އަތޮޅުތަކުގައި ތިބި ޑީއާރުޕީ މީހުން ޕީޕީއެމް އަށް ވައްދަން ފަށައިފި

ޑީއާރްޕީގެ މެންބަރުންގެ ލިސްޓް ހިފައިގެން ރަށްރަށަށް އަރައި އެ ރަށްރަށުގައި ތިބި ޑީއާރްޕީގެ މެންބަރުން ޕީޕީއެމްއަށް ވެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޕީޕީއެމްގެ ވަގުތީ ސްޕޯކްސް ޕާސަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުލޫފު ވިދާޅުވީ ޕީޕީއެމްގެ އަމާޒަކީ ޑީއާރްޕީގެ މެންބަރުން މައުމޫން އުފައްދަން މަސައްކަތް ކުރައްވާ ޕާޓީ އަށް ވެއްދުން ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ކުރަނީ ޑީއާރްޕީގެ މެންބަރުންނަކީ އެ ބޭފުޅުންގެ ފިކުރުގައި ތިބި މީހުން ކަމަށް ވާތީ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ޓާގެޓަކީ ޑީއާރްޕީގެ މެންބަރުން އަޅުގަނޑުމެންނާ ގުޅުވުން. އަޅުގަނޑުމެންގެ ވިސްނުމާ ފިކުރަނީ ]ޑީއާރްޕީގެ މެންރުން[ ކަމަށް ވާތީ. ރަށްރަށަށް އަޅުގަނޑުމެން މިދަނީ ޑީއާރްޕީގެ މެންބަރުންގެ ލިސްޓް ހިފައިގެން،" މަހުލޫފު ވިދާޅުވި އެވެ.
ޑީއާރްޕީގެ ކައުންސިލަރަކު ޕީޕީއެމްގައި ހަރަކާތްތެރިވާ ނަމަ ޑީއާރްޕީން ވަކިކުރާނެ ކަމުގެ އިންޒާރު އެ ޕާޓީން ދީފައިވަނިކޮށް، ޕީޕީއެމް އަށް މެންބަރުން ވެއްދުމުގައި އެހީތެރިވަނީ ޑީއާރުޕީގެ ކައުންސިލަރުން ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"ކައުންސިލަރުންގެ ފަރާތުން އަޅުގަނޑުމެންނަށް އެއްބާރުލުން ލިބޭ. އަޅުގަނޑުމެންނާ އެކު ގޭގެއަށް ނުވަނެއް ކަމަކު، ދާންވީތަނާއި ވަންނަންވީތަނާއި ]ޕާޓީއަށް[ ގެންނަންވީ މީހާއާ ވާހަކަ ދައްކަންވީ މީހާއާއި މި ހުރިހާ މައުލޫމާތުތަކެއްދީ އެފަރާތްތަކަށް ގުޅަމުން މިދަނީ،"
ޑީއާރްޕީގެ މެންބަރުންގެ ތެރެއިން ޕީޕީއެމްއަށް ނުގުޅި ތިބޭނީ ދެތިން ރަށެއްގެ 50 ވަރަކަށް މީހުން ކަމަށް މަހުލޫފު ވިދާޅުވި އެވެ. އަދި އެ ބޭފުޅުން ޕީޕީއެމް އަށް ނުގުޅި ތިބޭނީ ތަސްމީނުގެ އާއިލާއާ އޮންނަ ގުޅުމެއްގެ ސަބަބުން ކަމަށް މަހުލޫފު ވިދާޅުވި އެވެ.
މަހުލޫފު ވިދާޅުވީ ޕީޕީއެމް އިން މިހާތަނަށް ތިން ރަށަކަށް ދަތުރުކޮށްފައިވާ ކަމަށާއި އެގޮތުން އިއްޔެ ކ. ހިންމަފުއްޓަށް ޕީޕީއެމްގެ ވަފުދެއް ދަތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހިންމަފުށީގެ ޑީއާރްޕީގެ 90 ޕަސެންޓް މެންބަރުން ޕީޕީއެމް އަށް ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިއަދު ކ. ހުރައަށް ދަތުރު ކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ އަތޮޅުތަކުގައި ތިބި ޑީއާރުޕީގެ ކައުންސިލަރުން ޕީޕީއެމް އަށް މެންބަރުން ވެއްދުމަށް އެހީތެރިވާ ކަމަށް ދައްކަވާ ވާހަކަ ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ކައުންސިލަރުންނާ އަޅުވައި ޕީޕީއެމް އިން އެ ވާހަކަ ދައްކަނީ އެބޭފުޅުންގެ "ނަން ހުތުރުކުރުމުގެ" ބޭނުމުގައި ކަމަށެވެ.
އަލީ ސޯލިހު ވިދާޅުވީ ޕީޕީއެމް އަށް މާލެ އިން ވެސް ތަރުހީބު ލިބިފައި ނުވާ ކަމަށާއި އަދި މާލެ އަތޮޅުން ވެސް ތަރުހީބު ލިބެނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ