އަވަސް އިންތިހާބެއް ނުބޭއްވުމަށް މުލަކު ކައުންސިލްތަކުން އެދެފި

އިދިކޮޅު އެމްޑީޕީން އެދޭ ގޮތަށް އަވަސް އިންތިހާބެއް ނުބޭއްވުމަށާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އިސްތިއުފާ ނުދެއްވުމަށް މުލަކު އަތޮޅު ކައުންސިލްތަކުން އެ މަނިކުފާނުގެ އަރިހުން އެދިވަޑައިގެންފި އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މުލަކު އަތޮޅު ކައުންސިލްތަކުން މިކަމަށް ރައީސް ވަހީދު އަރިހުގައި އެދުނީ، އެ ކައުންސިލްތަކުގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރުމަށްޓަކައި ރައީސް ވަހީދާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި އެ ކައުންސިލްތަކުން ވަނީ ރައީސް ވަހީދުގެ ސަރުކާރަށް ފުރިހަމަ އަށް ތާއީދުކުރާކަން ހާމަކޮށް އެ މަނިކުފާނަށް ތަހުނިޔާ ދަންނަވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ސަރުކާރާ ދޭތެރޭގައި މުލަކު އަތޮޅުގެ ރަށްރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޑރ. ވަހީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އެ ވަފުދުތަކުން ޝުކުރު ދެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ބައްދަލުވުމުގައި ކައުންސިލްތަކުން ބުނެފައި ވަނީ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން މުލަކު އަތޮޅާ މެދު ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށެވެ. އަދި އެ އަތޮޅުގެ ރަށްރަށަށް ކުރިމަތިވަމުންދާ މައްސަލަތަކުގެ މައުލޫމާތު ރައީސް ވަހީދަށް ދެއްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ އެ މަނިކުފާނާ ހިއްސާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މީގެ އިތުރުން މުލަކު އަތޮޅުގެ ރަށްރަށަށް ދަތުރުފުޅެއް ކުރެއްވުމަށް އެދި އެ އަތޮޅުގެ ކައުންސިލްތަކުން ރައީސް އަރިހުގައި އެދިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ރައީސް ވަހީދު ވިދާޅުވީ މުލަކު އަތޮޅު ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދިނުމަށް މިވަގުތަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކޮށްދެއްވުމަށް މިހާރު ކުރެއްވެން ހުރި ކަންތައްތައް ބައްލަވައި، އެ ކަންކަން ކޮށްދެއްވެން އޮތް މިންވަރަކުން ކޮށްދެއްވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމުގައި، ރައްޔިތުންގެ ހައްގުގައި އިހުލާސްތެރިކަމާ އެކީގައި މަސައްކަތްޕުޅު ކުރެއްވުމުގައި އިރާދަކުރެއްވިއްޔާ ދެމި ހުންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މި ބައްދަލުވުމުގައި މުލަކު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ލީޑަރު އަބްދުﷲ ޔާމީނާއި ދިއްގަރު ދާއިރާގެ މެމްބަރު އަދި ޕީއޭގެ ޕާލަމެންޓްރީ ލީޑަރު އަހުމަދު ނާޒިމް ވެސް ބައިވެރިވެ ވަޑައިގަތެވެ. ރައްޔިތުންގެ މަޖިލީހުގައި މުލަކު އަތޮޅަށް ނިސްބަތްވާ ދެ ގޮނޑި ވެސް ފުރުއްވަނީ ސަރުކާރަށް ތާއީދު ކުރައްވާ ދެ މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ