އީވާން ނަސީމު މަރާލި ދުވަހަކީ ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާވެރިކަން ހައްދުފަހަނައަޅައި ދިޔަ އެއް ދުވަސް: ނަޝީދު

މިއަދަކީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސް ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިގޮތަށް ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ސެޕްޓެމްބަރު 19، 2003 ގައި މާފުށީ ޖަލުގައި އަނިޔާކޮށް ހަސަން އީވާން ނަސީމު މަރާލިތާ މިއަދަށް 17 އަހަރު ފުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.
ނަޝީދު ކުރެއްވި މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދަކީ ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސް ކަމަށެވެ. އަދި މިއީ އަނިޔާއާ ދެކޮޅަށް ދިވެހިން ތެދުވެ ރާއްޖެ ބަދަލުކުރުމަށް ނިންމައި ނުކުތް ދުވަސް ކަމަށް ވެސް ވިދާޅުވި އެވެ.
އުމުރުން އެންމެ 16 އަހަރުގައި ޖަލަށްލައި ހައްޔަރުކުރި އީވާން ނަސީމު އޭގެ ތިން އަހަރު ފަހުން މާފުށީ ޖަލުގައި މަރުވީ ސިފައިން އޭނާގެ ގައިގާ ތަޅައި ލިބުނު އަނިޔާތަކުގަ އެވެ. އެކަމާ ގުޅިގެން ޖަލުގައި އިހްތިޖާޖު ކުރުމުން އެކަން މައިތިރި ކުރަން ސިފައިން ބަޑިޖެހުމުން އިތުރު ގައިދީންތަކެއް މަރުވި އެވެ.
އެ ލޭއޮހޮރުވުމާއި ގުޅިގެން މާލޭގައި ވެސް ހަމަނުޖެހުން ހިންގައި ފުލުހުންނާއި ސަރުކާރުގެ ބައެއް އިމާރާތްތަކާއި ވެހިކަލްތަކުގައި ރޯކުރި އިރު އެކަމާ ގުޅިގެން މާލޭގައި ކާފިއު ވެސް ހިންގި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ