ޒާތީ މިނިވަންކަމަށް ހުރަސްއެޅޭތީ އިނގިރޭސިވިލާތުގެ ހުށަހެޅުމަށް ސިގްނަލްގެ ފާޑުކިޔުން

އޮންލައިން މާހައުލުތަކުގައި ކުޑަކުދިން ރައްކާތެރިކުރުމަށް އިނގިރޭސިވިލާތުން ހުށަހަޅާފައިވާ ފިޔަވަޅުތަކަށް ސިގްނަލް އެޕްއިން ފާޑުކިޔައިފި އެވެ.
އެ ކުންފުނިން އިންޒާރު ދީފައިވާ ގޮތުގައި މި ފިޔަވަޅުތަކުގެ ސަބަބުން ފާރަވެރިވުން އިތުރުވެ، އަމިއްލަ މިނިވަންކަމާއި ސިއްރު ހިފެހެއްޓުމުގެ ހައްގުތަކަށް ހުރަސް އެޅިގެންދާނެ އެވެ.
އިއްޔެ ނެރުނު ބަޔާނެއްގައ ސިގްނަލްއިން ބުނެފައިވަނީ، މަޖުބޫރުކޮށްގެން އުމުރު ކަށަވަރުކުރުމާއި ކޮންޓެންޓް ސްކޭން ކުރުމަށް ނިންމުމަކީ ކުދިން ރައްކާތެރި ކުރެވޭނެ ގޮތެއް ނޫން ކަމަށެވެ. 
ކުޑަކުދިން ބޭނުންކުރާ ޑިވައިސްތަކުން ބަރަހަނާ މަންޒަރުތައް ނުފެންނާނެ ގޮތަށް ސަލާމަތީ ފީޗާތައް ވަރުގަދަކުރުމަށް އިނގިރޭސި ސަރުކާރުން ޓެކް ކުންފުނިތަކަށް ވަނީ އަންގާފައެވެ. ކުރިއަށް އޮތް ތިން މަސް ތެރޭގައި މި ބަދަލުތައް ނުގެނެސްފިނަމަ، ބޮޑެތި ޖޫރިމަނާތަކާއި ޖިނާއީ ދައުވާ ކުރެވޭ ފަދަ ހަރުކަށި ގާނޫނެއް ވުޖޫދުކުރާނެ ކަމުގެ އިންޒާރު ބޮޑުވަޒީރު ވަނީ ދެއްވާފައެވެ.
އިނގިރޭސިވިލާތުގައި ބޭނުންކުރާ ޑިވައިސްތަކުގައި ހުންނަ ކޮންޓެންޓްތަކުގެ ތެރެއިން ބަރަހަނާ މަންޒަރުތައް ހުރިތޯ ސްކޭން ކުރުމާއި، އުމުރު ކަށަވަރުކުރާ ނިޒާމުތައް ގާއިމުކުރުމަށް ލާޒިމުކުރުމަކީ، އެހެނިހެން ބާވަތްތަކުގެ މައުލޫމާތުތަކަށް ފާރަވެރިވުމަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއް އުފެއްދުމަށް ކުރާ މަސައްކަތެއް ކަމަށް އެ ކުންފުނިން ތުހުމަތުކުރެ އެވެ.
މީގެ އިތުރުން، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން މީހުންގެ ޒާތީ މައުލޫމާތުގެ މައްޗަށް އޮންނަ ކޮންޓްރޯލް އިތުރުކޮށް، އެ ކުންފުނިތަކުގެ ނުފޫޒު ގަދަވެގެންދާނެ ކަމުގެ އިންޒާރު ވެސް ސިގްނަލް އިން ވަނީ ދީފަ އެވެ.
އިނގިރޭސި ބޮޑު ވަޒީރު އިއްޔެ ވިދާޅުވީ 18 އަހަރުން ދަށުގެ ކުދިން ބޭނުންކުރާ ސްމާޓްފޯންތަކާއި އެހެނިހެން ޑިވައިސްތަކުގައި ބަރަހަނާ މަންޒަރު ނުފެންނަ ގޮތް ހެދުން ޓެކްނޮލޮޖީ ކުންފުނިތައް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ