ސަރުކާރާ މެދު ގިނަ ރައްޔިތުން މާޔޫސްވެއްޖެ: ދުންޔާ

މި ސަރުކާރާއި މެދު ގިނަ ރައްޔިތުން މިހާރު ތިބީ މާޔޫސްވެފައި ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ރޭ "ސަންގު ޓީވީ" ގައި ވާހަކަދައްކަމުން ދުންޔާ ވިދާޅުވީ ކޮންމެ ސަރުކާރަކަށް ވެސް "ހަނީމޫން" ދުވަސްވަރެއް އޮންނަ ކަމަށާއި މި ސަރުކާރާއި މެދު ގިނަ އުއްމީދުތަކެއް ކުރެވުނު ކަމަށެވެ. މި ސަރުކާރަށް ކަމެއް ނުކުރެވޭ ވާހަކަ ނުދަންނަވާނެ ކަމަށާއި ނަމަވެސް ނުކުރެވިދާ ވަރަށް ގިނަ ކަންތައްތައް ފެންނަމުންދާ ކަމަށް ދުންޔާ ވިދާޅުވި އެވެ.
"ގާތްގަނޑަކަށް މިޑް ޕޮއިންޓަށް އައިއިރު އަޅުގަނޑު ދަންނަވާނީ ވަރަށް ގިނަ ރައްޔިތުން ތިބީ ޑިސަޕޮއިންޓުވެފައޭ. ވަރަށް ގިނަ ވައުދުތައް ވެވުނު. އެކަމަކު އަޅުގަނޑަކަށް ވެސް ނުފެނޭ އަސްލު އަޅުގަނޑުމެންގެ ކުރިމަތީގައި މިހާރު މިހިރީއޭ ގެނެވުނު ތަރައްގީތަކަކީ، މިހިރީއޭ ހިންގުނު މަޝްރޫއުތަކަކީ، މިހިރީއޭ ނިންމުން ކަންތައްތަކަކީ މިހެން ބުނެލާއިރު ނެތް ފެންނަން" ދުންޔާ ވިދާޅުވި އެވެ.
މާލެ އަދި ހުޅުމާލެ އަށް ބަލާލާއިރު ވެސް ރައްޔިތުންގެ ދިރިއުޅުމަށް މާބޮޑު ބަދަލެއް އައިސްފައިވާތަނެއް ފެންނަން ނެތް ކަމަށާއި މިހާރު ހައްތަހާ ވެސް ފެންނަމުންދަނީ އިތުރު ދަތިތަކެއް ކަމަށްވެސް ދުންޔާ ވިދާޅުވި އެވެ.
މީގެއިތުރުން މި ސަރުކާރުގެ ހާރިޖީ ސިޔާސަތު އޮތީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ދުންޔާ ވިދާޅުވި އެވެ. އަދި ވަކި ގައުމެއް ނިކުންނާށޭ ކިޔާފައި ކެމްޕޭން ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ނަމަވެސް ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ދިވެހިން ތާއީދުކުރާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އޭގެ މާނައަކީ އެގައުމަކާ އަބަދު ދުޝްމަނުންނަށް ވެތިބެ، އެމީހުންނާ ދެކޮޅަށް ހުރިހާ ކަމަކަށް ފާޑުކިޔައި އަދި މަގުމައްޗަށް ނިކުމެ ހަޅޭލަވައި ބަޔަކު ނެރެން މަސައްކަތް ކުރުމެއް ނޫން" ދުންޔާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ