ދަވާދު ކާ ކުއްޖެއްގެ ބަނޑުން ދަވާދު، ޑރ. ފައިސަލް ވިދާޅުވީ ރާއްޖޭ ކުދިންވެސް އެކަން ކުރާ ކަމަށް

ކުޑަކުދިންނަށް އެނގިގެންނާއި ނޭނގި ނަމަވެސް ދަވާދު ކެވޭ ކަމަށާ، އެއީ ނުރައްކާތެރި ކަމެއް ކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ބޭރު ގައުމުގައި ހިނގި އެފަދަ ހާދިސާއެއްގައި ހާލު ސީރިއަސްވި ކުއްޖެއްގެ ބަނޑުގެ އެކްސްރޭ އެއް ހިއްސާ ކުރައްވައި ޑރ. ފައިސަލް ވަނީ އެ އެކްސްރޭއިން ކުއްޖާގެ ބަނޑުގައި ހުރި ދަވާދުކޮޅުތައް ފެންނަން ހުރިކަން ފާހަގަކުރައްވާފައެވެ. 
އަދި ފަޑި ލަފާއި ހުންނަ އެނދަށް އަރައި، ކޮޅަށްހުރެގެން ފަޑީގައި ދަތްކާރުވަ ކާރުވާފައިވެސް ބައެއް ކުދިން، އެ ފަޑީގައި ލާފައި ހުންނަ ދަވާދު ކޮޅުތައް ނައްޓައިގެން ކައިކަން ޑރ. ފާހަގަކުރެއްވިއެވެ. 
ޑރ ފައިސަލްގެ ޕޯސްޓްގައި ހިއްސާ ކުރެއްވި އެކްސްރޭ އަކީ، އުމުރުން 7 އަހަރުގެ އަންހެން ކުއްޖެއްގެ ބަނޑުގެ އެކްސްރޭ އެކެވެ. އެކުއްޖާގެ ހަށިގަނޑުގައި އާދަޔާ ޚިލާފަށް ގިނަ މިންވަރަކަށް ލެޑްހުރި ކަމަށް ރިޕޯޓްތަކުން ދައްކާފައިވާއިރު، ކުއްޖާއަށް އަދިވެސް ދަނީ އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ. 
މީގެ ދެމަސް ކުރިން އެ އަންހެން ކުއްޖާގެ ލޭގައި ދަގަނޑުގެ މިންވަރު މަދުވެފައިވާކަމަށާ، (އަޔަން-ޑެފިޝިއަންސީ، އެނީމިއާ) ލެޑްއަށް ޕޮއިޒަންވެފައިވާކަން ވަނީ ދެނެގަނެފައެވެ. މިގޮތަށް ލެޑް އަށް ޕޮޒިޓިވްވެފައިވަނީ އޭނާގެ އާއިލާއާއެކު އެމެރިކާއަށް ހިޖުރަކުރުމަށް ކުރި ދަތުރުގައި، ދަތުރުކުރި އުޅަނދުގައި ހުރި ފަރުނީޗަރަކުން ވެއްޓިފައި ހުރި ދަވާދު ކުނޑި ކެއުމުގެ ސަބަބުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. 
އެމެރިކާގެ އެމަޖެންސީ ޑިޕާޓްމަންޓަކަށް މި ކުއްޖާ ރިފަރ ކުރެވުނު އިރު އޭނާގެ ހާލު ރަނގަޅުކަމަށް ފެނުނު ނަމަވެސް، މައިންބަފައިން ބުނީ ކުއްޖާ އަދިވެސް ދަވާދު ކުނޑި ކައިހަދާކަމަށެވެ. އަދި ކުއްޖާގެ ހާލަތު އިތުރަށް ބެލުމުން ދަތްތައް ހަލާކުވެފައި ހުރުމާއި، ލޮލުގެ ފެނުމުގެ މައްސަލަ ކުރިމަތިވެފައިވާކަން ވަނީ ފާހަގަވެފައެވެ.
ލެބޯޓްރީ ތަހުލީލުތަކުން ދައްކާ ގޮތުގައި ކުއްޖާގެ ލޭގައި ހުންނަންޖެހޭ ލެޑްގެ މިންވަރަށްވުރެ މަތީގައި ލެޑް ހުރިކަން އެނގުނު އިރު، ހިމޮގްލޯބިންގެ މިންވަރު ހުރީ ދަށްވެފައެވެ. 
ބަނޑުގެ އެކްސްރޭއިން ބަނޑުގެ އެތެރޭގައި ހުރި ދަވާދުގެ ކުނޑިތައް ސާފުކޮށް ފެންނަން ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ