ސައްހަކަން ކަށަވަރު ނުކުރެވޭނަމަ ފައިސާގެ މުއާމަލާތުގައި ސަމާލުވޭ!

ސައްހަކަން ޔަގީން ނުވާނަމަ ފައިސާގެ މުއާމަލާތްތައް ކުރުމުގައި ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސް ކޮށްފިއެވެ.
ބީއެމްއެލްއިން ވަނީ ނުދަންނަ އެކައުންޓްތަކަށް ފައިސާ ޓްރާންސްފާ ކުރާއިރު ހާއްސަކޮށް އާއިލާގެ މެމްބަރުން ނުވަތަ ރަހުމަތްތެރިން ކަމަށް އޮޅުވާލައިގެން ސްކޭމް ކުރާ މީހުންގެ ކޯލްތަކާއި ސޯޝަލް މީޑިއާ މެސެޖުތައް ލިބުމުން އެކަމަށް ސަމާލުވެ ތިބުމަށް އިލްތިމާސް ކޮށްފައެވެ.
އަދި އެއްވެސް އިރެއްގައި ކާޑު ނަމްބަރު އަދި އޯޓީޕީ އެއްވެސް ފަރާތަކާ ހިއްސާ ނުކުރަންވެސް ބޭންކުން އެދެއެވެ.
ތަފާތު މުދަލާއި ހިދުމަތް ފޯރުކޮށްދޭ ފަރާތެއް ކަމަށް ބުނެ އެކި ކަސްޓަމަރުންނަށް ގުޅަމުންދާ ކަމަށާއި އަދި ސޯޝަލްމީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދާ އެ ބޭނުން ކޮށްގެންނާއި ބައެއް ފޭކު ޕޭޖުތައް ހަދައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މި ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުން ދަނީ ވަރަށްވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ކަމަށްވެސް ބުނެފައިވެއެވެ.
ބީއެމްއެލްއިން ބުނެފައި ވަނީ މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ނުދިނުމުގެ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް ދޭ އޯޑަރުތަކަށް ތަކެތި ލިބުމުގެ ކުރިން ފައިސާ ނުދެއްކުމަށް އިލްތިމާސްކުރާކަމަށެވެ. އަދި ނުދަންނަ ފަރާތްތަކުން ގުޅައި ފައިސާ ފޮނުވައި ދިނުމަށް އެދި ކުރާ ކޯލްތަކަށް ޖަވާބު ނުދިނުމަށާއި އަދި އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓާނެޓް ބޭންކިން އަދި ކާޑުގެ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށްވެސް އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ