އެމްޑީޕީން ވަކިވި ކުރީގެ ޔޫތު މިނިސްޓަރު މަހުލޫފު ޕީއެންސީއަށް ސޮއިކުރައްވައިފި

މިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހުލޫފް، ވެރިކަންކުރާ ޕީއެންސީއަށް މިރޭ ސޮއުކުރައްވައިފި އެވެ.
ތަފްސީލް - މިދިޔަ ސެޕްޓެމްބަރު މަހު އިދިކޮޅު އެމްޑީޕީން ވަކިވެވަޑައިގެންނެވި މަހުލޫފް ޕީއެންސީއާ ގުޅިވަޑައިގަތީ މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށްދާ އެ ޕާޓީގެ ޖަލްސާގަ އެވެ.
އެ ވަގުތު ޕޯޑިއަމްގައި ހުންނެވި ކާށިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން ވިދާޅުވީ މަހުލޫފް އެނބުރި ގެއަށް ވަޑައިގެންނެވީ ކަމަށެވެ. މަހުލޫފް ސްޓޭޖަށް ވަޑައިގަންނަވަމުން ގެންދެވި ވަގުތު ޔާމީން ގެންދެވީ "ވެލްކަމް ހޯމް"އޭ ވިދާޅުވަމުންނެވެ.
މަހުލޫފްގެ ސިޔާސީ ހަޔާތް ފެއްޓެވީ ޕީއެންސީގެ އިސް ބޭފުޅުން ކުރިން ތިއްބެވި ޑީއާރުޕީންނެވެ.
ފަސްމަންޒަރު - މިހާރުގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރި ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާއިން މަހުލޫފް އިންތިހާބުވެވަޑައިގެންނެވީ ވެސް ޑީއާރުޕީގެ ޓިކެޓުގަ އެވެ.
ޑީއާރުޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން 2011ގައި އުފެއްދި ޕީޕީއެމްއާ ފަހުން މަހްލޫފް ވެސް ވަނީ ގުޅިވަޑައިގެންފަ އެވެ.
މަހްލޫފް ޕީޕީއެމްއާ ދުރަށް ޖެހިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ނުކުންނަވަ އެވެ. އެ ވެރިކަމުގައި އޭނާ ޖަލަށް ވެސް ލި އެވެ.
އޭރު އިދިކޮޅު ފަރާތްތަކުން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން އެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރެއްވި އެވެ.
މަހްލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ 2018ގެ ރިޔާސީ އިންތިހާބަށް ފަހުގަ އެވެ. އެ އިންތިހާބަށް ފަހު އެކުލަވާލި އެމްޑީޕީގެ ސަރުކާރުގައި މަހުލޫފް ވަނީ ޔޫތު މިނިސްޓަރުކަން ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ