އެމްޑީޕީގެ ސަޕޯޓަރުންތަކެއް ކުރީގެ ރައީސް މައުމޫނާއި ޔާމީން ހައްޔަރުކޮށް ޝަރީއަތަށް ހުށަހެޅުމަށް ގޮވައި މުޒާހަރާކޮށްފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު، މ. އަލިވާގޭ ދޮށަށް ރޭ އިރާކޮޅުން ފެށިގެން އެމްޑީޕީގެ ސަޕޯޓަރުންތަކެއް އެއްވެ، އެ މަނިކުފާނާއި އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ޝަރީއަތަށް ހުށަހެޅުމަށް ގޮވާލައި މުޒާހަރާކޮށްފި އެވެ.
ރޭ ގާތްގަނޑަކަށް 15: 9 ހާއިރުން ފެށިގެން އަލިވާގޭ ދޮށަށް އެއްވި މީހުން އަޑުގަދަކުރާ އިން ގޮވަމުން ދިޔައީ، ރައީސް މައުމޫނާއި ޑީއާރްޕީގެ ނާއިބު ޒައީމް އަހްމަދު ތަސްމީން އަލީ އާއި ޕީއޭގެ ރައީސް އަދި ރައީސް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނަކީ ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ބައެއް ކަމަށާއި އެ މީހުން ހައްޔަރުކޮށް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށްދިނުމަށެވެ. އަދި އެ މީހުންގެ ސަބަބުން، ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް ހޯދައިދިނުމަށް ވެސް އެ މީހުން ގޮވަމުން ދިޔަ އެވެ.
އެމްޑީޕީގެ ސަޕޯޓަރުންތަކެއް އަލިވާގޭ ދޮށަށް އެއްވާން ފެށީ، ރޭ އިރާކޮޅުން ފެށިގެން ނަސަންދުރާ ކައިރީގައި އެ ޕާޓީގެ ސަޕޯޓަރުންތަކެއް ކުރި މުޒާހަރާ ނިމުނު ތަނާ ހެންނެވެ. އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާ ބެހޭ މައި މަރުކަޒު ހިނގަމުންދާ ނަސަންދުރަ ކައިރި އަށް އެއްވި ބައެއް މީހުން ވެސް އަލިވާގޭ ދޮށުން ފެނިފައިވެ އެވެ.
އަލިވާގޭ ދޮށަށް އެއްވި މީހުން އެ ގެއާ ވަރަށް ކައިރި އަށް އައި ފަހުން، ޑީއާރްޕީގެ ސަޕޯޓަރުންނާއި ފުލުހުން އެ ކަމަށް ހުރަސް އަޅައި އެ މީހުން ފަހަތަށް ޖެއްސި އެވެ. އެ ވަގުތު ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނު ނަމަވެސް ފުލުހުން އެ ދެމެދަށް ވަދެ ހުރަސް އެޅުމުން އެއްވެސް ކުރިމަތިލުމެއް ނުހިނގަ އެވެ. ނަމަވެސް ދެ ފަރާތުގެ ސަޕޯޓަރުން ވެސް ހުތުރު ބަސްތަކުން ހަޅޭއްލަވައި ހެދި އެވެ.
އެމްޑީޕީގެ ސަޕޯޓަރުން އެންދެރިމާގޭ ކަންމަތީ ތިބެގެން ރައީސް މައުމޫނާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް، އެންދެރިމާގޭގައި ހުންނަ ޑީއާރްޕީ ކެމްޕޭން މާލަމުން، ޣައްސާން މައުމޫންގެ ކެމްޕޭން ލަވަ އަޑުގަދަކޮށް ޖަހައި އުފާ ފާޅުކުރަން ފެށުމުން މުޒާހަރާ ކުރި މީހުންގެ އަޑު މަޑުވެގެން ދިޔަ އެވެ.
ފުލުހުންގެ ސްޓާފޯސް ޓީމު އައިސް، މުޒާހަރާކުރި މީހުން އެ ތަނުން ފޮނުވައިލީ، ރޭ 10 ޖަހާކަށްހާ އިރެވެ. ނަމަވެސް މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ރޭ 12 ޖަހަންދެން ވެސް އެ ސަރަހައްދުގައި އުޅުނެވެ.
މުޒާހަރާކުރި މީހުން ފަހަތަށް ޖައްސަން ފުލުހުން ކުރި މަސައްކަތަށް ދެކޮޅު ހަދައި ނުކިޔަމަންތެރިކަން ދެއްކި މީހަކު ދެ އަތް ފުރަގަހަށް ލައި ބިޑި އަޅުވައިގެން ގެންދިޔަ އެވެ. އަދި ހައުސިން ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރު ފުލުހުންގެ ސަފު ފޫއަޅުވާލައި ދުއްވައިގަތުމުން އޭނާ ހިފަހައްޓައި ބިޑި އަޅުވަން އުޅެނިކޮށް ފުލުހުންގެ އިސް އޮފިސަރަކު އޭނާއާ ވާހަކަ ދައްކައި ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލި އެވެ.
ފުލުހުންގެ ސްޓާފޯސް ޓީމު ގޮސް، އަލިވާގޭ ދޮށުގައި މުޒާހަރާކުރި މީހުން އެ ސަރަހައްދުން ފޮނުވައިލުމުން، ޔާމީން ދިރިއުޅުއްވާ ގެ، ގ. ދޫވެހި ދޮށަށް ގޮސް މުޒާހަރާކުރުމަށް ވެސް އެ މީހުން ގޮވާފައިވެ އެވެ. ނަމަވެސް އޭރު ފުލުހުންނާއި ޑީއާރްޕީގެ ބައެއް ސަޕޯޓަރުން އެ ގޭ ދޮށުގައި ތިއްބެވެ.
އަލިވާގޭ ދޮށުގައި މުޒާހަރާކުރުމާ ގުޅިގެން ބަޔަކު މީހުން މުލީއާގޭ ދޮށަށް އެއްވާން ވެސް ރޭ މަސައްކަތްކުރި އެވެ. ނަމަވެސް އޭރު ފުލުހުން ވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންތައް ވަރުގަދަކޮށް، މުލީއާގޭ ކުރިމަތިން ދަތުރުނުކުރެވޭ ގޮތަށް، މެދު ޒިޔާރަތް މަގު ބަންދުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ރޭގެ ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި އަލިވާގޭ ދޮށުން ފުލުހުންނަށް ނުކިޔަމަންތެރިވި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ