ރާއްޖޭގައި މަރަށް މަރުހިފޭނެ: އުއްތަމަ ފަނޑިޔާރު

މަރުގެ އުގޫބާތް ކަނޑައެޅުމަކީ ރާއްޖޭގައި އާ ކަމެއް ނޫން ކަމަށާއި، ރާއްޖޭގައި މިހާރު އޮތް ގާނޫނީ ނިޒާމުގެ ތެރެއިން ވެސް މަރަށް މަރު ހިފޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ. މިދިޔަ އާދިއްތަ ދުވަހު ވަޅިން ހަމަލާދީ އަވަހާރަކޮށްލި ގާނޫނީ ވަކީލު އަހްމަދު ނަޖީބުގެ ހަނދާނުގައި، ޝަރުއީ ދާއިރާގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ހައި ކޯޓު ކުރިމަތީގައި މިއަދު މެންދުރުފަހު ގެނައި ސުކޫތަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އައްތަމަފަނޑިޔާ ފާއިޒު ވިދާޅުވީ ވޭތުވެ ދިޔަ ދިހަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ދިހަ މީހުންނަށް ވުރެ ގިނަ މީހުންގެ މައްޗަށް މަރުގެ އުގޫބާތް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އޮންނަނީ އިސްލާމީ ޝަރީއަތާ ގުޅިލާމެހިފައި އޮންނަ ޝަރުއީ ނިޒާމެއް ކަމަށާއި އެހެންކަމުން މަރުގެ އުގޫބާތް ދިނުމަކީ، ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ކުރެވޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މަރުގެ އުގޫބާތް ކަނޑައެޅި ނަމަވެސް، އެކަން ތަންފީޒު ނުކުރެވޭ މައްސަލަ އަށް އިޝާރާތްކުރައްވާ އުއްތަމަފަނޑިޔާރު ވިދާޅުވީ ކޯޓުތަކުން އިއްވާ ހުރިހާ ހުކުމެއް ތަންފީޒު ކުރުން މުހިއްމު ކަމަށާއި ތަންފީޒު ކުރެވޭ ނަމަ، އެ ހުކުމްތަކުގެ ނަތީޖާ ފެންނާނެ ކަމަށެވެ. "ރާއްޖޭގެ ގާނޫނީ ނިޒާމް ބައްޓަން ވެފައި އޮތް ގޮތަށް ބަލާއިރު މި އޮންނަނީ ކޯޓުތަކުން އުގޫބާތް ކަނޑައެޅުނީމައި ތަންފީޒު ކުރުން އެހެން ފަރާތަކާ ހަވާލު ކުރެވިފައި. މަރުގެ މައްސަލަތައް އެކަންޏެއް ނޫން، އެހެން ކުށްތަކާ ގުޅޭ ގޮތުން ވެސް ކޯޓުތަކުން ކުރެވޭ ހުރިހާ އުގޫބާތެއް ތަންފީޒު ކުރެވޭ ނަމަ، އެ ހުކުމްތަކުގެ ނަތީޖާ ފެނިގެންދާނެ. ތަންފީޒީ މަރުހަލާ ފުރިހަމަ ނުވާ ނަމަ އޭގެ ނަތީޖާއެއް ނުފެންނާނެ،" ފާއިޒް ވިދާޅުވި އެވެ. ރާއްޖޭގައި ހިނގާފައިވާ މަރުގެ ގިނަ މައްސަލަތަކެއް ހުކުމަކާ ހަމައަށް ނުގޮސް ލަސްވެފައިވާ އިރު، ވަކީލު ނަޖީބުގެ މައްސަލައިގެ ތަހުގީގު ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމާ އެކު ހަމަ އެ ދުވަހު ޝަރީއަތް ފަށައި ތިން އަޑުއެހުމެއް ވަނީ ބާއްވާފަ އެވެ. އުއްތަމަފަނޑިޔާރު ވިދާޅުވީ ނަޖީބުގެ މަރުގެ މައްސަލަ އަކީ އެހެން މައްސަލަތަކާ ހިލާފަށް ތަފާތު މައްސަލައެއް ކަމަށާއި މި މައްސަލައިގެ ތަހުގީގަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ. އަދި ފުލުހުން ތަހުގީގު ނިމި، ޕީޖީ އަށް ހުށަހެޅުމުގައި ވެސް އެއްވެސް ދަތިކަމެއް ކުރިމަތި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. "މިއީ އެހެން މަރުގެ މައްސަލަތަކާ ތަފާތު މައްސަލައެއް. ތަހުގީގީ މަރުހަލާ އިން ފެށިގެން މައްސަލަ ޝަރީއަތަށް ހުށަހެޅުމާ ހަމައަށް އަދި ޝަރީއަތުގައި ވެސް މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވޭ،" ފާއިޒު ވިދާޅުވި އެވެ. "އެކަމަކު މީގެ ކުރިން ވެސް ޕީޖީން ބައެއް މައްސަލަތައް ވަރަށް އަވަހަށް ޝަރީއަތަށް ހުށަހަޅާފައިވޭ." އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކުށް ކުރާ މިންވަރު މި ހާލަތަށް އައުމުގައި ގިނަ ސަބަބުތަކެއް ވެ އެވެ. އަދި މިކަމަށް އޮތް ހައްލަކީ ގާނޫނު އަސާސީ އާއި ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާކޮށް، ޝަރުއީ ނިޒާމަށް ބޭނުންވާ ގާނޫނުތައް ފުރިހަމަކުރުން ކަމަށް އުއްތަމަފަނޑިޔާރު ފާހަގަކުރެއްވި އެވެ. " ގާނޫނު އަސާސީ ތަސްދީގު ވުމާ އެކު ފަނޑިޔާރުންގެ މަސައްކަތްތަކަށް، ޖުޑިޝަރީ އަށް ބޭނުންވާ ވަރަށް މުހިއްމު ޓޫލްސްތަކެއް އެބަހުރި. އަދި ޖިނާއީ އިޖުރާތުގެ ބިލާއި ގާނޫނުލް އުގޫބާތުގެ ބިލާއި ހެއްކާ ބެހޭ ބިލު ފަދަ ބިލުތަކުގެ މަސައްކަތް މަޖިލީހުގެ މެމްބަރުން ކުރަމުން ގެންދަނީ. މި ބިލްތައް ގާނޫނަކަށް ވުމުން މިހާރު މިއޮތް ޝަރުއީ ނިޒާމު އިތުރަށް ފުރިހަމަވެ، މި ފެންނަ ކުށްތައް އިތުރަށް މަދުވެގެން ދާނެ،" ފާއިޒު ވިދާޅުވި އެވެ. ނަޖީބުގެ ހަނދާނުގައި ގެނައި ސުކޫތުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އާއި އެޓާނީ ޖެނެރަލް އާޒިމާ ޝުކޫރާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ހިއުމަން ރައިޓްސް މިނިސްޓަރު ފާތުމަތު ދިޔާނާ ސައީދު އަދި ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާނޫނީ ގިނަ ވަކީލުން ބައިވެރިވެވަޑައިގެންނެވި އެވެ. ނަޖީބު އަވަހާރަކޮށްލާފައި އޮއްވާ ފެނުނީ، އާދީއްތަ ދުވަހު ހަވީރު، މ. މަސްރޫރާ ކިޔާ ގޭގެ ކޮޓަރިއެއްގައި ހުރި ޑަސްބިނެއްގެ ތެރެއިންނެވެ. އޭނާ އަވަހާރަކޮށްލި ކަމަށް އެގޭ އަހުމަދު މުއްރަތާއި ށ. ގޮއިދޫ ރިހާބް ފާތުމަތު ހަނާ ވަނީ ޝަރީއަތުގައި އިއުތިރާފްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ