އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭގޮތުން 24 ޖެނުއަރީ 2019 ގައި ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން އުމުރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު" ގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ އެ އުސޫލުގެ ފަސްވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.
ޕްރޮޕޯސަލް ފޮތް މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރު 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. ޕްރޮޕޯސަލް ފޮތުގެ އަގަކީ 5،000 ރުފިޔާއެވެ.
އެ އިއުލާނުގައި ބުނީ، ޕްރޮޕޯސަލް ހުށަހަޅާނީ ސިޓީ އުރައެއްގައި ބަންދު ކުރުމަށް ފަހު ސިޓީ އުރައިގެ ބޭރުގައި "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިގޮތަށް ލިޔުމަށް ފަހު ކަމަށެވެ.
ޕްރޮޕޯސަލްތައް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުން 15 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރު 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނެވެ. ޕްރޮޕޯސަލް ގަނެފައިނުވާ ކުންފުނިތަކުގެ ޕްރޮޕޯސަލް ބަލައނުގަންނާނެ ކަމަށްވެސް އިއުލާނުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ