މެންބަރު އާދިލްގެ ފަރާތުން ހުށަހެޅި ދެ މީހެއްގެ ހެކިބަސް ނަގައިފި

"ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ" ލިބޭ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލްގެ ފަރާތުން ހުށަހެޅި ދެ މީހެއްގެ ހެކިބަސް މިއަދު ކްރިމިނަލް ކޯޓުގައި ނަގައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު އޮތް ޝަރީއަތުގެ މަޖިލީހަށް އާދިލް ވެސް ހާޒިރުވެވަޑައިގެންނެވި ކަމަށެވެ. އަދި މިއަދުގެ އަޑުއެހުމުގައި އޮތީ އާދިލްގެ ފަރާތުން ހުށަހަޅާފައިވާ ދެ މީހެއްގެ ހެކިބަސް ނެގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު އޮތީ އާދިލްގެ ފަރާތުން ހުށަހަޅާފައިވާ ދެ މީހެއްގެ ހެކިބަސް ނެގުން. ދެން އަޑުއެހުން ބާއްވާ ދުވަހެއްގައި އާދިލްގެ ފަރާތުން ހުށަހަޅާފައިވާ ހުރިހާ ހެކިންގެ ހެކިބަސް ވެސް ނެގޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
ކުޑަކުދިން ހިމެނޭ މައްސަލަތައް އަޑުއެހުމަށް އެއްވެސް މީހަކަށް ނުވަދެވޭތީ ނޫސްވެރިން އެފަދަ މައްސަލަތަކަށް ނުވައްދަ އެވެ. އަދި އެފަދަ މައްސަލަތަކުގެ މައުލޫމާތު ކޯޓުން ދެނީ ވަރަށް މަދުންނެވެ.
އާދިލްގެ މައްޗަށް ޕީޖީން ދައުވާކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ނ. ގެ ދަށުންނެވެ.
އެ ގާނޫނުގެ ތިން ވަނަ މާއްދާގެ ހ. ގައި ބުނެފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމަކީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގެ ނ. ގައި ބުނެފައިވަނީ އެ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.
ގާނޫނޫ އަސާސީ 73 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރާ ނަމަ ރައްޔިތުންގެ މަޖުލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ