ޓީއެމްއޭގެ އިހުތިޖާޖަކީ ސަރުކާރުގެ ގޯސް ސިޔާސަތުތަކުގެ ނަތީޖާ: ފައްޔާޒު
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ޕައިލެޓުންގެ މުސާރަ ދޫކުރުމުގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން އެ ކުންފުނީގެ ޕައިލެޓުން ދަތުރުތައް ކުރުން މެދުކަނޑާލަން އުޅޭ މައްސަލައަކީ އަނެއްކާވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގޯސް ސިޔާސަތުތަކުގެ ސަބަބުން ފެންމަތިވި މައްސަލައެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.މި މަހުގެ މުސާރަ ދޭއިރު، ރުފިޔާއިން މުސާރަ ދީފި ނަމަ އިހުތިޖާޖު ކުރަން ޓީއެމްއޭގެ މުވައްޒަފުން ތައްޔާރު ކަމަށް ބައެއް މުވައްޒަފުން އަންނަނީ ބުނަމުންނެވެ. ޕައިލެޓުންނާއި މުވައްޒަފުންގެ ޑިމާންޑާ އެއްގޮތަށް ޓީއެމްއޭގެ މެނޭޖުމެންޓުން އަމަލު ނުކޮށްފި ނަމަ މި މަހުގެ 29 ގައި އުދުހުން ހުއްޓާލަން ތައްޔާރަށް އޮތް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެނައި ސިޔާސަތުތަކުގެ ސަބަބުން އިގުތިސޯދު ނުރައްކަލެއްގެ ތެރޭގައި އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ."ސަރުކާރަށް ފައިސާ ނުހޯދުމާއި، މުހިންމު ސިޔާސަތުތަކަށް އިރުއިރުކޮޅާ ބަދަލު ގެނައުމާއި، ލިބިފައިވާ މަދު ވަސީލަތްތައް ބޭކާރު ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، އެތެރޭގެ ބާޒާރުގައި ޑޮލަރުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުގެ ފެއިލިޔާތަކުގެ ނަތީޖާ އުފުލަން ޖެހިފައިވަނީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް،" ފައްޔާޒު ވިދާޅުވި އެވެ.ޑޮލަރުން ދެމުން އައި މުސާރައިގެ ބައެއް ރުފިޔާ އިން ދޭން ފެށުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް ޓީއެމްއޭގެ ޕައިލެޓުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަސައްކަތް ހުއްޓާލަން ނިންމާފައިވާތީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް އެންޓް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.މަޓާޓޯއިން ބުނީ ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮޑު ބައެއް އުފުލަނީ ޓީއެމްއޭގެ ސީޕްލޭންތަކުގައި ކަމަށާއި ޕައިލެޓުން ދަތުރުކުރުން ހުއްޓާލާ އިހުތިޖާޖަށް ހިނގައްޖެ ނަމަ އޭގެ އަސަރު ޓޫރިޒަމް ދާއިރާއަށް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ