ނަޝީދު އެދިލައްވާއިރަށް، ނިޒާމު ބަދަލު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި: މޫސަ

ދިވެހިރާއްޖޭގެ ވެރިިކަމުގެ ނިޒާމު ބަދަލު ކުރުމަކީ، ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނާއި ގުޅިވަޑައިގެން ކުރެއްވޭނެ ކަމެއް ނޫން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު(ރީކޯ) ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވެފައިވަނީ، ރޭ ރާއްޖެ ޓީވީއިން ގެނެސްދިން "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، އެ ނިޒާމުގެ ދަށުން ކުރާ ވެރިކަމެއްގައި، ރާއްޖޭގެ ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ކަަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަޝީދު މިހެން ވިދާޅުވީ ރައީސް ޞާލިޙުއަށާއި، ކެބިނެޓްގެ ބައެއް ވަޒީރުންނަށް ފޮނުއްވި މެސެޖެއްގައެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، މިކަމާއި ގުޅިގެން އޭނާ ރައީސް ޞާލިޙުއަށް ގުޅުއްވައި ވާހަކަ ދެއްކެވި ކަމަށެވެ.
"އަޅުގަނޑު މިކަމާއި ގުޅިގެން ރައީސް ޞާލިޙުއަށް ގުޅިން. ރައީސް ކިހިނެއްތޯއޭ ވެގެން މިއުޅެނީ؟ ރައީސް ވިދާޅުވީ މޫސައޭ، ތިމަންނައާއި ނަޝީދާއި ދެމީހުން ގުޅާލައިގެން ކުރާނެ ކަމެއް ނޫން ހެއްޔޭ މީ. މިއޮތީ ރައްޔިތުން ކަނޑައަޅާފައި އޮތް ނިޒާމެކޭ" މޫސަ ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ރައީސް ޞާލިޙުގެ ވިސްނުންފުޅު ހުރިގޮތް ހާމަކޮށްދެއްވައި ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވަނީ، ރައީސްގެ ވިސްނުންފުޅަކީ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން އެކަނި ކަމަށެވެ.
ރާއްޖޭގައި އޮންނާން ފެންނަ ވެރިކަމުގެ ނިޒާމު، ދިވެހި ރައްޔިތުން ވަނީ މީގެ 14 އަހަރު ކުރީން ކަނޑައަޅައިފައެވެ. އެގޮތުން 2007 ވަނަ އަހަރުގެ އޯގަސްޓްމަހުގައި ބޭއްވި ނިޒާމީ ވޯޓުގައި ރައްޔިތުން ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ނިންމައިފައެވެ.
މޫސަ ވިދާޅުވީ، ނިޒާމު ބަދަލު ކުރުމުގެ ވާހަކަ ރައީސް ނަޝީދު ދައްކަވަނީ އެމަނިކުފާނުގެ ހައިބަތު އަދިވެސް ބޮޑު ކުރަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ