ރަށްރަށުގެ ގިނަ ބިންތަކެއް ކައުންސިލްތަކާ ހަވާލުކޮށްފި

ރަށްރަށުގައި ހުރި ދައުލަތުގެ 50 ބިމެއް އެ ރަށްތަކުގެ ކައުންސިލްތަކާ މިއަދު ހަވާލުކޮށްފި އެވެ.
ލޯކަލް ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމަށް މިއަދު ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި، 16 އަތޮޅެއްގެ 49 ރަށު ކައުންސިލަކާ ބިންތައް ވަނީ ހަވާލުކޮށްފަ އެވެ. ރަށު ކައުންސިލްތަކާ ބިންތައް ހަވާލުކޮށްދެއްވީ ހައުންސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މި ބިންތައް ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ލަސްވެފައިވަނީ ގާނޫނީ ގޮތުން ސާފުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރުމުންނެވެ. އަދި ބައެއް ކަންތައްތަކާ ހުރެ، މަސައްކަތް ކުރިއަށް ދާނެ ގޮތެއް ނެތި، ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ގިނަ ބިންތަކެއް ކައުންސިލްތަކާ ހަވާލުކުރެވުނު ނަމަވެސް އަދިވެސް ބައެއް ބިންތައް ކައުންސިލްތަކާ ހަވާލުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެ ބިންތައް މި އަހަރު ނިމުމުގެ ކުރިން ކައުންސިލްތަކާ ހަވާލުކުރައްވާނެ ކަމަށް އޭނާ ުވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި އެ ހުރިހާ ބިންތަކެއް ވެސް ކައުންސިލްތަކާ ހަވާލުކުރެވޭނެ. އޭގެ ކުރިން އަޅުގަނޑުމެން އެބަ ޖެހޭ ބައެއް ކައުންސިލްތަކާ ގާތްކޮށް މުއާމަލާތުކޮށް ކޮމަން އަންޑަސްޓޭންޑިންއަކަށް އަންނަން. އަޅުގަނޑު އެދެން މިއަދު ހަވާލުކުރި ބިންތަކުގެ ބޭނުން، ކައުންސިލްތަކުން ރައްޔިތުންނަށް ބޭނުންތެރި އަދި ހެޔޮ ގޮތުގައި ހިފުމަށް،" މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެ ބިންތައް ކައުންސިލްތަކުގެ ދަށަށް ބަދަލުކުރުމަށް މަސައްކަތްކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި ކައުންސިލްތަކާ މިއަދު ހަވާލުކުރި ބިންތަކަކީ ދައުލަތުގެ އަމާނާތެއް ކަމަށާއި އެހެންކަމުން ރައްޔިތުންނަށް ފައިދާ ހުރި ގޮތެއްގައި އެ ބިންތައް ބޭނުންކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ޝަރީފް ވިދާޅުވީ ރަށްރަށުގައި ހުރި ދައުލަތުގެ ބިންތައް ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރި ނަމަވެސް، އެ ބިންތައް ބޭނުންކުރެވޭނީ ގާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތަކަށް ފަހުގައި ކަމަށެވެ. އެ ގޮތުން ބިން ބޭނުންކުރުމުގެ ކުރިން އެ ބިމުގެ ލޭންޑް ޔޫސް ޕްލޭނެއް ހަދައި ހައުސިން މިނިސްޓްރީ އަށް ހުށަހަޅައިގެން އެއަށް ބަޖެޓެއް ފާސްކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި މީގެ ކުރިން ކައުންސިލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވެސް ގާނޫނީ މަރުހަލާތައް ފުރިހަމަ ނުކޮށް ބިން ބޭނުންކުރަން އުޅުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ