އޮނަސައްތަ އިސްމްފުޅުގެ ތެރެއިން 11: "އަލްޤުއްދޫސް"- (ޠާހިރުވަންތަ ރަސްކަލާނގެ)

القُدُّوْس
(ޠާހިރުވަންތަ ރަސްކަލާނގެ)
القُدُّوْس ގެ މާނައަކީ: ހުރިހާ އުނި ސިފަތަކަކުން ހުސްދުރުވެގެންވާ ހުރިހާ ފުރިހަމަ ސިފަފުޅުތަކެއްގެ ވެރި ރަސްކަލާނގެއެވެ. ކީރިތި ޤުރްއާނުގައި (القُدُّوْس) ދެފަހަރު ވާރިދުވެފައި ވެއެވެ.
މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވާ ގޮތުގައި ރުކޫޢުގައްޔާއި، ސަޖިދާގައި އެކަލޭގެފާނު ((سُبُّوحٌ قُدُّوْسٌ رَبُّ الملاَئِكَةِ وَالرُّوح)) ވިދާޅުވެއެވެ. އަދި މާތްﷲ ރުއްސުންލެއްވި އުބައްޔު ބުނު ކަޢުބު ވިދާޅުވާ ގޮތުގައި رسول الله صلى الله عليه وسلم ވިތުރި ކުރައްވާ ސަލާމް ދެއްވާފައި سُبْحَانَ القُدُّوْس 3 ފަހަރު ވިދާޅުވެއެވެ. އަދި ތިންވަނަ ފަހަރު އަޑު ހަރުކޮށް ވިދާޅުވެއެވެ.
މިނަންފުޅުން ދުޢާ ދަންނަވާ މީހުންގެ ކިބައިން، ޝައިޠާނާގެ ނުބައިކަމާއި ވަސްވާސްތައް ދުރުހެލި ކުރައްވައެވެ. އަދި އޭނާގެ ގުނަވަންތައް ޠާހިރުކޮށްދެއްވާ އޭނާގެ ނަން އުފުއްލަވައެވެ.
ބުނެވޭ ގޮތުގައި އެކަނިމާއެކަނި ތަނެއްގައި އިނދެ 40 ދުވަސް ވަންދެން ކޮންމެ ދުވަހަކު އެއްހާސް ފަހަރު މިނަންފުޅުގަނެ ޛިކްރުކުރި މީހާއަށް އެހެން މީހުންގެ މައްޗަށް ބާރު ފޯރުވުމުގެ ޤާބިލްކަން ދެއްވާނެއެވެ.
ބުނެވޭގޮތުގައި ކޮންމެ ދުވަހަކު އިރުމެދުން ފިލާ ވަގުތު މިއިސްމުފުޅު 100 ފަހަރު ކިޔެވި މީހެއްގެ ހިތް ޠާހިރު ކޮށްދެއްވާނެއެވެ. އަދި ރޭގަނޑުގެ ފަހުކޮޅުގައި 1000 ފަހަރު ކިޔެވި މީހެއްގެ ކިބައިން ބަލިމަޑުކަން ދުރުހެލި ކުރައްވާނެއެވެ.
(މިއީ 1992ވަނަ އަހަރު އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ލިޔުއްވާފައިވާ އޮނަސައްތަ އިސްމުފުޅު  މި ފޮތުން އުސްތާޛްގެ އިޛުނައާއިއެކު ނަގާފައިވާ ބައިތަކެކެވެ. ދެންހުރި ބައިތަށް ގެނެސްދޭންވެސް މަސައްކަތްކުރާނަމެވެ. އޮނަސައްތަ އިސްމްފުޅު މާނައާއިއެކު އެނގުމަކީ ކޮންމެ މުސްލިމަކަށްވެސް ވަރަށް މުހިންމު ކަމެކެވެ.)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ