"ނަންކީ ސޮލަވާތު ބޮނޑިބަތް" ވެސް ފައިސާއާ އެކުގައި ނޫނީ ރަހަ ރަނގަޅެއް ނުވޭ

"މާރުކޭޓް ސަރަހައްދުގައި ސަލާންޖަހަން އެބައުޅޭ މާލެތެރޭގައި. މިއުޅޭ ބިދޭސީން މާލޭ މަގުމަތީގައި ކުރާ މަސައްކަތްތައް ކޮށްލައިގެން ވެސް ފައިސާ ހޯދިދާނެ ވަރުގެ ދިވެހިން. ކުދިންނަށް ނަން ކިޔާފައި ބަހާ ބޮނޑިބަތް ޕާރުސަލް ވެސް މިހާރު ބަހަނީ ބިދޭސީން. އެކަންތައްތައް ކޮށްލައިގެން ވެސް ސަލާންޖަހާ މީހުންނަށް ފައިސާ ހޯދިދާނެ،" ދެކެވުނު ވާހަކައެއްގައި ރައްޓެއްސަކު ބުންޏެވެ.
އެހެން ރައްޓެއްސެއް ކަމަށްވާ ޖަމީލު އެއަށް ވުރެ މާޝައުގުވެރި އެހެން ވާހަކައެއް އެވަގު ބުނެދިނެވެ. އޭނާ ބުނީ ކުދިންނަށް ނަންކިޔާފައި ތައްޔާރުކުރާ ބޮނޑިބަތް ޕާރުސަލަކީ ވެސް "މިހާރު މީހުން ބަލައިގަންނައެއްޗެއް ނޫން" ކަމަށެވެ.
"އެހެންވީމާ ބޮނޑިބަތް ބަހަން ދިވެހިން ދާނެތަ؟ އެއަކު ނުހިފާ މިހާރަކު!" ޖަމީލު ބުންޏެވެ.
އެހެން މީހަކު ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް ނަންކިޔައިގެން ބެހި ބޮނޑިބަތް ޕާރުސަލް މީހަކަށް ދިއްކޮށްލީމާ "ފައިސާކޮބައިހޭ؟ އެހި ކަމަށެވެ.
"ބޮނޑިބަތެއް ނުކެވޭނޭ ފައިސާ ޕާރުސަލާއެކު ދޭށޭ ބުނީ!" އޭނާ ބުންޏެވެ. "ފަހުން އަހަންނަށް އެނގުނު މިހާރު ފައިސާވެސް ލާފައި ބޮނޑިބަތް ޕާރުސަލް ބަހަމުންދާކަން. އެގޮތަށް ހަދަނީ މީހުން ޕާރުސަލްގައި ނުހިފާތީކަން."
ދިވެހިންގެ އާދަކާދައިގެ މައްޗަށް ބަލާއިރު ކުއްޖާ ވިހާތާ ތިން ދުވަސް ފަހުން "ބޭރަށް ނެރުން" އޮވެ އެވެ. ވިހާތާ ހަތް ދުވަސް ފަހުން ބޯ ބާލައި ނަން ކިޔުން އޮވެ އެވެ. ނަން ކިޔުމުގެ އުފަލުގައި ކުރަމުން އައި އެންމެ މުސްކުޅި ކަމަކީ ބިންބި، ފޮނިކޮށް އޮލަކޮށް ކައިކައިގެން ބެހުމެވެ. އެ ހާއްސަ ކެއުމަށް "ފުރަހަނި" އޭ ކިޔައި އުޅެ އެވެ. ތާރީހުން އެނގޭ ގޮތުގައި ރާއްޖޭގެ ރަށްރަށުގައި ކުއްޖަކަށް ނަން ކިޔައިފިނަމަ ފުރަހަނި ކެއުމުގައި އެންމެވެސް ވަރަށް އުފަލުން ބައިވެރިވެ އެވެ.
ފުރަހަންޏަށް ފަހު ވެސް ކުކުޅު ކަތިލައިގެން ކޭން ކައްކައި ސަލަވާތް ކިޔާ ހަދަ އެވެ. އެއީ "ނަން ކީ ސޮލަވާތު"ގެ ގޮތުގައި އޮންނަނީ މަޝްހޫރުވެފަ އެވެ. މިހާރު އެކަން ބަދަލުވެ ނަންކީ ސޮލަވާތުގެ ބަދަލުގައި އެންމެން ކަހަލަ ގޮތަކަށް ކިޔައި އުޅެނީ "ނަންކީ ބޮނޑިބަތެ"ވެ. އެއީ ކުކުޅާ ގެރިމަސް ވެސް ހިމެނޭ ގޮތަށެވެ.
ދަރިން ލިބިގެން ނަންކީ ސޮލަވާތް ކިޔުމާއި ގެރިބަކަރި ކަތިލައި ބޮނޑިބަތް ބަހައިގެން ކިތަންމެ ރީތި ނަން ކިޔަސް މިހާރު ބޮނޑިބަތް ޕާރުސަލް އަވަށްޓެރިންނާއި ރައްޓެހިންނާ ހަމައަށް ފޯރުކޮށްލައިދޭނެ މީހަކު ވެސް ނުވެ އެވެ.
"އެހެން ބަހާ ޕާރުސަލެއް ހިފައިގެން ވެސް ހިނގާނީ ކޮންމެވެސް ބޭރުމީހެއް، ނުވިތާކަށް އެ ހިފައިގެން ދިޔާމަ ބަލައެއް ވެސް ނުގަނޭ. ބައެއް މީހުން ބުނާނެ މިހާރު ބޮނޑިބަތް ޕާރުސަލު ކައެއް ނޫޅެމޭ، އަނެއް ބަޔަކު ބުނާނެ ބަހައްޓާށޭ، އެދެން ލާނީ ކުނި ވަށިގަނޑަށް،" އެކަކު ބުންޏެވެ.
ބޮނޑި ބާތް ޕާރުސަލަށް މީހުނގެ ސަމާލުކަން ދަމައިގަންނަ ގޮތް ހެދުމަށްޓަކައި ޕާރުސަލް ފުޅިމަދު ފޮއްޓަށްލައި ކުއްޖާގެ ފޮޓޯ އާއި ނަމާއި އަދި ވެސް އިބުރަތްތެރި ލިޔުން ކޮޅުކޮޅު ހިމަނަގައިގެން ހަދާފައި ހުރެ އެވެ. ރީތި ފާޑުފާޑުގެ ރިބަން އައްސާފައި ވެސް ހުރެ އެވެ. އެހެންނަމަވެސް ނަން ސޮލަވާތުގެ ބޮނޑިބަތަކީ މިހާރު ގިނަ ފަހަރަށް ޕާރުސަލް ހުރި ގޮތަށް އެއްލައިލާ އެއްޗަކަށް އޮންނަނީ ވެފަ އެވެ.
"އަހަރެންގެ އަމިއްލަ ދިރިއުޅުމުގައި ވެސް ބައެއް ރައްޓެހިންނާއި އަވައްޓެރިން ގެންނަ ނަންކީ ބޮނޑިބަތް ޕާރުސަލުގެ ރަހަ ބަލައެއް ނުލެވޭ. ހަމަ ބާކީވެގެން ދަނީ،" އިހުސާން ކިޔާ ރައްޓެއްސަކު ބުންޏެވެ. "އެކަމަކު އަހަރެން އަޑެއް ނާހަން ފައިސާއާއެކުގައި ނޫނީ ހަވާލު ނުވާނެ ކަމަށް. މީހުން ބުނާ އަޑެއް. އަދި ފައިސާއާއެކުގައި ޕާރުސަލް ބަހާ އަޑެއް ވެސް. އެއީ މީހުން ބޭނުންވާ ގޮތް ކަމަށްވަންޏާ އެހެން ހަދައިގެން ވެސް މިއީ ކުރަން ޖެހޭނެ ދިރުވަން ޖެހޭނެ ކަމެއް، މިއީ ވަރަށް ބޮޑު އުފަލެއް ވަރަށް ބޮޑު އެއްބައިވަންތަ ކަމެއް."
ބޮނޑިޕަތް ޕާރުސަލާއި ފައިސާގެ ވާހަކަ އައުމުން އެހެން ހަނދާނެއް ވެސް އެވެ. ކުޑައިރު ހުކުރު ނަމާދަށް ދާއިރު ކޮންމެ ދުވަހަކީ ވެސް ކޮންމެވެސް އެއްޗެއް މިސްކިތްދޮށުގައި ބަހާ ދުވަހެކެވެ. ކޮންމެވެސް ކަމަކާ ގުޅިގެން މީހުން ބައިރުފިޔާ ވެސް ބަހަ އެވެ.
އަދި ކޮންމެވެސް ސަދަގާތެއްގެ ގޮތުގައި ފޮނި ކާއެއްޗެހިވެސް ބަހައި އުޅެ އެވެ. އޭރުވެސް ކާއެއްޗެހީގެ ބަދަލުގައި ގިނަ މީހުން އަތް ދިތް ކުރަނީ ބައިރުފިޔާ ފޮތި ހޯދާށެވެ. އެ އުސޫލުން މިހާރު ނަންކިޔާފައި ބަހާ ބޮނޑިބަތް ޕާރުސަލް ވެސް މީހުން މާ ބޮޑަށް ބަލައި ނުގަންނަނީ އެވެ. އޭގެ ބަދަލުގައި ފައިސާއަށް އެދެވެނީ އެވެ.
ނަންކީ ސޮލަވާތުގެ ގޮތުގައި ކޭން ކެއްކުމަކީ ކުރިން ރާއްޖޭގެ ސަގާފަތުގައި ވަރަށް ފޯރިއާއެކު ކުރާ ކަމެކެވެ. ބަދަލުތަކާއެކު ނަންކީ ބޮނޑިބަތާއި ކުކުޅާއި ގެރިމަހާއި މިބާތްތައް ވެސް ތައްޔާރުކުރަމުން އައީ ވަރަށް މަޖާވާ ގޮތުގަ އެވެ. ނަމަވެސް މިހާރު އެކަން ކުރަނީ މާ ބޮޑު އުނދަގުލަކާއި އަދި މާބޮޑު ހާއްސަ ކަމެއްގެ ގޮތުގައެއް ނޫނެވެ. ނަން ކިޔާތާ އެތައް އަހަރެއް ފަހުން ވެސް އެކަން ކޮށްފާނެ އެވެ. ގިނަ މީހުން މިހާރު އެކަން ކުރަނީ ފައިސާކޮޅެއް ކޮންމެވެސް ހޮޓަލަކަށްދީފައި އެ ހޮޓަލުގެ މީހުން ލައްވަ އެވެ. ގޭގެ ނަން ލިސްޓް ދިނީމާ ބިދޭސީން ލައްވާ އެގޭގެއަށް ބަހާލަނީ އެވެ.
"ބައިވަރު ސަބަބުތައް ވެސް ހުރީމާ ނަންކީ ބޮނޑިބަތް ޕާރުސަލްގެ ފޯރި ކެނޑުނީ. އެކަމަކު އޭގެ ބަދަލުގައި ފައިސާ ދޭށޭ ބުނުމަކީ ވަރަށް ހައިރާންވާ ކަމެއް. އަދި ފައިސާއާއެކު ބޮނޑިބަތް ޕެކެޓް ބެހުން ތައާރަފު ކުރުމަކީ ވެސް ހައިރާންވާ ކަމެއް،" އެކަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ