'ނަޝީދު މަސައްކަތް ކުރައްވަނީ 2023 ގެ ރިޔާސީ އިންތިހާބު ނުބާއްވަން'

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު މަސައްކަތް ކުރައްވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ކަމަށާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާނެ ކަމަށް ނުބެލެވޭކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވެރިކަން ކުރަން ދެން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށާއި ބޭނުންވަނީ ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކަމަށް ރައީސް ނަޝީދު ވިދާޅުވި ހަބަރެއް ޓުވީޓު ކުރައްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އާދަމް ޝަރީފު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެ ކަން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރިޔާސީ އިންތިހާބު ނުބާއްވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިހާބު ނުބާއްވައި، މި ދައުރުގެ ފަހުކޮޅު މަޖިލީހުގެ ސުޕަ މެޖޯރިޓީއާއި ބޭރުގެ ނުފޫޒާއެކު ބަރުލަމާނީއަކަށް ވެރިކަން ފުރޮޅާލަން މަކަރެއް ހަދާފާނެ. މުޅިން ގާނޫނު އަސާސީއާ ހިލާފު ކަންކަން ކޮށްފާނެ
- މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު
އެމްޑީޕީން ސިލްސިލާކޮށް ނެރޭ "ހަބަރު ސިޓީ" ގައި ނަޝީދު ޝާއިއުކުރެއްވި ލިޔުމެއްގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. މި ވާހަކައަކީ ތަކުރާރުކޮށް މީގެ ކުރިންވެސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅު ތަކެކެވެ.
މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރައްވަން ބޭނުންވާނަމަ އެންމެ ކަށަވަރު ގޮތަކީވެސް ބަރުލަމާނީ ނިޒާމު ކަމަށް ރައީސް ނަޝީދު އެ ލިޔުމުގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ