އަބްދުއްރަހީމަށް ނަޝީދު ރައްދު ދެއްވައި ވިދާޅުވީ އަދަދު ހަމަކުރުމުން ރައީސް ވަކިކުރަން ވޯޓަށް އަހަން ޖެހޭނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ފުރުސަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ރޭ ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.
ވީކިހިނެއް؟ - އަބްދުއްރަހީމް އެހެން ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކޮށްގެން ވެރިކަން ބަދަލުކުރާނެ ކަމަށް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވަވަމުންނެވެ.
ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމަށް މައްސަލައިގެ ވޯޓު ނުގެންނެވޭނެ ކަމަށާއި އެ ވޯޓު ނެގުމާއި ފާސްކުރަން ފުރުސަތު ނުދެއްވާނެ ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަންކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓްގެ ކެމްޕެއިން ލޯންޗުކުރަން ރޭ ބޭއްވި ޖަލްސާގަ އެވެ.
"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ. ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަކަށް ނުނެންގެވޭނެ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ." އަބްދުއްރަހީމް ވިދާޅުވި އެވެ.
ތަފްސީލް - އަބްދުއްރަހީމްގެ ވާހަކައާ ގުޅިގެން 'ދައުރު'ން ލިޔުނު ހަބަރުގެ ލިންކް ރީޕޯސްޓްކުރެއްވުމަށް ފަހު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅައެއްބައި މެންބަރުން ސޮއިކޮށް ރައީސްގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅުމުން ވޯޓަށް އަހަން ޖެހޭނެ ކަމަށެވެ.
"ކޮން ބާވަތެއްގެ ވާހަކައެއްތޯ؟ މަޖިލީހުގެ ތިންބައިކުޅައެއްބައި މެންބަރުން ހުށަހެޅުމުން ވޯޓަށް ޖެހޭނީ އަހަން. އެއީ ރާއްޖޭގެ ގާނޫނުއަސާސީގެ އެންމެ ބޮޑު ހަމަ،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު، އަދި ހަތަރު އަހަރެއްހާ ދުވަހު މަޖިލީހުގެ ރައީސްކަން ކުރެއްވި ނަޝީދު ލިއުއްވާފައިވެ އެވެ.
ފާހަގަކޮށްލެވޭ - ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަސައްކަތްކުރައްވާނެ ކަމަށް، ނަޝީދު އެ ވާހަކަ ދައްކަވަމުން ގެންދަވަމުން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ މަނިކުފާނު އެހެން ވިދާޅުވާ ސަބަބު ގުޅުވީ، މަޖިލީހަށް ވައްދާފައިވާ މަޖިލީހުގެ ނައިބު ރައީސް ކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލައާ އެވެ.
އެ ގޮތުން ނަޝީދު ވިދާޅުވެފައިވާ ގޮތުގައި:
ރައީސް މުއިއްޒު އަންގަވައިގެން ނާޒިމް ވަކިކުރަން މަސައްކަތްކުރަނީ، ނާޒިމް ބައެއް މެންބަރުންނާ ގުޅިގެން ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އުޅުއްވުމުން
ނާޒިމާ ގުޅިގެން އެ ކަމުގައި ޕީއެންސީގެ 23 މެންބަރަކު މަސައްކަތްކުރެއްވި
ނާޒިމް ވަކިކުރުމުގެ ގަރާރުގައި ޕީއެންސީގެ 73 މެންބަރަކު ސޮއިކުރައްވާފައިވެ އެވެ. އެ ގަރާރު މަޖިލީހަށް ވެއްދުމުގެ ކުރިން ރައީސް މުއިއްޒާއި ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ވެސް ނާޒިމް ބޭރުކޮށްލާފައިވެ އެވެ. ޕާލިމެންޓްރީ ގްރޫޕަށް ރައީސް އިރުޝާދު ދެއްވުމަށް ހަދާފައިވާ އެ ގްރޫޕުގެ އެޑްމިނަކަށް ވެސް އިންނަވަނީ ރައީސް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ