ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ މާދަމާރޭ ބަހަން ފަށަނީ

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ފަގީރުންގެ ގޮތުގައި ނަން ނޯޓުކޮށްފައިވާ ފަރާތްތަކަށް މާދާމާރޭ ދޫކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ މާދަމާރޭ 09:00 ފެށިގެން ދޫކުރަން ފަށާނެ ކަމަށާއި ފައިސާ ދޫކުރާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުންނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިތުރުން ވިލިނގިލީ އަވަށު އޮފީހުން ކަމަށެވެ. އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ ފަގީރުންނަށް ފައިސާ ދޫކުރުން އޮންނާނީ އެ މީހަކު ނަން ނޯޓުކޮށްފައިވާ ކައުންސިލްގެ އިދާރާއަކުންނެވެ.
މިމަހުގެ 26 އަދި 27 ވަނަ ދުވަހުގެ ހެނދުނު 10:30 އިން ފެށިގެން ފައިސާ ދޫކުރަމުން ގެންދާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރިން ބުނެެ އެވެ.
ފައިސާ އާއި ހަވާލުވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ ފަގީރުންގެ ލިސްޓުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ އައިޑީކާޑު ގެނައުމުން ނޫނީ އެފަރާތުގެ ފައިސާ ދޫނުކުރެވޭނެ ކަމަށާއި ފައިސާ ބަލައި އަންނައިރު ނަން ނޯޓު ކޮށްފައި ދިން ސްލިޕްކޮޅާއި ފައިސާއާ ހަވާލުވާ ފަރާތުގެ އައިޑީކާޑު ގެންނަންޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުގެންދާ ފަރާތްތަކަށް މި މުއްދަތުގެ ފަހުން ފައިސާ ދޫކުރާގޮތަށް ހަމަޖެހިފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މިމަހުގެ ނަވާރަ ވަނަ ދުވަހުގެ ނިޔަލަށް މާލެއިން ވަނީ 1.2 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ލިބިފަ އެވެ. އަދި ޒަކާތުގެ ސޮދަގާތުގެ ގޮތުގައިވެސް 13،130 ރ. ލިބިފައިވެ އެވެ. އެދުވަހުގެ ނިޔަލަށް 41،382 މީހުން މާލެއިން އެކަނިވެސް ޒަކާތް ދައްކަފައިވެ އެވެ. އެގޮތުން އާދައިގެ ހަނޑުލުން 25،003 މީހުން، 250،030 ރ. ޒަކާތުގެ ގޮތުގައި ދެއްކި އެވެ. އަދި ތައި ހުދު ހަނޑުލުން، 3،385 މީހަކު، 135،400 ރ. ޒަކާތުގެ ގޮތުގައި ދެއްކި އެވެ. މީގެ އިތުރުން މޮޅު ހަނޑުލުން، 12،994 މީހަކު 909،580 ރ. ދެއްކި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ