ޔާމީން, ބޭރަށް ފޮނުވަން ސަރުކާރުން ބޭނުންވޭ، އެކަމަކު އެމަނިކުފާނު ބޭނުންފުޅެއް ނުވޭ

ކުރީގެ ރައީސް އަދި އިދިކޮޅު މައި ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅާ ގުޅިގެން ރާއްޖެއިން ލިބެން ނެތް ބައެއް ފަރުވާތައް ހޯއްދެއްވުމަށް ބޭރަށް ވަޑައިގަންނަން އެމަނިކުފާނު އަދި ބޭނުންފުޅުނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލަށް ލުމަށާއި ހަ މަސް ދުވަސް ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ކުރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގައެވެ.
ހައި ކޯޓުގައި މިދިޔަ ޖަނަވަރީ މަހު ބޭއްވި އިސްތިއުނާފް ޝަރީއަތުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ޖަލަށް ލާން ހުކުމް ކުރުމުގެ ކުރިން، ޝަރީއަތް ނިމެންދެން ބަންދުކުރި ފަހުން ނަފްސާނީ މައްސަލަތަކަކާއި ސިއްހީ އެހެން މައްސަލަތަކެއް ކުރިމަތިވެވަޑައިގަތް ކަމަށެވެ. އަދި ބަންދުން މިނިވަންވެވަޑައިގަތުމަށް ފަހު ހިތުގެ މައްސަލައަކަށް ޑޮކްޓަރަށް ދެއްކެވުމުން އެކަމަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ލަފާ ދެއްވި ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ކްރިމިނަލް ކޯޓުގައި ޝާރީއަތް ކުރިއަށްދިޔަ ދުވަސްވަރު އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ ކަށީގެ މައްސަލައެއްގައި އޮޕަރޭޝަން ކުރަން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅުވި ކަމަށާއި ނަމަވެސް އެކަން ނުކުރެއްވީ އެދުވަސްވަރު ބޭރަށް ވަޑައިގެންފިނަމަ އެމަނިކުފާނު ފިއްލެވީ ކަމަށް ބަޔަކު ގަބޫލުކޮށްފާނެތީ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލަށްލި ފަހުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ބައެއް ޓެސްޓުތައް ވެސް ހަދައިފައެވެ. އަދި ރާއްޖެއިން ލިބެން ނެތް ބައެއް ފަރުވާތައް ރައީސް ޔާމީނަށް ރާއްޖެއިން ބޭރުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމަކުން ވެސް ލަފާ ދެއްވައިފައެވެ.
ސަންގް ޓީވީގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ޑޮކްޓަރުން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް ރައީސް ޔާމީންގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދެވުމަށް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށާއި އެ ވާހަކަ ދޭތެރެ ދޭތެރެއިން ދައްކަވަމުން ގެންދަވާ ކަމަށެވެ.
“އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ ޑޮކްޓަރުން ދެއްވާފައިވާ ލިޔުމާ އެއްގޮތަށް ބޭސްފަރުވާކުރަން ފޮނުވަން. ނަމަވެސް މިވަގުތު އަދި ރައީސް ޔާމީން ބޭނުންފުޅުވެވަޑައެއް ނުގަންނަވާ ބޭސްފަރުވާ ކުރަން ބޭރަށް ވަޑައިގަންނަވާކަށް. އަޅުގަނޑުމެން އެބަ ދޭތެރެއަކުން އެވާހަކަ ދައްކަން. އެހެންވީމަ ރައީސް ޔާމީންގެ އާއިލާއިން ބޭސްފަރުވާއަށް ވަޑައިގަންނަވަންވީމަ އެކަމަށްޓަކައި ފަހިކޮށްދޭންޖެހޭ ހުރިހާ ފުުރުސަތުތަކެއް އަޅުގަނޑުމެން ފަހިކޮށްދޭނަން،” އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް ޔާމީނަށް މިވަގުތު ޖަލުންދޭ ހިދުމަތްތަކަކީ އެބޭފުޅުން ޖަލުގައި ތިއްބެވިއިރު ކަންކަން އިންތިޒާމުވެފައިވާ ގޮތަށް ބަލައިފިނަމަ އެތައް ގުނައެއް ރަނގަޅަށް ކަމަށެވެ. އަދި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ވެސް ކުރަމުން އަންނައިރު ކޮންމެ ދުވަހު ކޮމިޝަނަރު އޮފް ޕްރިންސް މެދުވެރިކޮށް އެމަނިކުފާނު ބޭނުންވާ ކަމެއް އޮތްތޯ ބައްލަވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ