއްގެ ރުއްތަކެއް ތިރަށުން އެހެން ރަށަކަށް ގެންދިއުމުގެ ސަބަބުން، ރަށުގެ ބިންގަނޑަށް ގެއްލުން ލިބިފައިވޭތޯއެވެ؟ އެތެރެވަރީގެ ކަނޑުތަކުން ވެލި ނަގައިގެން ފަޅުހިއްކުމުގެ ސަބަބުން، އެސަރަޙައްދުތައް ކިލަނބުވެ އެންވެރިކަން ނެތެނީތޯއެވެ؟ މިފަދައިން ތިމާވެއްޓަށް ލިބޭ ކޮންމެ ގެއްލުމަކީ އެބައެއްގެ ސަބަބުން އެކަމެއް މެދުވެރިވި ބަޔަކު ޒިންމާ އުފުލަންޖެހޭނެ ކަމަކަށްވާއިރު، ޤާނޫނީގޮތުން ތިމާވެއްޓަށް ލިބޭ ގެއްލުމަށް ބަދަލުނެގުމަށް ބަލާލަމާތޯއެވެ؟
ތިމާވެށި ޙިމާޔަތްކުރުމުގެ ޒިންމާ
ތިމާވެށި ޙިމާޔަތްކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ ޤާނޫނު އަސާސީ އަދި ޤާނޫނުވެސް ލާޒިމުކުރާ ކަމެކެވެ. މިގޮތުން ތިމާވެށި ރައްކާތެރިކުރުމާ ބެހޭގޮތުން ދޭންޖެހޭ އިރުޝާދުތައް ދިނުމަކީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ޒިންމާއަކަށްވާއިރު، އެއިރުޝާދަށް އަމަލުކުރުމަކީ ހުރިހާ ފަރާތްތަކުގެވެސް ޒިންމާއެކެވެ. މިސާލަކަށް ރާއްޖޭގެ ރަށްރަށުގައިވާ ތިމާވެށީގެގޮތުން މުއްސަނދި ފަރުފަރާއި، ގޮއިފާލައްބަ އާއި ހިންނަފަދަ ތަންތަން ޙިމާޔަތްކުރުމަށް ކަނޑައެޅިއްޖެނަމަ، އެތަންތަން ޙިމާޔަތްކުރުމާއި އެތަންތަނުގައި ކުރުން މަނާ ކަންކަމާއި ބެހޭގޮތުން އިރުޝާދުތައް ދޭންޖެހޭނެއެވެ. އަދި މިފަދަ އިރުޝާދުތަކަށް ހުރިހާ ފަރާތްތަކުންވެސް ބޯލަނބަންވާނެއެވެ.
ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު
ފާހަގަކުރެވޭފަދަ ބަދަލެއް ރާއްޖޭގެ ތިމާވެއްޓަށް އަތުވެދާނެފަދަ އެއްވެސް މަޝްރޫޢެއް ހިންގުމުގެކުރިން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހެދުން ޤާނޫނުން ލާޒިމުކުރެއެވެ. މިސާލަކަށް ރަށެއްގައި އެއަރޕޯޓެއް ހެދުމަށްޓަކައި ބޭނުންވާ ބިން ހިއްކުމަށް ކައިރީގައި އޮތް ރަށުގެ ބޭރުންނާއި އެހިސާބުގެ ވަނިވަނިން ވެލިނަގައިފިނަމަ ދިމާވެދާނެ ތިމާވެށީގެ މައްސަލަތަކަކީ ކޮބައިތޯ ބެލުމަށް، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު އެންވާރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީ.އައި.އޭ) އެކުލަވާލުމަށް، އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން އަންގަފާނެއެވެ.
މިފަދައިން އެކުލަވާލާ ރިޕޯޓަކުން، އެމަޝްރޫޢަކީ އެކަމުން ތިމާވެއްޓަށް ބޮޑެތި ގެއްލުން ލިބޭނެ މަޝްރޫޢެއް ކަމުގައި ފެނިއްޖެނަމަ، އެމަޝްރޫޢެއް ކުރިއަށް ނުގެންދިއުމަށްވެސް އަންގަފާނެއެވެ. މިސާލަކަށް، ރިސޯޓެއް ފެހިކުރުމަށް ރަށަކުން 300 ރުއް މުލުން ނަގައިގެން ގެންދިއުމުގެ ކުރިން އީ.އައި.އޭ ރިޕޯޓެއް ހަދާފާނެއެވެ. އަދި މި ރިޕޯޓަށް ބެލުމަށްފަހު އެކަމަކީ ރަށުގެ ފެހިކަމަށާއި ބިންގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއްކަމުގައިވާނަމަ، އެހާ ގިނަ ރުއް ރަށުން ބޭރުނުކުރުމަށް އަންގަފާނެއެވެ.
ތިމާވެއްޓަށް ލިބިގެންދާ ގެއްލުމުގެ ބަދަލުހޯދުން
ތިމާވެށި ޙިމާޔަތްކުރުމާބެހޭ ޤާނޫނާއި ޚިލާފަށްކުރާ ކަންކަމަށާއި، ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެތެރެއިން އާންމު ދިރިއުޅުގައި ދިމާވާ އާދައިގެ ގެއްލުންތަކަށް، އެގެއްލުމެއްގެ ކުޑަބޮޑުމިނަށް ބަލައި، /5-ރ އިން ފެށިގެން /500-ރ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ. މިސާލަކަށް ގަސްކެނޑުން މަނާކޮށްފައިވާ ސަރަޙައްދަކުން އާންމު ވައްތަރެއްގެ ކުޑަގަހެއް ކެނޑުމުގެ ސަބަބުން /500-ރ އިން ޖޫރިމަނާކޮށްފާނެއެވެ.
ތިމާވެށި ޙިމާޔަތްކުރުމާބެހޭ ޤާނޫނާއި ޚިލާފަށްކުރާ ކަންކަމަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ތެރެއިންކުރާ ބޮޑެތި ކަންތައްތަކަށް، އެކަމެއްގެ ކުޑަ ބޮޑުމިނަށް ބަލާ 100 މިލިއަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. މިސާލަކަށް ރިސޯޓެއް ހެދުމަށް އީ.އައި.އޭ ރިޕޯޓް ހެދިކަމުގައިވިޔަސް، އެރިޕޯޓާއި ޚިލާފަށް ރިސޯޓުން ކުރާ ޢަމަލެއްގެ ސަބަބުން ތިމާވެއްޓަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލުމަށް ބަދަލުހޯދިދާނެއެވެ. ތިމާވެއްޓަށް ލިބުނު ގެއްލުމަކީ ތިމާވެށި ޙިމާޔަތްކުރުމާބެހޭ ޤާނޫނާއި ޚިލާފަށް ހިންގޭ މަޝްރޫޢެއްގެ ސަބަބުން ލިބޭ ގެއްލުމެއް ކަމުގައިނުވިޔަސް، އެލިބޭ ގެއްލުމަކަށް ޝަރީޢަތް މެދުވެރިކޮށް ބަދަލުހޯދުމުގެ އިޚްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވެއެވެ.
ނިންމުން
ތިމާވެއްޓަށް ގެއްލުންދޭ ވަޞީލަތަކަށް ތަރައްޤީވެގެންދާނީ، ތިމާވެށީ ޙިމާޔަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި އުޞޫލުތަކާ ޚިލާފަށް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާނަމައެވެ. ތިމާވެށި ޙިމާޔަތްކުރުމާއެކު ތަރައްޤީ ގެންނަން ބޭނުންވާނަމަ އެންމެ ބުއްދިވެރިގޮތަކީ، މި އުޞޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ބޯލެނބުމެވެ. އެއީ ފަހުން ނުކުމެދާނެ މައްސަލަތަކުން ރައްކާތެރިވުމަށެވެ.
އާޓިކަލް ލިޔުނީ އަލްއުސްތާޛާ ޠާހިރާ ޢުމަރު
އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.
ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ