ޚިޔާލު ތަފާތުވުމާ ދެކޮޅަށް މަސައްކަތްކޮށްގެން ކާމިޔާބުނުވާނެ: ޝަމީމް

ޚިޔާލު ތަފާތުވުމާ ދެކޮޅަށް މަސައްކަތްކޮށްގެން ކާމިޔާބެއް ނުލިބޭނެ ކަމަށާއި، ޚިޔާލު ތަފާތުވުމަކީ އިންސާނާގެ ފިޠުރީ ޠަބީޢަތް ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޕީޖީ އަމިއްލަ ބްލޮގުގައި ލިޔުއްވަމުން ގެންދަވާ ސިލްސިލާ ލިޔުންތަކުގެ ތެރެއިން ލިޔުމެއްގައި ޕީޖީ ވިދާޅުވީ ބުއްދިވެރި ގޮތަކީ ޚިޔާލު ތަފާތުވާނެ ހަމަތަކަކާއެކު ޚިޔާލު ތަފާތުވާނެ ރަނގަޅު މާހައުލެއް ޤާއިމުކުރުން ކަމަށެވެ. އޭގެ ބޭނުމަކީ ކަންކަމުގެ ބޮޑު މަންޒަރާއި ޙާސިލުކުރަން ބޭނުންވާ ބޮޑު އަމާޒަށް ވާސިލުވުމުގައި ޚިޔާލު ތަފާތުވުމުގެ ބޭނުންތެރިކަމުގެ ސަބަބުންނެވެ.
ޕީޖީ އިތުރަށް ވިދާޅުވީ ޚިޔާލަކީ އަބަދުވެސް ބަދަލުވާ އެއްޗެއް ކަމުގައިވާތީ ޚިޔާލު ތަފާތުވުމަކީ ވަގުތީ ކަމެއް ކަމުގައެވެ. އަދި ވަކި މީހަކާ އެމީހާގެ ޒާތަށް ބަލައިގެން ޚިޔާލު ތަފާތުވާނަމަ، އެގޮތަށް ޚިޔާލު ތަފާތުވާ މީހަކީ ތަސައްރަފުނުފުދޭ މީހެއް ކަމުގައިވެސް ޝަމީމު ސިފަކުރެއްވިއެވެ.
އިސްލާމީ ފިޤުހު ކުރިއެރުމުގައިވެސް ޚިޔާލު ތަފާތުވުމާއި ބަދަލުވުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މަޛުހަބުތަކުގެ އެތެރޭގައާއި އަދި އެކި މަޛުހަބުތަކުގެ މެދުގައިވެސް ޚިޔާލު ތަފާތުވުންތައް ހުރި ކަމަށާއި، އެކަންކަމުން އިސްލާމީ ފިޤުހަށް ލިބުނީ ކުރިއެރުން ކަމުގައިވެސް ޕީޖީ ލިޔުއްވިއެވެ.
އަދި ޝަރުޢީ ދާއިރާއަށް ބަލާއިރު ޝަރީޢަތުގެ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ކޮންމެ ފަނޑިޔާރަކު އެ ފަނޑިޔާރެއްގެ ރައުޔަ ބަޔާންކުރައްވާ ގޮތަށް އޮތުމުން ފަނޑިޔާރުންގެ މެދުގައި ޚިޔާލު ތަފާތުވުން އޮންނަންޖެހޭނެ ހަމަތައް އެނގޭ ކަމަށާއި، އިހުތިރާމާއެކު އިލްމީ ގޮތެއްގައި ޚިޔާލު ތަފާތުވުމަށް ފުރުޞަތު އޮންނަ ގޮތަށް ޝަރުޢީ ދާއިރާ ބައްޓަންވެފައިވާ ކަމުގައި ޝަމީމު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ