މާމެންދޫއިން ނަޝީދަށް ލަވަ ކިޔައިދިން މީހާގެ ފިރިމީހާ ވަޒީފާއިން ސަސްޕެންޑުކޮށްފި

ގއ. މާމެންދޫއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމުގެ ގޮތުން ލަވައެއް ކިޔައިދިން މީހާގެ ފިރިމީހާ މިފްކޯގެ ވަޒީފާއިން މިއަދު ސަސްޕެންޑުކޮށްފި އެވެ. 
އޭނާ ސަސްޕެންޑު ކުރީ، ނަޝީދަށް މަރުހަބާ ކިޔަން އެއާޕޯޓަށް ދިޔަ މީހުންނާއެކު މިއަދު އެވެ. އެއާއެކު، ސިޔާސީ ކަމެއްގައި މިހަފުތާގެ ތެރޭގައި ވަޒީފާއިން ވަކިކުރި/ސަސްޕެންޑު ކުރި މީހުންގެ އަދަދު 11 އަށް އެރީ އެވެ. 
ނަޝީދު އިއްޔެ މާމެންދޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔުމުގެ ގޮތުން "ޖަވާހިރެކޭ، ނަޝީދޭ ތިއީ" ލަވަ ހުށަހަޅައިދިނީ އެރަށުގެ އެމްޑީޕީގެ ސަޕޯޓަރެވެ. އޭނާ ލަވަ ކިޔައިދޭ މަންޒަރުގެ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ. 
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އިންތިހާބު ކާމިޔާބު ކުރި އަބްދުﷲ ސޯދިގު (ސޯބެ) އާއެކު ފޮޓޯއެއް ނެގި މައްސަލައިގައި މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު ވަނީ މަގާމުން ވަކިކޮށްފަ އެވެ. 
ސޯބެއަށް ކެމްޕެއިންކޮށްދިން ކަމަށް ބުނެ ވެމްކޯގެ މުވައްޒަފަކު ވެސް ވަނީ ވަކިކޮށްފަ އެވެ. އަދި އެ ކުންފުނިން ގާނޫނާ ހިލާފަށް ޕެންޝަންގެ ފައިސާ ހިފަހައްޓާތީ މުޒާހަރާ ކުރި ދެ މީހަކު ވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. 
އޭގެ އިތުރުން، ނަޝީދަށް ގދ. ފިޔޯރީން މަރުހަބާ ކިޔަން ނުކުތް ބަޔަކަށް ވެސް ސަރުކާރުން ވަނީ ވަޒީފާގެ ބިރު ދައްކައިފަ އެވެ. އެ މައްސަލައިގައި ނަޝީދު ވަނީ ސަރުކާރަށް ރައްދެއް ދެއްވައިފަ އެވެ. 
"މާލެއިން މި އަންގަނީ ކައުންސިލަށާއި ފިޔޯރީ ރައްޔިތުންނަށް އަޅުގަނޑުމެންނަށް މަރުހަބާ ކިޔަން ނުކުމެގެން ނުވާނޭ. ދެން އެވަރުން ވެސް ފިޔޯރީ މީހުން ނުކުންނާނެތާ، ނުކުތީމާ ރަށުގައި ތިބި ސަރުކާރުގެ މީހުން އަތިރިމައްޗަށް ނުކުމެ ތިބި މީހުން ގެންގޮސް މި ގޭގެއަށް ވައްދަނީ،" ނަޝީދު ވިދާޅުވި އެވެ
ސަރުކާރުން ވަޒީފާގެ ބިރު ދައްކާތީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. 
"ޑިމޮކްރަސީ ގަބޫލުނުކުރާ މުއިއްޒުގެ ސަރުކާރުން ސޯބެ ކެމްޕޭނުގައި އުޅުނު މުވައްޒަފުން ވަކިކުރުމަކީ ކަންބޮޑުވުމެއް. އަދި ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރާތީ ހައްގުުތައް ހޯދުމަށް އަޑުއުފުލި ދެ މުވައްޒަފަކު ވެސް ވަނީ މި އަނިޔާވެރި ސަރުކާރުން އަންގައިގެން ވަޒީފާއިން ކަނޑާލާފައި،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ