4،000 ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ފަށައިފި؛ އެއްބަސްވުމުގައި ސޮއިކުރަން ވުމުން ޕޯޓަލުން އެނގޭނެ

'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރި 4،000 ފްލެޓްގެ ތެރެއިން މި ވަގުތަށް މަސައްކަތް ނިމެން ގާތްވެފައިވާ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިއަދު ފަށައިފި އެވެ.
ވީކިހިނެއް؟ - މިދިޔަ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް އެކުލަވާލި ލިސްޓު މުރާޖައާކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެންގުމުން، އެ ކަމަށް ލަސްތަކެއް ވުމަށް ފަހު، ކުރީގެ ލިސްޓަށް ފްލެޓް ދޭން ނިންމީ މިދިޔަ 29 މެއިގަ އެވެ.
އެ ދުވަހު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދަައްކަވަމުން ވެސް ވިދާޅުވެފައިވަނީ ޖުލައި މަހު ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ފްލެޓް ލިބުނު މީހުންގެ މައުލޫމާތު ހިއްސާކުރަމުންދާ ކަމަށެވެ. އެގޮތުން:
ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ކުރަން ޖެހޭ މުއާމަލާތްތައް ކުރިއަށް ގެންދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން
އެއްބަސްވުންތަކުގައި ސޮއިކުރުމަށް އެ ކޯޕަރޭޝަނަށް ފޮނުވާ ފަރާތްތަކަށް 'ގެދޮރުވެރިން ޕޯޓަލް' މެދުވެރިކޮށް އެކަން އެނގޭނެ
ޕޯޓަލުން ނާންގާ ފަރާތްތަކަށް ހައުސިން މިނިސްޓްރީން އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވެސް ނުގުޅާނެ؛ އެފަދަ ފޯނު ކޯލުތަކާއި މެސެޖުތަކަށް ސަލާމުވުމަށް އެދުނު
ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ފްލެޓްތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އެއީ ކުރިން ހައުސިން މިނިސްޓަރު ވެސް ވިދާޅުވެފައިވާ ވާހަކަައެކެވެ.
އެނގުން މުހިންމު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ފްލެޓް ލިބޭ މީހުން ކުރީ ސަރުކާރުން އޮތީ ކަނޑައަޅައިފަ އެވެ.  
އޭގެ ފަހުން:
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އާ ސަރުކާރުން ބޭނުންވީ އެ ލިސްޓު މުރާޖައާ ކުރަން 
އެކަމަށް އާ ކޮމިޓީއެއް އުފައްދައިގެން، ލިސްޓު އަލުން ބެލުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު އާ ލިސްޓެއް އާންމުކުރި 
އެ ލިސްޓުގައި ފުލެޓު ލިބުމަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 1،820 މީހަކަށް 
އެކަމަކު އެ ނިންމުން ބަދަލުކޮށް ކުރީގެ ލިސްޓަށް ފުލެޓް ދޭން މިހާރު ސަރުކާރުން އޮތީ ނިންމާފައި
ކުރީގެ ސަރުކާރުން އެކުލަވާލި ލިސްޓަށް ފްލެޓް ދިނުމަށް ނިންމި ނަމަވެސް ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ ބައެއް މީހުންނާއި އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ނޫނީ ފްލެޓް ލިބިފައިވާ ނަމަ އުނިކުރަން ނިންމާފައިވެ އެވެ.
މިނިސްޓަރު މުއްތޮލިބް ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ ލިސްޓުން އަދިވެސް 700އެއްހާ މީހުން އުނިވާނެ ކަމަށް ލަފާކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ