ބަޖެޓް ހުށަހެޅުމުގެ ފުރުސަތު މަހުމޫދު ރާޒީއަށް ދިނުމަށް ހުށަހަޅައިފި

ދައުލަތުގެ ބަޖެޓް ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނީ ފިނޭންސް މިނިސްޓަރު ކަމަށް ގާނޫނު އަސާސީގައި ބުނެފައިވީ ނަމަވެސް މި ވަގުތު އެ މަގާމުގައި ބޭފުޅަކު ނެތުމާއެކު އެ މިނިސްޓްރީ ހިންގެވުމާ ހަވާލު ހުންނެވި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މަހުމޫދު ރާޒީއަށް އަންނަ އަހަރު ބަޖެޓް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ބަޖެޓުގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމަށްޓަކައި ރިޔާސަތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވުމާ ގުޅިގެން ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ވާހަކަ ދައްކަވަމުން ވިދާޅުވީ އަހަރު ނިމޭއިރު ބަޖެޓް ހުށަނޭޅިއްޖެ ނަމަ ވަންނަން ޖެހެނީ "ހުސްކަމެއްގެ" ތެރެއަށް ވުރެ ބޮޑަށް "އަނދިރިކަމެއްގެ" ތެރެއަށް ކަމަށެވެ.
އޭނާ ވިދާޅުވީ އަހަރު ނިމޭއިރު ބަޖެޓް ފާސްނުވެ ހިނގައްޖެ ނަމަ ދިމާވެދާނެ މައްސަލަތާ މެދު މެމްބަރުން ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ ބަޖެޓް ހުށަހުޅުމާ ބެހޭ ގޮތުން ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ބުނުން ތަންކޮޅެއް ފުޅާކޮށް މާނަކުރުމަށް ނާޒިމް އެދިވަޑައިގެންނެވި އެވެ. އަދި ފިނޭންސް މިނިސްޓަރަކު ނެތުމާއެކު އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި މަޖިލީހުގެ ރުހުން އޮތް ބޭފުޅަކަށް ބަޖެޓް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ފާސްކުރުމަށް ނާޒިމް ހުށަހެޅުއްވި އެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރު ނާޒިމް ވިދާޅުވީ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންޖެހޭނެ ގޮތް މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު އަހަރު ނިމޭއިރު ބަޖެޓް ފާސްކުރުމުގެ ކަންތައްތައް ނުނިމިދާނެތީ މަޖިލީހުގެ ރިޔާސަތުން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކޮށްގެން މުއްދަތުތަކަށް ބަދަލު ގެނައުމަށް ވެސް ހުށަހަޅުއްވާ ކަމަށެވެ.
ނާޒިމްގެ މި ހުށަހެޅުއްވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކާއި އިދިކޮޅު ޑީއާރުޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ރައީސް އަދި ކެންދޫ ދާއިރާގެ އަހުމަދު ތަސްމީން އަލީ ތާއީދު ކުރެއްވި އެވެ.
ނާޒިމްގެ ހުށަހެޅުއްވުމާ ދެކޮޅު ހެއްދެވީ ގައުމީ ޕާޓީގެ ނާއިބު ރައީސް އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ. އޭނާ މައިގަނޑު ގޮތެއްގައި ވިދާޅުވީ ގާނޫނު އަސާސީއާ ގާނޫނާ ހިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ނުކުރައްވާނެ ކަމަށާއި މަޖިލީހުގެ ތެރޭގައި "ޑީލެއްގެ" ދަށުން އެފަދަ ކަމެއް ކުރެވިގެން ނުވާނެ ކަމަށެވެ.
ބަޖެޓު ހުށަހެޅުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތުގެ މައްސަލާގައި މިއަދު ވާހަކަ ދެއްކެވިއިރު އެންމެ ބޮޑު ދެ ޕާޓީ އެމްޑީޕީ އާއި ޑީއާރުޕީން އެއްގަލަކަށް އެރި ނަމަވެސް އެހެން ބައެއް މެމްބަރުންގެ ހިޔާލު ތަފާތެވެ. އެ ގޮތުން ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީ އާއި ވަކި ޕާޓީއަކާ ގުޅިވަޑައިނުގަންނަވާ ބައެއް މެމްބަރުން އަދި ޕީއޭގެ ބައެއް މެމްބަރުންގެ ހިޔާލު ވެސް ތަފާތުކަން ޖަލްސާގައި އެނގިގެން ދިޔަ އެވެ.
ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓް ހުށަހަޅުއްވަން ޖެހެނީ ފިނޭންސް މިނިސްޓަރު ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު އެކަން އެހެން ބޭފުޅަކަށް ނުކުރެއްވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މާލިއްޔަތު ކޮމެޓީ އާއި އިގުތިސޯދީ ކޮމެޓީ ނުވަތަ އެހެން ކޮމެޓީއެއް ވެސް ގުޅިގެން ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރުމަށް މިހާރު ވެސް ހުރަސް ނާޅާ ކަމަށެވެ. އަދި ފިނޭންސް މިނިސްޓަރަކު އައްޔަން ކުރެއްވުމުން އެ ކޮމެޓީތަކުން ދިރާސާ ކުރި ބަޖެޓް ރަސްމީކޮށް މަޖިލީހަށް ހުށަހެޅުއްވިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އޭރުން ގާނޫނު އަސާސީއަކާ ވެސް ހިލާފެއް ނުވޭ. ވަގުތެއް ވެސް ބޭކާރެއް ނުވޭ. މަސައްކަތް ވެސް ލަސްކުރާކަށް ނުޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
މި ބަހުސް ނިންމަވާލައްވަމުން ރިޔާސަތުން ވިދާޅުވީ މެންދުރު ފަހު 30: 1 ގައި އެ މައްސަލައަށް ވޯޓަށް އައްސަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ