ދެމަފިރިންގެ ދެމެދު މައްސަލަ ޖެހޭނެއެވެ. މުހިންމީ އިމުން ބޭރުނުވެ އެކަން ހައްލު ކުރުމެވެ.

ކާމިޔާބު ދެމަފިރިންނަކީ، ޖެހޭ މައްސަލަތަކުގެ ވާހަކަ، އެކަކު އަނެކަކަށް ކިޔައިދޭން ހިއްސާކުރާ މީހުންނެވެ. އަދި އެވާހަކައިން އެ މީހުންގެ ކައިވެނި އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރާ މީހުންނެވެ. މައްސަލަތައް އިމުން ބޭރަށް ދިޔަނުދީ އެމައްސަލަ ހައްލުކުރަން އެ މީހުންނަށް އެނގޭނެއެވެ. ލޯބި އިތުރަށް ބަދަހިކުރަން ވެސް އެނގޭނެއެވެ.
ކަމެއްގައި ހިޔާލު ތަފާތުވެގެން އެ ވާހަކަދައްކަން ފަށައިފިއްޔާ ދެން ނުކުމެދާނެ މައްސަލަ މާ ބޮޑުވާނެކަން އެނގޭތީ ބައެއްފަހަރު އަހަރެމެން އެވާހަކަދައްކައިގެން މައްސަލަ ހައްލުކުރަން އުޅޭ ތަނެއް ނުފެނެއެވެ. ފަހަރެއްގައި އަތުންފައިން ގޯހެއް ވެސް ހެދިދާނެހެން ހީވާތީ ކަމަށް ވެސް ވެދާނެއެވެ. އެހެންކަމުން، ހިތުގައި އޮތް ޝަކުވާ ހިތުގައި ކަފުންކުރަނީއެވެ. ހަނުހުންނަނީ އެވެ. މައްސަލައެއް ދިމާވިޔަސް “ޗުއްޕު” ވެސް ނުބުނަނީއެވެ. އެގޮތުގައި ދުވަސްކޮޅެއް ހޭދަވުމުން، އެ ގޮތް ރަނގަޅުވެ، އެ ގޮތުގައި ހުންނަން މާ ބޭނުންވަނީއެވެ. އެއީ އެންމެ ކަމުދާ ގޮތް ކަމުގައި ބެލެވެނީއެވެ.
ހަގީގަތަކީ އަހަރުމެން ކައިވެނި ކުރަނީ، ޖެހޭ މައްސަލަތައް ހައްލުކުރަން ދަސްކޮށްގެނެއް ނޫނެވެ. އެކަމަކު، މައްސަލަތައް ހައްލުކުރަން ރަނގަޅަށް ނޭނގިއްޖެއްޔާ، ކައިވެނި މޭޒުދޮށުގައި ވީ ވައްދުތައް ފުއްދާކަށް ނޭނގޭނެއެވެ. ލިބޭނެކަމަށް ކުރިން އުންމީދުކުރެވުނު ލޯތްބެއް ވެސް ނުލިބޭނެއެވެ.
ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، ކިތަންމެ ލޯބިން އުޅޭ ދެމަފިރިން ކަމުގައި ވިޔަސް، ނުވަތަ ކައިވެނި ކިތަންމެ ކާމިޔާބު ދެމަފިރިން ކަމުގައި ވިޔަސް، އެ ދެމަފިރިން އެއްގަލަށް ނާރާނެ ދިހަ މައްސަލަ، މަދުވެގެން އޮންނާނެއެވެ. އުމުރު ދުވަހަށް ވެސް އެކަން އޮންނާނީ އެހެންނެވެ. އެކަމަކު އެއީ މައްސަލައެއް ނޫނެވެ. އެކަން އެ ގޮތަށް ބާއްވައިގެން ދިރިއުޅެން އެ ދެމަފިރިންނަށް އެނގޭނެއެވެ. ތަފާތަކީ އެއީއެވެ. މައްސަލަ ނުޖެހޭ އެއްވެސް ދެމަފިރިއެއް ނޫޅޭނެއެވެ. މައްސަލައަކީ ވެސް ކައިވެނީގެ ކެވެލިކޮޅުގައި ގެތިފައިވާ އެއް ބޮޅެވެ. ދިރިއުޅެން ދަސްކުރަން ޖެހޭނީ އެބޮޅު ވެސް ހިމަނައިގެންނެވެ.
ރައްޓެހިވެގެން އުޅޭއިރު ފެންނާނީ ލޯބިވެރިޔާއެވެ. އެކަމަކު، ކައިވެނިކުރެވުމުން އޭނާގެ އާއިލާގެ ބައެއް ޒިންމާތައް ތިމާ އުފުލަންޖެހިދާނެކަން ވިސްނަންވާނެ އެވެ. މިނިވަން މާހައުލެއްގައި ތިމާ ބޮޑުވެފައިވީ ނަމަވެސް، ކައިވެނިކުރުމަށްފަހު، އެހެން އާއިލާއެއްގެ ތެރޭގައި ތިމާ އުޅެންޖެހިދާނެކަން ވިސްނަންވާނެއެވެ. ތިމާއަށް ދަސްވެފައި ނެތް ކިތަންމެ ކަމެއް ތިމާ ކުރަންޖެހިދާނެކަން ދަންނަން ޖެހޭނެއެވެ. އަދި ތިމާއަށް ތަޖުރިބާކުރެވިފައިނެތް ކިތަންމެ ކަމަކާ ކުރިމަތިލާން ޖެހިދާނެކަން ވެސް ދަންނަން ޖެހޭނެއެވެ.
ރައްޓެހިވެގެން އުޅުނުއިރު ތިމާގެ ލޮލަށް ފެނުނު ބައެއް މަންޒަރު އެއީ ފަހުން ހަގީގަތަކަށް ވެސް ނުވެހިނގައިދާނެއެވެ. އެހެންކަމުން ކައިވެންޏަކީ ދަތުރެއް ކަމުގައި ބަލައިގެން އެދަތުރުގައި ދިމާވާ ބިޔަ ރާޅުތަކާއި ބާނިތައް، ގަދަ އޮއިވަރާއި ރޯޅިތަކުން ސަލާމާތް ދަސްކުރަންވާނެއެވެ. ކަމެއް ކުރިމަތިވާއިރަށް، ވަރިކުރުމަކީ ނުވަތަ ވަރިއަށް އެދުމަކީ، ތިމާގެ ހިޔަންޏަށް ތިމާ ފިލަންއުޅުން ކަހަލަ ކަމެކެވެ. އެހެންކަމުން ކޮންމެ ކައިވެންޏެއް ކުރިޔަސް، މައްސަލަތައް ތިމާ އަށް ކުރިމަތިނުވެއެއް ނުދާނެއެވެ.
ކައިވެންޏެއް ފަށައިގެން އުޅޭއިރު ކުރިމަތިލާންޖެހޭނެ ހިޔާލުތަފާތުވުންތައް ހައްލުކުރާނެ ގޮތްތައް ޖެހޭނީ ދަސްކުރާށެވެ. ބަދަލުތައް އަންނާނެކަން ދަންނަންޖެހޭނެއެވެ. ތިމާ ވެސް ބައެއް އާދަތައް ދޫކޮށްލައި، ބައެއް އާ ކަންތައްތައް ދަސްކުރަން ޖެހޭނެކަން ގަބޫލުކުރަންވާނެއެވެ. އާ ހިޔާލުތަކަށް މަރުހަބާ ކިޔައި، އިހްތިރާމްކުރަން ޖެހޭނެއެވެ. ކުޑައިރު އުޅުނުގޮތަށް، ޒުވާންވީމައެއް ނޫޅެވޭނެއެވެ. ހުސްހަށިބަޔަށް ހުރިއިރު އުޅުނުގޮތަށް، ކައިވެނިކުރީމައެއް ވެސް ނޫޅެވޭނެކަން ދަންނަންވާނެއެވެ.
މިކުޑަކުޑަ ރާއްޖޭގައި، އެކަކު ވަރިކޮށްފައި އަނެކަކާ އިންނަ މީހުން މަދެއް ނޫނެވެ. ހަމައިންނަންވީއެވެ. އިންނާނެ އަންހެނުން ވާނެއެވެ. ފިރިހެނުން ވެސް ވާނެއެވެ. އެކަމަކު، އެހެން މީހަކާ އިނަސް، މައްސަލަނުޖެހި އުޅެވޭނެ ހެއްޔެވެ؟ ކުރީ އަނބިމީހާގެ ކިބައިގައި ހުރި މައްސަލަ، ފަހުން އިން އަނބިމީހާގެ ނުހުރެދާނެއެވެ. ދެން ކުރިމަތިލާން ޖެހޭނީ އެހެން މައްސަލަތަކަކާއެވެ. އަނެއްކޮޅުން، ދަރިން ތިބިނަމަ، އެ ކުދިންނަށް ކިހާ ދެރައެއް ލިބޭނެ ހެއްޔެވެ؟
ކައިވެނީ ގެ ފުރަތަމަކޮޅުގައި، މައްސަލައެއް ނުޖައްސަން އަހަރުމެން ބޭނުންވަނީ އެއީ ލޯބީގެ ފެށުންކަމުގައިވާތީއެވެ. އަހަރުމެންނަށް ހީވެފައި އޮންނަ ގޮތުގައި ލޯބިވުމަކީ، ހުރިހާ ކަމަކަށް ރުހިގެން ހުރުމެވެ. އެއްވެސް މައްސަލައެއް ނުޖެއްސުމެވެ. މައްސަލައެއް ޖައްސައި، ޒުވާބެއްކޮށް، އަރާރުންވެއްޖެއްޔާ، ކައިވެންޏަށް ނުބައި އަސަރެއް ކޮށްފާނެހެން ވެސް އަހަރުމެންނަށް ބައެއް ފަހަރު ހީވެއެވެ.
ލިބުނު ނަސީބަށްވުރެ ނުލިބުނު ނަސީބަށް ދަހިވެތިވުމަކީ ވެސް ކައިވެނި ރޫޅުމަށް މަގުފަހިވާއެއްކަމެވެ. އިނދެގެން އުޅޭ ފިރިމީހާއަށް ވުރެ، އިނދެވެން އޮތް ފިރިމީހާ މާ ރަނގަޅުވާނެހެން ހީވަނީއެވެ. ނުވަތަ ދަރިންގެ މަންމައަށް ވުރެ، ޒުވާން ކުއްޖާ މާ ކަމުދާނެހެން ހީވަނީއެވެ. އެހެން ގޮތަކަށް ބުނާނަމަ، ފިރިމީހާ ކައިރިން ނުވަތަ އިދެގެން އުޅޭ އަނބިމީހާ ކައިރިން ވަރިވާން ކޮންމެހެން ވެސް ބޭނުންވަނީއެވެ. ފަސްގަނޑު ހާވައިގެން ވެސް އޭނަގެ ކުށެއް ހޯދަން މަސައްކަތް ފެށެނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ