އަންނަ 4 އޭޕްރީލްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ނަމަވެސް އަދިވެސް ސިޓީތަކުގެ ގޮނޑިތައް ބެހޭ ގޮތް ކަނޑަނާޅާތީވެ ކެންޑިޑޭޓުން ނިންމުމަށް ދަތިތަކެއް އެބައުޅޭ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ސިޓީތަކުގެ އެކުލެވުން ހިމެނޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން މި ފަހުން ގެނައި ބަދަލުތަކާ ގުޅިގެން ވެސް ބައެއް ސިޓީތަކުގެ ދާއިރާތައް އަލުން ކަނޑައަޅަން ޖެހެ އެވެ. އަދި މިއީ ސިޓީއެއްގެ ގޮތުގައި ގދ. ތިނަދޫ ކައުންސިލަށް ވޯޓުލާން ޖެހޭ ފުރަތަމަ ފަހަރެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިހާތަނަށް އެއްވެސް ސިޓީއެއްގެ ދާއިރާތައް ބެހޭނެ ގޮތާއި ސީދާ އަންހެން ކައުންސިލަރުންނަށް ހާއްސަވާ ސިޓީތަކުގެ ދާއިރާތައް ކަނޑައަޅާފައެއް ނުވެ އެވެ.
ބުނީ ކީކޭ؟ - އެމްޑީޕީގެ ލީޑާޝިޕުން އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ ޕްރައިމަރީ ބާއްވައި ކާމިޔާބުކުރި ކެންޑިޑޭޓު ނޫން އެހެން މީހަކަށް ޓިކެޓު ދިނުން ފަދަ އުސޫލެއް ނެތް ކަންކަން އެމްޑީޕީއަށް ހިންގެން ނެތް ކަމަށެވެ.
"އަޅުގަނޑުމެންހެން އުސޫލުތައް އޮންނަ ސިޔާސީ ޕާޓީއަކަށް. ޕްރައިމަރީތައް ބާއްވައިގެން ޓިކެޓު ދީގެން، ޓިކެޓު ލިބޭ ކެންޑިޑޭޓުންނާ އެކީ ނުކުންނަ ޕާޓީތަކަށް ވަރަށް އުނދަގޫ ކަމެއް މިއީ މިހާއިރު ވާއިރު ވެސް ކެންޑިޑޭޓުން ކަނޑައަޅަން ޖެހޭ އަދަދު ސިޓީތަކުގައި ސާފު ނުވާތީ،" އިބްރާހީމް ވަހީދު ވިދާޅުވި އެވެ.
ސިޓީތަކުގެ ދާއިރާތައް އަދިވެސް އީސީން އިއުލާންނުކޮށް އޮތް އިރު، ގުރުލުމުގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ގޮތަކަށް ސިޓީތަކުގައި އަންހެން ކައުންސިލަރުން ތިބޭ ދާއިރާތައް ކަނޑައަޅަން ވެގެން ލަސްކުރަމުންދާ ކަމުގެ ހަބަރުތައް ވެސް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - ސިޓީ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަޔާންކުރާ ގާނޫނުގެ މާއްދާތައް ވެސް ވަނީ ބަދަލުކޮށްފަ އެވެ. އެ ގޮތުން، މާލެ އާއި ފުވައްމުލަކުގެ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އެއީ:
މާލެއަށް ކައުންސިލަރުން އިންތިހާބުކުރަނީ މޭޔަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި މާލޭގެ ކޮންމެ ދާއިރާއަކުން ކައުންސިލަރެއް
ފުވައްމުލަކަށް އިންތިހާބުކުރަނީ މޭޔަރުގެ އިތުރުން އެ ރަށުގެ ނުވަ އަވަށް ތަމްސީލްވާނެ ގޮތަށް ކޮންމެ އަވަށަކުން ކައުންސިލަރެއް
ދެން ހުރި ސިޓީތަކަށް ކައުންސިލަރުން އިންތިހާބުކުރަން ޖެހޭ އާބާދީގެ ނިސްބަތް ވެސް މިހާރު ބަދަލުކޮށްފައިވެ އެވެ. މިހާރު ގާނޫނުގައި އޮންނަނީ:
10،000 އާއި 25،000އާ ދެމެދުގެ އާބާދީ އޮންނަ ސިޓީތަކުގައި ހަތް ކައުންސިލަރުން
25،000 އާއި 50،000އާ ދެމެދުގެ އާބާދީ އޮންނަ ސިޓީތަކުގައި 11 ކައުންސިލަރުން
50،000އަށް ވުރެ އާބާދީ ބޮޑު ސިޓީތަކުގައި 13 ކައުންސިލަރުން
އެހެންކަމުން، އައްޑޫގައި އިންތިހާބުކުރަން ޖެހެނީ 11 ކައުންސިލަރުންނެވެ. ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫއަށް އިންތިހާބުކުރަން ޖެހެނީ ހަތް ކައުންސިލަރުންނެވެ.
ކައުންސިލް އިންތިހާބަށް ހުޅުވާލި ނަމަވެސް ސިޓީތަކުގެ ގޮނޑިތައް ބެހޭ ގޮތް އަދިވެސް ކަނޑަނާޅާތީ އެމްޑީޕީގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ