ވެރިކަން ބަދަލުކުރި ގޮތުގެ ތަހުގީގެއް ހިންގަންޖެހޭ: ނަޝީދު

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން މިދިޔަ އަންގާރަ ދުވަހު ބަދަލުކޮށްފައި ވަނީ، މަޖުބޫރީ ހާލަތަކަށް ގޮސްގެން ކަމަށާއި އެހެންވެ އެކަން ތަހުގީގުކުރުމަށް އެ މަނިކުފާނު މިއަދު ގޮވާލައްވައިފި އެވެ. ނަޝީދުގެ އަމިއްލަ ގެކޮޅު، ކެނެރީގޭގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ މަނިކުފާނު ވިދާޅުވީ، ވެރިކަން ބަދަލުކުރި ގޮތުގެ ތަހުގީގެއް ހިންގުމަށް އދ. ގެ އިތުރުން އިނގިރޭސިވިލާތާއި އެމެރިކާ ސަރުކާރުން ގޮވާލާފައިވާއިރު، އެއީ މިނިވަން ތަހުގީގަކަށް ވާނެ ކަމަށް ދެކެވަޑައިގަންނަވާނެ ކަމަށެވެ. "އެފަދަ ތަހުގީގަކުން ވަރަށް ސާފުކޮށް ފެންނާނެ ބަޣާވާތުގައި ބައިވެރިވީ ކޮން ބައެއްކަން، ބަޣާވާތަށް ފައިސާ ހަރަދުކުރީ ކޮން ބައެއްކަން،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ވެރިކަން ވައްޓާލުމުގެ ފަހަތުގައި ތިބީ ހަތަރު ރިސޯޓް އޯނަރެކެވެ. އަދި، އެ މީހުން، "ބަޣާވާތަށް ވަރަށް ބޮޑަށް ހަރަދުކުރި" ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. "އެހެންވީމަ ބަޣާވާތަށް ހަރަދުކުރި މީހުން، ބަޣާވާތް ހިންގި މީހުން އަދި މިކަމުގައި ބައިވެރިވި ހުރިހާ އެންމެން މިފަދަ ތަހުގީގަކުން ވަރަށް ރަނގަޅަށް ފެނިގެންދާނެ. ދެން އެފަދަ ތަހުގީގުތައް އދ. އިން ހިންގާފައި އެބަހުރި. އީސްޓް ޓިމޯރުގައި ވެސް ހިންގާފައި އެބަހުރި. އަދި އެހެން ތަންތަނުގައި ވެސް ހިންގާފައި އެބަހުރި. އެ ބޭފުޅުން އެފަދަ ތަހުގީގެއް ހިންގީމަ އަޅުގަނޑަށް ހީވަނީ ހަގީގަތް ހާމަވެގެންދާނެ،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަން ވައްޓާލީ، ގާނޫނާ ހިލާފަށް ސަރުކާރުން ކަމެއް ކޮށްގެން ނޫން ކަމަށާއި ވަކި ދުވަހެއްގައި "ވެރިކަން ވައްޓާލާނަމޭ" ބުނެ ބަޔަކު އެކަން ހިންގީ ކަމަށެވެ. "އެ ވެރިކަން ވައްޓާލަން ޖާނާއި މާލުން، މުދަލުން ހަރަދުކުރާނަމޭ. ދެން އެ ބޭފުޅުންގެ އަތުގައި ޖާނާއި މުދާ އެހާ ގިނަވީމާ އަޅުގަނޑުމެންނަށް މި ފެނުނު ކަމަކީ، ދިފާއީ ބާރުތަކަށް، އެ ޖާނާއި މާލާއި މުދާ އެއީ މާ ބޭނުންތެރި ނުވަތަ އެ ބަލައިގަނެވޭ އެއްޗަކަށް ވެގެން އޭގެ ތެރެއަށް ވަދެވިގެން ގޮސް މިކަންތައް މި ގޮތަށް ވެގެން ދިޔައީ،" ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ގާނޫނީ ގޮތުން ރާއްޖޭގެ ވެރިކަން ހިންގޭނެ ހަމައެކަނި ގޮތަކީ، ގާނޫނު އަސާސީގެ 124 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބެއްލެވުމުގެ ދަށުން 60 ދުވަހުގެ ތެރޭގައި އާ އިންތިހާބެއް ބޭއްވުމެވެ. ނަމަވެސް އެ މާއްދާގައިވާ ގޮތަށް އަމަލުކުރެވެނީ، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް ވެސް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެވެ. ރާއްޖެއިން ބޭރުގެ މަޝްހޫރު މީޑިއާތަކުން ވެސް ބައިވެރިވި މި ނިއުސް ކޮންފަރެންސްގައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނަށް އޮތް ތާއީދު މަގުމަތީގެ ހަރަކާތްތަކުން ފެންނަމުންދާނެ ކަމަށެވެ. އަދި އެމްޑީޕީން ބާއްވާ މުޒާހަރާތަކާއި ހަރަކާތްތަކުން ރައީސް މުހަންމަދު ވަހީދުގެ ސަރުކާރަށް ޕްރެޝަރާ ކުރިމަތިލާންޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސް ސިޔާސީ ގޮތުން ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް، ކަމާގުޅޭ ފަރާތްތަކުން މަޝްވަރާކޮށް ހައްލެއް ހޯދުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. "އެ ގޮތަށް މަޝްވަރާތައް ހިނގަމުންދާއިރު ވެސް، މި ގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި އަޅުގަނޑުމެން މުޒާހަރާތަކާއި ރެލީތައް ބާއްވާނަން. އަޅުގަނޑުމެން މި ސަރުކާރަކާ ނުގުޅޭނަން. އަޅުގަނޑުމެން ދެކޭގޮތުގައި މިއީ ޣައިރު ގާނޫނީ ސަރުކާރެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ސަރުކާރު ވެރިކަމަށް އައީ ބަޣާވާތްކޮށްގެން،" ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ، މައްސަލައަށް ހައްލެއް ހޯދުމަށް ބައިނަލްއަގްވާމީ ފަރާތްތަކަށް ބުރަ ނުވާނެ ކަމަށާއި ހައްލު ހޯދަން ވާނީ ދިވެހި ރައްޔިތުން ކަމަށެވެ. އެހެން ނަމަވެސް ނަޝީދު ވިދާޅުވީ "މުޅި ބޭރު ދުނިޔެ މިހާރު ވަނީ އަޅުގަނޑުމެންނާ އެކުގައި" ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި، ރައީސް ވަހީދު އަމަލުކުރައްވަމުން ގެންދަވަނީ "ކުރީގެ މާސްޓާސް" އިން އަންގާ ގޮތަކަށެވެ. އެކަމަކު ރަނގަޅު ތަހުގީގަކާ ނުލައި އެއީ ކޮން ބައެއް ކަން ވިދާޅުވާން އެ މަނިކުފާނު ދެކޮޅު ހެއްދެވި އެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ނަން، ނަޝީދު ފާހަގަކުރެއްވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެ ދެ ބޭފުޅުންގެ ހަރަކާތްތައް ފެނިވަޑައިގެންފައިވާތީ އެވެ. "މައުމޫނު މިކަމުގައި ހިމެނޭތޯ ބެލުމަށް ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭނެ. އެކަމަކު އަޅުގަނޑަށް ޔަގީން މިއީ ކުރީގެ މީހުންގެ އަމުރަށް ކުރާ ކަންތައްތަކެއް،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ