ޖަމާލް ޚަޝޯގީގެ އާއިލާއިން ޤާތިލުންނަށް މަޢާފްދީ، މަރުގެ ހުކުމުން ސަލާމަތް ކޮށްފި. ކޮން ފަދަ ރަޙުމުން ފުރިގެންވާ ބައެއްތޯ؟

ވޮޝިންޓަން ޕޯސްޓަށް ކޮލަމް ލިޔަމުންދިޔަ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގައި ޝާމިލުވާ ސައުދީގެ ފަސްމީހަކަށް މަޢާފްދީފައިވާކަމަށް، އޭނާގެ ފިރިހެންދަރިއެއް ކަމަށްވާ ޞަލާޙް ޚަޝޯގީވަނީ އޭނާގެ ޓްވިޓަރގައި ހާމަ ކޮށްފިއެވެ.
ޞަލާޙް ހާމަ ކުރި ގޮތުގައި، ގާތިލުންނަށް މަޢާފްދިނީ ރަމަޟާން މަހުގެ ފަހު ދިހައަކީ ﷲގެ ޢަފޫ ކުރެއްވުން ވެސް ލިބޭ ދުވަސްވަރެއް ކަމުން، އެމަހުގެ އެންމެ ފަހު ރޭތަކުން ރެއެއްގައި ބައްޕަގެ ގާތިލުންނަށް މަޢާފް ކޮށްފައިވާ ކަމަށެވެ. ބައްޕަގެ ގާތިލުންގެ ބަދަލުގައި އާއިލާއިން މަދަދަށް އެދެނީ ﷲގެ ރަސްކަންފުޅުންކަމަށް ވެސް އާއިލާއިން ވަނީ ހާމަ ކޮށްފައެވެ. ޚަޝޯގީގެ މަރުގައި ސައުދީގެ ޝާހީއާއިލާގެ ބައިވެރިވުން އޮތްކަމަށް ގަދައަށް ތުހުމަތު ކުރެވުނު އިރު، އެ އާއިލާއިން ޚަޝޯގީގެ ދަރިންނަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަމިއްލައަށް އަރުވާލެވިގެން އެމެރިކާގައި އަހަރެއްހާ ދުވަހު އުޅުނު ޚަޝޯގީއަކީ ފާޅުކަން ބޮޑު ގޮތެއްގައި ސައުދީގެ ޝާހީއާއިލާއަށް އަދި ޚާއްސަކޮށް ކްރައުން ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް ފާޑުކިޔާ ލިޔުންތައް ލިޔެފައިވައިވާ މީހެކެވެ. މިކަމާ ގުޅިގެން 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަސްތެރޭގައި ސައުދީގެ 15 އޭޖެންޓަކުވަނީ ޚަޝޯގީއާ ބައްދަލު ކުރަން ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީގެ ކޮންސިއުލޭޓް އޮފީހަށް ގޮސްފައެވެ.
މި ޓީމްގައި ފޮރެންސިކް ޑޮކްޓަރަކާ، އިންޓެލިޖެންސް ގެ މީހުންގެ އިތުރުން މުޙައްމަދު ބިން ސަލްމާގެ އޮފީހުގައި މަސައްކަތް ކުރީ ސެކިއުރިޓި އޮފިސަރުން ހިމެނެއެވެ. ތުރުކީގެ އޮފިޝަލުންވަނީ ޚަޝޯގީ މަރާލުމަށްފަހު ކަރަންޓު ކީހަކުން ކުދިކުދި ކޮށްލާފައިވާކަމަށް ތުހުމަތުކޮށްފައެވެ. ޚާޝޯގީގެ ހަށިގަނޑު ތުރުކީގެ އޮފިޝަލުންނަށް ނުފެނުނު ނަމަވެސް ސީ.އައި.އޭ އާއި ގުޅިގެން ހިންގި ތަހުގީގުތަކުން މިކަމާ ޝާހީއާއިލާ އާ ގުޅުން ހުރިކަން އަންގާދޭ އޯޑިއޯއެއް ވަނީ ލީކް ކޮށްލާފައެވެ.
ހުޅަނގުގެ ވައްޓަފާޅި ހުންނަ ޕްރިންސް މުޙައްމަދަށް އޭނާގެ ބައްޕަ ސަލްމާން ރަސްގެފާނުގެ ފުރިހަމައަށް ތާއިދުކޮށް، މިކަމުގައި މުޙައްމަދުގެ އެއްވެސް ބައިވެރިވުމެއް ނުވާނެކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެމެރިކާގެ އިންޓެލިޖެންސުންވެސް ވަނީ މިވަރުގެ އޮޕަރޭޝަނެއް މުޙައްމަދަށް ނޭނގި ނުހިންގޭނެކަމަށް ބުނެފައެވެ. ބައިނަލްއަގުވާމީ ފިއްތުން ތަކާ ތުރުކީގެ ނުފޫޒުގެ ސަބަބުން ސައުދީ ކޯޓުންވަނީ، މިއީ ސައުދީ އޭޖެންޓުން ހިންގި އަމަލެއް ކަމާ، މިކަން ރޭވީ ޕްރިންސް މުޙައްމަދުގެ އަރިސް ދެމީހަކު ކަމަށް ތުހުމަތު ކުރެވުނު ނަނަވެސް އެދެމީހުން ކުށްވެރިނުވާކަމަށް ނިންމާފައެވެ. ޚަޝޯގީގެ މަރުގެ މައްސަލައިގައި ފަސްމީހެއްގެ މައްޗަށް މަރުގެ ހުކުމް ކުރެވުނު އިރު އިތުރު 3 މީހަކަށް ވަނީ ހެކި ފޮރުވުމުގެ ކުށްސާބިތުވެ 24 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. ޚަޝޯގީގެ ދަރިންގެ މިބަޔާނާއެކު ގާތިލުންނަށް މަރުގެ ހުކުމުން ސަލާމަތް ވެވިދާނެ ކަމަށާ ނަމަވެސް ދައުލަތުން އެހެން އަދަބު ދޭނެކަމަށް ބެލެވޭކަމަށް އަރަބް ނިއުސް އިން ހާމަ ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ