ތިނަދޫގެ ބޮޑެތި މަޝްރޫއުތައް ނުނިމޭ، އެއީ ވަރަށް ބޮޑު ދެރައެއް: ނަޝީދު

މި ސަރުކާރުން ގދ. ތިނަދޫގައި ހިންގާ ބޮޑެތި މަޝްރޫއުތައް ނުނިމޭ ކަމަށާއި އެއީ އެވަރު ބޮޑު އާބާދީއަކަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނަޝީދު އިއުލާން ކުރައްވާފައިވާއިރު، މިދިޔަ ހުކުރު ދުވަހު އެމަނިކުފާނު ވަނީ ގދ. ތިނަދުއަށް ވަޑައިގެންފައެވެ. އެ ދަތުރު ނިންމާވާލެއްވުމަށް ފަހު "ސަންގު" ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެ ރަށު ކައުންސިލުގެ މަސައްކަތް ވަރަށް ރަނގަޅު ކަމަށެވެ. އަދި އެ ކައުންސިލުން ހިންގާ މަޝްރޫއުތައް ވެސް ހިންގާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެ ރަށުގައި ހިންގާ ބޮޑެތި މަޝްރޫއުތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މިސާލަކަށް ތާރުއެޅުން ފަދަ ކަންކަން. ހަތަރު އަހަރު ވީ ނުނިމެ. އެހެން ގޮސް ބައިވަރު މަސައްކަތްތައް ހުރީ އެހެން ގޮސް ނިންމާ ނުލެވި،" އެމަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ތިނަދޫ ފަދަ ބޮޑު އާބާދީއެއް އޮންނަ ރަށެއްގައި ގިނަ ދުވަސްތަކެއް ވަންދެން ފަސްގަނޑުތައް ޖަހާފައި ވަޅުގަނޑުތައް އޮތީމަ ދަތި ކަމަކަށް ވާނެއެވެ. އެހެން ކަމުން އެ މަސައްކަތްތައް ނިންމާ ނުލެވޭކަން އެއީ ވަރަށް ބޮޑު ދެރައެއް ކަމަށް އެމަނުކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ތިނަދޫއަށް ވަޑައިގެންދުވަހާ ދިމާކޮށް އެރަށުގައި އެކި ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުން، ސަރުކާރުން އަންގައިގެން މާލެ ގެނައި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލުކުރުމުން ނަޝީދު ވިދާޅުވީ، އެކަހަލަ މައުލޫމާތެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ތިނަދުއަކީ 12،000ގެ އާބާދީއެއް އޮންނަ ރަށެއް ކަމަށާއި ބަޔަކު އެގޮތަށް ކަންތައް ކުރި ނަމަވެސް ނަޝީދަށް އެނގުންވާނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވަނީ ބަރުލަމާނީ ނިޒާމެއް ގެންނަން އެމްޑީޕީން ވި ވައުދު ނުފުއްދާ ކަމަށް އެ އިންޓަވިއުގައި ވެސް ވިދާޅުވެފައެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުން ގިނަ ބަޔަކު ބަރުލަމާނީއަށް ތާއީދުކުރާނެ ކަމަށް ވެސް އެމަނުކުފާނު ވިދާޅުވިއެވެ. ނަމަވެސް ނަޝީދު ފިޔަވައި ބަރުލަމާނީ ނިޒާމެއް ގެންނަން ސިޔާސީ އެހެން ހުރިހާ ލީޑަރުން ވެސް ވަނީ ދެކޮޅު ހައްދަވައިފައެވެ. އެމްޑީޕީން ޕްރައިމެރީއެއް ބާއްވައިގެން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެ ޕާޓީން ވާދަކުރާނެ ކެނޑިޑޭޓް ކަނޑައަޅަން ނިންމާފައިވާއިރު ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އެ ދަތުރުތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރައްވާނެ ކަމަށެވެ. ރިޔާސީ ޕްރައިމެރީއެއް ބާއްވާނެ ވަކި ތާރީޚެއް އެމްޑީޕީން އަދި އިއުލާނު ކޮށްފައިނުވާއިރު ރިޔާސީ އާ ދައުރެއް ހޯއްދެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެސް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ