ހައްމާމް ފީފާއާއި ދެކޮޅަށް ހުށަހެޅި މައްސަލަ އޭނާ ކާމިޔާބު ކުރައްވައިފި

އޭޝިޔާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީގެ ކުރީގެ ރައީސް މުޙައްމަދު ބިން އަލް ހައްމާމް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން މުޅި އުމުރަށް އެކަހެރި ކުރުމަށް ދުނިޔޭގެ ފުޓްބޯޅައާއި ބެހޭ މައި އިދާރާ ފީފާއިން ނިންމުމާއި ގުޅިގެން ހައްމާމް އިސްތިއުނާފު ކުރި މައްސަލަ އޭނާ ކާމިޔާބު ކުރައްވައިފިއެވެ.
ޤަތަރަށް އުފަން އުމުރުން 63 އަހަރުގެ ހައްމާމް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން މުޅި އުމުރަށް އެކަހެރި ކުރުމަށް ފީފާއިން ނިންމީ މިދިޔަ އަހަރުގެ ޖޫން މަހު ފީފާގެ ރައީސަކު ހޮވުމަށް ބޭއްވުނު އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ރިޝްވަތުގެ ގޮތުގައި ފައިސާ ހޭދަކޮށް ވޯޓް ގަތުމަށް މަސައްކަތް ކުރެއްވިކަން ސާބިތުވުމާއި ގުޅިގެންނެވެ. ރިޝްވަތުގެ މިމައްސަލަ ފެންމަތިވުމާއި ގުޅިގެން ފީފާގެ ރައީސް ކަމަށް ވާދަކުރައްވަމުން ގެންދެވި އިންތިހާބީ ރޭހުން ހައްމާމް ވަނީ އަމިއްލަފުޅަށް ވަކިވެވަޑައިގެންފައެވެ.
ކުޅިވަރުގައި ދިމާވާ މައްސަލަތައް ބެލުމަށާއި އިސްތިއުނާފުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހާއްސަ ކުރެވިފައިވާ "ކޯޓް އޮފް އާބިޓްރޭޝަނުން" ހައްމާމުގެ މައްސަލަ ނިންމުމަށްފަހު ބުނެފައިވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން މުޅި އުމުރަށް ހައްމާމް އެކަހެރި ކުރަންޖެހޭ ކަން ސާބިތު ކުރެވޭ މިންވަރަށް ފީފާއަށް ހެކި ހުށަހެޅިފައި ނުވާ ކަމަށާ، ހައްމާމުގެ މައްސަލަ ފުރިހަމައަށް ތަހްޤީގު ކުރެވިފައިވެސް ނުވާ ކަމަށެވެ.
ހައްމާމާއި ދެކޮޅަށް ފީފާއިން އަޅާފައިވާ ފިޔަވަޅު ތަކުން އޭނާ ސަލާމަތްވެވަޑައިގެންނެވި ނަމަވެސް ހައްމާމައި ދެކޮޅަށް ފީފާއިން ކުރަމުންދާ ރިޝްވަތުގެ ތުހުމަތު ތަކުން އޭނާ ބަރީއަވި ކަމަށް "ކޯޓް އޮފް އާބިޓްރޭޝަނުން" ކަނޑައަޅާފައެއް ނުވެއެވެ. ކޯޓުން އިތުރަށް ބުނީ ފީފާއިން ހައްމާމާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅާއި ގުޅުންހުރި މައްސަލައިގައި އިތުރު ހެކި ހުށަހަޅައިފިނަމަ އެމައްސަލަ އަލުން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
ހައްމާމް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން މުޅި އުމުރަށް އެކަހެރިކުރުމަށް ފީފާއިން ނިންމުމާއި ގުޅިގެން ހައްމާމް އިސްތިއުނާފު ކުރި މައްސަލަ އޭނާ ކާމިޔާބު ކުރައްވާފަވާއިރު، މިހަފްތާގެ ހޯމަ ދުވަހު އޭއެފްސީން ވަނީ ފުޓްބޯޅައާއި ގުޅުންހުރި ހުރިހާ ހަރަކާތްތަކަކުން ހައްމާމް އެއް މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމާފައެވެ.
އޭއެފްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ހައްމާމާއި ދެކޮޅަށް މިފަދަ ފިޔަވަޅެއް އަޅަން ނިންމީ ހައްމާމު އޭއެފްސީގެ ރައީސް ކަމުގައި ހުންނެވި ދުވަސްވަރު އެއިދާރާގެ ގަވައިދު ތަކާއި ޚިލާފަށް ބައެއް ކަންކަން ކުރުމުގެ އިތުރުން، ކޮރަޕްޝަނާއި ރިޝްވަތާއި އަމިއްލަ މަސްލަހަތު އިސްކޮށްގެން ހައްމާމް ބައެއް ކަންކަން ކޮށްފައިވާކަން އެ އިދާރާގެ އެތެރޭގައި ހެދިފައިވާ މާލީ އޮޑިޓަކުން ފާހަގަކުރެވުމާއި ގުޅިގެން ކަމަށެވެ.
ހައްމާމް އޭއެފްސީގެ ރައީސް ކަމުގެ މަޤާމު 2002 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2011 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އަދާ ކުރައްވާފަވާއިރު، އޭނާ ވަނީ 1992 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 1996 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ގަތަރުގެ ފުޓްބޯޅަ އިދާރާގެ ޗެއަރމަން ކުރައްވާފައެވެ. އަދި މީގެ އިތުރުން ހައްމާމް ވަނީ 1996 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށް ފީފާގެ އެގްޒެކްޓިވް ކޮމިޓީގެ މެންބަރުކަންވެސް ކުރައްވާފައެވެ.
ހައްމާމް އިސްވެ ހުންނަވައިގެން ކުރެއްވި ބުރަ މަސައްކަތްތަކަކަށްފަހު 2022 ވަނަ އަހަރު ވޯލްޑް ކަޕް ބޭއްވުމަށް ގަތަރުން ހުށަހެޅި ބިޑް އެޤައުމުން ވަނީ ކާމިޔާބުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ