ޗެމްޕިއަން އިންޓަ އަށް މޮޅަކާ އެކު ލީގު ނިންމައެއް ނުލެވުނު

ރޯމް (މެއި 24) - އިޓާލިއަން ލީގުގެ ޗެމްޕިއަން، އިންޓަ މިލާނުން، މި ފަހަރުގެ ލީގުގައި ކުޅުނު ފަހު މެޗުން ރަށުންބޭރުގައި ބޮލޯނިއާއާ ދެކޮޅަށް ކުޅެ 3-3 އިން އެއްވަރުވެއްޖެ އެެވެ.
އިންޓަ އިން ވަނީ މި ފަހަރު އިޓާލިއަން ލީގާއި ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ، މިދިޔަ 16 އަހަރު ތެރޭ މިކަން ހާސިލްކުރެވުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން، އެއް ސީޒަނެއްގައި އިޓާލިއަން ލީގާއި ކަޕްގެ ޗެމްޕިއަންކަން އިންޓަ އިން ހޯދީ ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި 2009/2010 ވަނަ އަހަރުގެ ސީޒަނުގަ އެވެ. 
ބޮލޯނިއާ ދަނޑުގައި ރޭ ކުޅުނު މެޗުގައި 22 ވަނަ މިނިޓްގައި އިންޓަ އިން ލީޑުނެގީ މި ސީޒަނުގައި އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިޔާ، ފެޑެރީކޯ ޑި މާކޯ ޖެހި ގޯލުންނެވެ. އެކަމަކު، އޭގެ ތިން މިނިޓް ފަހުން، ފެޑެރީކޯ ބާނަޑޭޝްކީ ޖެހި ލަނޑުން ބޮލޯނިއާ އިން އެއްވަރުކުރި އެވެ. އަދި، 42 ވަނަ މިނިޓްގައި ޓޮމާސޯ ޕޮބޭގާ ވަނީ ލަނޑު ޖަހައި، ބޮލޯނިއާ އަށް ލީޑުނަގައިދީފަ އެވެ. 
އިންޓަ އިން ދެ ވަނަ ހާފަށް ކުޅެ ނުކުތްތާ ތިން މިނިޓް ތެރޭ އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. އެއީ، މެޗުގެ 48 ވަނަ މިނިޓްގައި، އިންޓަގެ ޕިއޮޓްރޭ ޒިއެލިންސްކީ އަތުން ބައިކޮޮޅަށް ވަން ގޯލުން ބޮލޯނިއާ އިން ލީޑުފުޅާކުރުމުންނެވެ. 
ބޮލޯނިއާ އިން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް އިންޓަ އިން ހިތްވަރު އެލުވައިނުލައި ކުޅެ، ދެ ގޯލު ޖަހައި މެޗު އެއްވަރުކުރި އެވެ. އެ ގޮތުން، 64 ވަނަ މިނިޓްގައި ފްރެންޗެސްކޯ ޕިއޯ އެސްޕޮސީޓޯ ވަނީ އިންޓަގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އަދި، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް އިންޓަ އަށް އެއްވަރުކޮށްދިން ލަނޑު، މެޗުގެ 86 ވަނަ މިނިޓްގައި ޖެހީ، އެންޑީ ދިއުފް އެވެ. 
އިޓާލިއަން ލީގުގެ ތާވަލުގެ އެއް ވަނައިގައި އިންޓަ އިން ނިންމާލީ 38 މެޗުން 87 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް 37 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މިލާނާއި ހަތަރެއްގައި އޮތް ރޯމާ އަށް 37 މެޗުން 70 ޕޮއިންޓް ވަނީ ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ކޯމޯ އާއި ހަ ވަނައިގައި އޮތް ޔުވެންޓަސް އަށް ވަނީ 37 މެޗުން 68 ޕޮއިންޓް ލިބިފަ އެވެ. 
ލީގުގެ ފަހު މެޗުތައް މިރޭ ކުޅޭއިރު، ނަޕޯލީން އަމިއްލަ ދަނޑުގައި އުދިނޭޒީއާ ބައްދަލުކުރާނެ އެވެ. މިލާނުން އަމިއްލަ ދަނޑުގައި ކަލިއަރީއާ ކުޅޭއިރު، ރޯމާ އިން ރަށުންބޭރުގައި ބައްދަލުކުރާނީ ހެލަސް ވެރޯނާއާ އެވެ. ކްރެމޮނީސީ ދަނޑުގައި ކޯމޯ އިން ފަހު މެޗު ކުޅޭއިރު، ޔުވެންޓަސް އަށް ފަހު މެޗަކީ ޓޮރީނޯއާ ދެކޮޅަށް ކުޅޭ ޓުރިން ޑާބީ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ