ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބަލައިރު މިއަދު ލަދުގަންނަން ޖެހޭ – ދުންޔާ

ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބަލާއިރު މިއަދު ލަދުގަންނަން ޖެހޭކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވީ، ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގެ ނަމުގައި އަލަށް ފެށި ޤައުމީ ސިޔާސީ ޙަރަކާތް އިފްތިތާޙުކުރުމުގެގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދުގެ ރާއްޖޭގެ ޙާލަތުގެމައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ދުންޔާ ވިދާޅުވީ އެތައް ހާސް އަހަރެއްގެ އަމިއްލަ މިނިވަން ޤައުމެއްގެގޮތުގައި ފަޚުރުވެރި ތާރީޚެއް އޮތް ދިވެހިރާއްޖެ މިއަދު ވަނީ އަޅުވެތިވެފައިކަމަށެވެ. 1965ވަނަ އަހަރު ދިވެހިރާއްޖެ ހޯދި މިނިވަންކަން މިހާރު މިޤައުމުގައި ނެތްކަމަށް ދުންޔާ ވިދާޅުވިއެވެ.
" 1965ވަނަ ހަރުގެ ޖުލައި 26ގައި ރާއްޖެ ސޮއިކުރި މިނިވަންކަމުގެ މުޢާހަދާގެ މަތިން މިއަދުގެ ސަރުކާރުން މިވަނީ ހަނދާންނެތިފައި. ބޭރުގެ ޤައުމުތަކަށް އަދި ވަކި އެއް ޤައުމެއްގެ ކައިރީ ސަލާންޖަހާ ބަޔަކަށް (ރާއްޖެ މިވަނީ) ވެފައި. އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ފުދުންތެރިކަން އިތުރުކުރުމުގެ ބަދަލުގައި، އަބަދު އެހީ ހޯދަން ބޭނުންވާ ބަޔަކަށް (ރާއްޖެ މިވަނީ) ބަދަލުވެފައި. އަޅުގަނޑުމެންގެ ކާބައިން ބުނެ އުޅޭ އެދުމެއްނެތި ވެދުމެއް ނުކުރާނެއޭ. މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނާލަންޖެހޭ ކަމެއް. އެހެން އެއްޗެއް ދޭ މީހާވެސް ވަރަށްގިނަ އަމިއްލަ އެދުންތަކެއް އޮންނާނެކަން، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. އިންގިރޭސީން ބުނަނީކަމަށްވާނަމަ، ދެއަރ އިސް ނޯ ފްރީ ލަންޗް. " ދުންޔާ މައުމޫން ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ ވަކި ޤައުމަކުން ލޯނު ނެގީމާ އެއީ ދަރަނީގެ ދަންތުރައެއްގެ ގޮތުގައި ބައެއް ބޭފުޅުން ސިފަކުރައްވާއިރު، އަނެއްބައި ޤައުމުތަކާމެދު މިފަދަ ބޭފުޅުން ދެކެނީ މުޅިން އެހެން ގޮތަކަށް ކަމަށެވެ. އަދި އެއްވެސް ޤައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެކަމަށް ދުންޔާ ވިދާޅުވިއެވެ.
ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އިތުރުން ޤައުމުގެ އެތެރޭގެ ހަމަޖެހުމާއި، ޑިމޮކްރަސީ ކުރިއެރުވުމުގައި ސަރުކާރުން ޢަމަލުކުރައްވާގޮތަށްވެސް ދުންޔާވަނީ ވަކި ބޭފުޅެއްގެ ވަކި ސަރުކާރެއްގެ ނަން ވިދާޅުނުވެ ފާޑުވިދާޅުވެފައެވެ. އެގޮތުން އަމާން ރައްކާތެރި، ސުލްޙަވެރި، އިންސާފުވެރި މާޙައުލެއް ރާއްޖޭގައި މިހާރު ނެތްކަމަށް ދުންޔާ ވިދާޅުވިއެވެ. އެގޮތުން ކިޔަވައިގެން މަތީ ތަޢުލީމު ޙާސިލްކޮށްގެން އެތައްބަޔަކު ތިއްބާ، ނުކިޔާ ތަނެއްދޮތެއް ނޭނގޭ ސިޔާސީ އެކްޓްވިސްޓުން ސަރުކާރުގެ މަޤާމުތައް ފުރާލާކަމަށާ، ތަޢުލީ ޒުވާނުންތިބީ މާޔޫސްވެފައިކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ