ޑަބްލިއުއެޗްއޯއާ އެމެރިކާ އިން ގުޅުން ކަނޑާލައިފި

ވޮޝިންޓަން (މެއި 30) - ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާ އެމެރިކާ އިން ގުޅުން ކަނޑާލިކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފި އެވެ.
ކޮރޯނާވައިރަސް ފެތުރުމުގައި ޗައިނާގެ އިހުމާލަށް ފިޔަވަޅު އެޅުމަށް ޑަބްލިއުއެޗްއޯ ނުކުޅެދިފައިވާ ކަމަށް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
"ޑަބްލިއުއެޗްއޯގެ މައްޗަށް ޗައިނާގެ ފުރިހަމަ ކޮންޓްރޯލް އޮވޭ،" ބެއިޖިންއާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އިއުލާން ކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ. "ދުނިޔެ މި ހާލަށް ދިޔައީ ޗައިނާގެ ސަބަބުން."
ވައިޓްހައުސްގެ ރޯޒް ގާޑަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޑަބްލިއުއެޗްއޯ އަށް އެމެރިކާ އިން ދޭ ފައިސާ ދެން ޚަރަދު ކުރާނީ އެހެން ޗެރިޓީތަކަށް ކަމަށެވެ. ޑަބްލިއުއެޗްއޯ އަށް އެންމެ ބޮޑު އެހީއެއް ދެނީ އެމެރިކާ އިންނެވެ. އެ ގައުމުން މިދިޔަ އަހަރު ވަނީ 400 މިލިއަން ޑޮލަރު ޑަބްލިއުއެޗްއޯ އަށް ދީފަ އެވެ.
އެމެރިކާގެ ރައީސްކަމުގެ ދެ ވަނަ ދައުރު ކާމިޔާބު ކުރައްވަން ކެމްޕޭން ކުރައްވަމުން ގެންދަވާ ޓްރަމްޕް ވަނީ ކޮރޯނާވައިރަސް ފެތުރުން ޗައިނާ އިން ސިއްރުކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
އެމެރިކާ އިން ކޮރޯނާވައިރަހަށް 1,793,530 މީހުން ޕޮޒިޓިވްވެ 104,542 މީހުންގެ ފުރާނަ ވަނީ ގެއްލިފަ އެވެ.
WHO akee China ge puppet eh: Trump
Mihaaru
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި ޑަބްލިއުއެޗްއޯ އިން ފިޔަވަޅު އެޅުމުގައި ނުކުޅެދިފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ފާޑު ވިދާޅުވާން ފައްޓަވާފައި ވަނީ މިދިޔަ މަހުން ފެށިގެންނެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް އަށް މި މަހު 18 ވަނަ ދުވަހު ޓްރަމްޕް ފޮނުއްވި ސިޓީއެއްގައި ވަނީ އެ ޖަމާއަތުގެ ކަންކަން ރަނގަޅު ކުރުމަށް 30 ދުވަހުގެ މުހުލަތެއް ދެއްވައިފަ އެވެ. ނޫން ނަމަ އެމެރިކާ އިން ދޭ އެހީ ދާއިމަށް ހުއްޓާލަން ޖެހިދާނެކަމުގެ އިންޒާރު ދީފައިވެ އެވެ. އެ ސިޓީގައި ޓްރަމްޕް ވަނީ ޑަބްލިއުއެޗްއޯ އަކީ ޗައިނާގެ ޕަޕެޓެއް ކަމަށް ވިދާޅުވެފަ އެވެ.
ޗައިނާ އިން ބުނެފައި ވަނީ އެމެރިކާ އިން ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި ނާކާމިޔާބުވުމުން އެކަމުގެ ޒިންމާ އެހެން ގައުމުތަކުގެ ބޮލުގައި އަޅުވަނީ ކަމަށެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޒައޯ ލިޖިއަން ވިދާޅުވީ ޓްރަމްޕް ގެންދަވަނީ އެމެރިކާގެ ރައްޔިތުންނަށް ވެސް އޮޅުވާލައްވަމުން ކަމަށެވެ.
ކޮރޯނާވައިރަހަށް ފިޔަވަޅު އެޅި ގޮތުގެ މިނިވަން ތަހުގީގެއް ހިންގުމަށް ޑަބްލިއުއެޗްއޯގެ މެންބަރު ގައުމުތަކުން ވަނީ އެއްބަސްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ