މެލޭޝިއާއަށްދާ ދަރިވަރުން ކަރަންޓީން މުއްދަތަށް ފައިސާ ދައްކަންޖެހޭ ގޮތަށް ހަދައިފި

މެލެޝިއާއަށް ކިޔަވަންދާ އެހެން ގައުމުތަކުގެ ދަރިވަރުން ކަރަންޓީން މުއްދަތުގައި ތިބޭ ތަނަށް ފައިސާ ދައްކަންޖެހޭ ގޮތަށް އެގައުމުން ނިންމައިފިއެވެ.
މެލޭޝިއާގެ އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ސްޓޭންޑާޑް އޮޕަރޭޝަން ޕްރޮސީޖާގެ ދަށުން އެގައުމަށް ކިޔަވަންދާ އެހެން ގައުމުތަކުގެ ދަރިވަރުން ކަރަންޓީން މުއްދަތަށް އެއްކޮށް ފައިސާ ދައްކަން ޖެހޭނެ ކަމަށާއި ސަބްސިޑީއެއް ފޯރުކޮށް ނުދޭނެ ކަމަށެވެ.
އެގައުމުން ވަނީ ކަރަންޓީން މުއްދަތުގައި ދައްކަން ޖެހޭ ފިކްސްޑް ރޭޓެއް ކަނޑައަޅައިފައެވެ. އެގޮތުން 14 ދުވަހުގެ ކަރަންޓީ މުއްދަތަށް 4700 މެލޭޝިއަން ރިންގިޓް ދައްކަން ޖެހޭނެއެވެ. އެއީ ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 17،390 ރުފިޔާއެވެ.
ކަރަންޓީން މުއްދަތުގައި ކަރަންޓީން ސްޓޭޝަންގެ އޮޕަރޭޝަނަށް 2600 ރިންގިޓް ދައްކަންޖެހޭއިރު، ހޮޓެލް ނުވަތަ ޕަބްލިކް ޓްރެއިނިން އިސްޓިޓިއުޓަށް ދުވާލަކު 150 ރިންގިޓް ދައްކަން ޖެހެއެވެ. ރޫމް ޝެއާ ކުރާނަމަ 50 ރިންގިޓް ދައްކަން ޖެހޭނެއެވެ.
މެލޭޝިއާގެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކަރަންޓީން މުއްދަތަށް ފައިސާ ދައްކަން ޖެހޭނީ އެއާޕޯޓުގައި ކަމަށާއި ފައިސާއާ ހަވާލުވާނީ އެގައުމުގެ ހެލްތު މިނިސްޓްރީން ކަމަށެވެ. އަދި ކަރަންޓީން ސްޓޭޝަނަށް ވަދެވޭނީ ފައިސާ ދެއްކުމުން ހަވާލުކުރާ ރިސިޕްޓް ދެއްކުމުން ކަމަށެވެ.
މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ އިރު، ގިނައީ ކިޔަވާ ދަރިވަރުންނެވެ. އެގޮތުން ކޮވިޑް 19ގެ ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ އެނބުރި ރާއްޖެ އައިސްފައެވެ.
މެލޭޝިއާގައި ކިޔަވާ ބައެއް ދަރިވަރުން މިމަހު ތެރޭގައި ވަނީ އަބުރާ އެގައުމަށް ގޮސްފައެވެ. އަދި އަންނަ އަންގާރަ ދުވަހު ރާއްޖޭގެ ގިނަ ކިޔަވާކުދިން މެލޭޝިއާއަށް ދާނެއެވެ.
ކޮވިޑް ފެތުރޭތީ މެލޭޝިއާގެ ބޯޑަރު ބައިނަލްއަގުވާމީ ދަތުރުތަކަށް އަދިވެސް ހުޅުވައެއް ނުލައެވެ. ނަމަވެސް ހާއްސަ ހުއްދައަކާއެކު އެގައުމަށް ބައެއް ގައުމުތަކުން އަންނަނީ ފްލައިޓުތައް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ