އަތޮޅުތަކުގެ ރައްޔިތުން މާލޭ ދަފްތަރުގައި ޖެހެންޖެހޭ ސަބަބެއް ނެތް: އަސްލަމް

މާލޭގައި ވަޒަންވެރިވެ ތިބޭ އަތޮޅުތަކުގެ ރައްޔިތުން މާލޢ ދަފްތަރުގައި ރަގިސްޓަރީވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި ދަފްތަރު އުވާލަން ޖެހޭ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ބޯހިޔާވަހިކަމުގެ މައްސަލަތަކުގެ ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދެއްވުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެންބަރުން ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަސްލަމް ވިދާޅުވީ މާލޭ ދަފްތަރަކީ މާކުރިންވެސް އުވާލަން ޖެހޭ އެއްޗެއްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރަށްރަށުން ފަހިނުވާ ކަންކަން ހާސިލް ކުރުމަށް އަތޮޅު ތަކުން މާލެއަށް އަންނަ މީހުން މާލޭ ދަފްތަރުގައި ޖެހުމުގެ މާބޮޑު ބޭނުމެއް ނުވިސްނޭކަމަށެވެ. އަދި ރަށްރަށުގައި އުޅޭނެ ގެދޮރު ހުރެ ތަނަވަސްކަމާއިއެކު އުޅެވެން އޮތްނަމަވެސް މީހުން މާލެއަށް އައިސް މާލޭގެ ދަފްތަރުގައި ޖެހެންވީ ސަބަބެއްވެސް  ނުވިސްނޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، 2018 ވަނަ އަހަރު މާލޭ ދަފްތަރަށް ކުއްލިއަކަށް އެތައް ބަޔަކު އިތުރުކުރެވިފައިވާކަމަށެވެ. އެގޮތުން އެ އަހަރު އެކަނިވެސް 2000 ވުރެ ގިނަ މީހުން ދަފްތަރުގައި ރަޖިސްޓްރީ ކުރިއިރު އޭގެ ތެރޭގައި މާލޭގައި ނުޅޭ މީހުންވެސް ހިމެނޭކަމަށް ޝިފާ ވިދާޅުވިއެވެ.
މާލޭގެ ދަފްތަރުގައި ޖެއްސުމުގެ ގަވާއިދުގައި ބުނާގޮތުން އެ ދަފްތަރުގައި ރަޖިސްޓްރީ ކުރާނީ މާލޭގައި މަދުވެގެން ފަސް އަހަރު އުޅުނުކަން ޔަގީން ކޮށްދޭ ލިޔުމެއް ހުށައެޅުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ