ދިވެހިރާއްޖެއަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޮން ރާއްޖޭގެ ސިޔާސީ ޕާޓީތަކާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީގައި ބޭއްވި އެ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީ އާއި ވެރިކަން ކުރާ ޕީއެންސީގެ އިތުރުން އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެމެރިކާ އެމްބަސީން ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ހުރި އެމެރިކާއިން ގުޅުން ބަދަހިކުރަން ބޭނުންވާ ދާއިރާތަކާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
ޔޮން ވަނީ ހުސްވި ހަފުތާގެ ތެރޭގައި ވެސް ރާއްޖޭގެ އެކި ދާއިރާތަކުގެ އެކި ބޭފުޅުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަވައިފަ އެވެ.
ރާއްޖެ ދޫކޮށް އެހެން ވަޒީފާއަކަށް ދިޔުމަށް ޔޮން ވަނީ ނިންމަވައިފަ އެވެ. އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޮން ވަނީ އޭނާ ރާއްޖެ ދޫކޮށް ދިޔުމަށް ނިންމާފައިވާކަން ބައެއް ފަރާތްތަކަށް އަންގަން ވެސް ފަށައިފަ އެވެ.
ޔޮން ދަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް މަގާމެއް ފުރުމަށެވެ. މީގެ ކުރިން ވެސް އޭނާ ވަނީ އެމެރިކާ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ.
އެމެރިކާއާއެކު 1966 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރި ފަހުން، ރާއްޖެއަށް ހާއްސަ އެމްބަސަޑަރެއް ހަމަޖެއްސީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ސެޕްޓެމްބަރު، 2023، ގަ އެވެ. އެމްބެސަޑަރަކަށް ހަމަޖެއްސީ ހޫގޯ ޔޮން އެވެ.
އެމެރިކާގެ އެމްބަސީ ހިންގަމުން އަންނަނީ ހުޅުމާލޭގައި ތަނެއް ކުއްޔަށް ހިފައިގެންނެވެ. އެކަމަކު، އެމްބަސީއަށް ހާއްސަ ބިމެއް ހަމަ ހުޅުމާލެއިން ވަނީ ހަމަޖައްސައިދީފަ އެވެ. އެ ބިމުގައި އިމާރާތް ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާއްޖޭގެ ސިޔާސީ ޕާޓީތަކާ ބައްދަލުކުރައްވައިފި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާއްޖޭގެ ސިޔާސީ ޕާޓީތަކާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ