އަންނި ދޫކޮށްލަން ސަރުކާރުން އެއްބަސް ވެފައިވާ ކަމަށް އެމްޑީޕީން ބުނާ ބުނުން ސަރުކާރުން ދޮގުކުރައްވައިފި

ސަރުކާރާއި އެމްޑީޕީ އާ ދެމެދު އިތުބާރު ގާއިމުކޮށް، ސިޔާސީ މަސްރަހު ފިނިކުރުމަށްޓަކައި ދެކެވެމުންދާ ވާހަކަތަކުގައި، އެމްޑީޕީގެ ޗެއާޕާސަން ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް އެ ޕާޓީން ބުނާ ބުނުންތައް ސަރުކާރުން ދޮގުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓެރެޓިޖިކް ކޮމިއުނިކޭޝަން ޔުނިޓުން މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ވިދާޅުވި ކަމަށް ބަޔާނުގައި ވިދާޅުވެފައިވަނީ، "ސަރުކާރުން ދޫކޮށްލައްވަން އެއްބަސްވެވަޑައިގެންފައިވާ އެންމެން މިހާރު އެވަނީ ދޫކޮށްލައްވައި ނިމިފައި،" ކަމަށެވެ.
"ގ. ކެނެރީގޭ މުހައްމަދު ނަޝީދުގެ މައްސަލަ މުރާޖައާކުރެވިދާނެ މަރުހަލާއަކާ ހަމައަށް އަދި ނުދެވޭ،" ނޫސް ބަޔާނުގައި ވެ އެވެ.
ނޫސް ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، އެއްވެ އުޅުމުގެ ގަވާއިދަށް ތަބާވުމަށް ވެސް އެމްޑީޕީން ވައުދުވެފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގުޗާޓްގައި އޮތް އިންތިހާބުގެ ތާރީހަށް ބަދަލެއް ގެނައުމަށާއި ސަރުކާރުގެ އެއްވެސް އިސް ބޭފުޅެއްގެ މަގާމަށް ބަދަލެއް ގެނައުމަށް އެއްބަސްވި ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ވެސް އެ ނޫސް ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.
އެމްޑީޕީގެ ތަރުޖަމާނު ހާމިދު އަބްދުލްޣަފޫރު މިއަދު ވިދާޅުވީ، ސަރުކާރާއި އެ ޕާޓީއާ ދެމެދުގައި ދެކެވެމުންދާ ވާހަކަތަކުގައި އަންނި ދޫކޮށްލެއްވުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި އަދި އެއްބަސްވުމުގެ ދަށުން ދޫކޮށްލަން އެއްބަސްވެފައިވާ އެންމެން ދޫކޮށްލައްވައި ނުނިމޭ ކަމަށެވެ.
ހާމިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެކުލަވާލައްވާފައިވާ އެއްވެ އެޅުމުގެ ގަވާއިދަށް ތަބާވުމަށް އެމްޑީޕީން އެއްއިރެއްގައި ވެސް އެއްބަސްވެފައި ނޯންނާނެ ކަމަށެވެ.
ސަރުކާރާ އެކު ދެކެވުނު ވާހަކަތަކުގައި، އެ ގަވާއިދު އިސްލާހުކުރަންޖެހޭ ކަމަށް ސަރުކާރުން ގަބޫލްކުރައްވާފައިވާ ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ.
"އެކަން އޯގަސްޓް 12- 13ގެ ކަންތައްތަކުން ވެސް ފެނިގެން އެ ދިޔައީ. އެއްވުން އޮންނަކަން އެންގީ ގަވާއިދުގައި އޮތް ގޮތަކަށް ނޫން،" ހާމިދު ވިދާޅުވި އެވެ.
ސަރުކާރާ އެކު ބޭއްވެވި ވާހަކަތަކުގައި، އިންތިހާބު އަވަސްކުރެއްވުމަށާއި ކެބިނެޓަށް ބަދަލުތަކެއް ގެނައުމަށްޓަކައި އެމްޑީޕީން ހުށަހަޅުއްވާފައިވާ ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ